މާލޭ ލޮނުޒިޔާރާތްކޮޅު ސަރަހައްދުގައި މާލޭ ސިޓީ ކައުންސިލުން ތަރައްޤީކޮށްފައިވާ ޕާކް (އަޑި ޕާކް) ގެ މައްސަލައިގައި މާލޭ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުޙައްމަދަށް ދައުވާ ކުރުމަށް ޕްރޮސިކިއުޓަރޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
އެންޓިކޮރަޕްޝަން ކޮމިޝަން(އޭސީސީ) އިން ވިދާޅުވީ މޭޔަރ ޝިފާގެ މައްޗަށް ދަޢުވާކުރުމަށްޓަކައި ފޮނުވާފައިވަނީ، ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާކަމުގެ ދަޢުވާކަމަށެވެ. މިދަޢުވާކުރުމަށް ފޮނުވައިފައިވަނީ، ހާމަކަންބޮޑު ދެފުންފެންނަ އުޞޫލެއް ނެތި، އެއްބަސްވުމެއް އަދި ލިޔެކިޔުމެއް ނެތި، އަމިން ކޮންސްޓްރަކްޝަނާ މަސައްކަތް ހަވާލުކޮށް ކުރުވުމާއި، ހިލޭ އެހީގެ ހުށަހެޅުމެއް ލިބިފައި އޮއްވައި އެކަން ހިއްސާކުރަންޖެހޭ ފަރާތްތަކާ ހިއްސާނުކޮށް އޮތުމުންނެވެ. އަދި އެ ކުންފުނިން ޢަމަލީގޮތުން ދެފާޚާނާބަރީގެ މަސައްކަތް ފެށިފަހުންވެސް ކައުންސިލްގެ އިދާރާގެ ބަޖެޓްގެ ތެރެއިން ބިޑް ކޮމިޓީ މެދުވެރިކޮށް މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައެޅުމަށް މޭޔަރ ޝިފާ މަސައްކަތްކޮށްފައިވާތީއެވެ. އެފަދައިން ޢަމަލުކޮށްފައިވަނީ އަމިން ކޮންސްޓްރަކްޝަނަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ ނިޔަތުގައިކަން ތަޙުޤީޤަށް ލިބިފައިހުރި ހެކިތަކުން އެނގެން އޮތްކަމަށްއޭސީސީން ފާހަގަ ކުރައްވައެވެ.
މި މައްސަލައިގައި އެ ކޮމިޝަންގެ ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކުގެ ތެރޭގައި ވާދަވެރި ބީލަމެއްގެ ތެރެއިން އެމަސައްކަތް ހަވާލުކުރެވެން އޮތްކަން ތަޙުޤީޤަށް ފާހަގަކުރެވިފައިވާއިރު، އަމީން ކޮންސްޓްރަކްޝަނާ މި މަސައްކަތް ހަވާލުކޮށްފައިވަނީ ލިޔެކިޔުމެއް ނެތި ވާދަވެރި ދެފުށްފެންނަ އުޞޫލަކުން ނޫންކަން ފާހަގަކުރައްވައިފައި ވެއެވެ. ފުރަތަމަވެސް އެ ކުންފުނިން އެކަނި ކޯޓޭޝަން ހޯދައިގެން ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ އުޞޫލުން މިނިސްޓްރީ އޮފް ފިނޭންސްއަށް ހުށަހަޅައިގެން މަސައްކަތް ހަވާލުކުރުމަށް މަސައްކަތް ކޮށްފައިވާކަން ވެސް ވަނީ ފާހަގަކުރައްވައިފައެވެ. ފިނޭންސް މިނިސްޓްރީން އެ ހުއްދަ ނުދީ، ކައުންސިލްގެ އިދާރާގެ ބިޑް ކޮމިޓީގެ ހުއްދައަށް އެދުމަށް، އެންގުމުން، ތިން ކޯޓޭޝަން ހަމަކޮށް ބިޑް ކޮމިޓީއަށް ހުށަހެޅިނަމަވެސް، އެ ކޮމިޓީއަށާއި ކައުންސިލްގެ މެމްބަރުންނަށް އެންގުމަކާ ނުލައި އެ މަސައްކަތް އަމިން ކޮންސްޓަރަކްޝނާ ހަވާލުކޮށްގެން ކުރުވާފައިވާކަން ފާހަގަކޮށްފައި ވެއެވެ. އަދި ބިޑް ކޮމިޓީއިން ނުވަތަ މާލޭ ސިޓީ ކައުންސިލުން އެ މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅާފައިނުވާކަން ފާހަގަކުރެވިފައިވާއިރު، ޢަމަލީގޮތުން އެ ބިމުގައި މަސައްކަތް ފެށުމަށް ހުއްދަ ދެވޭނީ ކައުންސިލަށް ނުވަތަ ކައުންސިލްގެ އެންމެ އިސް ފަރާތެއްގެ ހައިސިއްޔަތުން މާލޭ ސިޓީގެ މޭޔަރ ޝިފާ އަށް ކަމަށްވެފައި، އެ ހުއްދަ ދިނީ މޭޔަރ ޝިފާ ކަން ތަޙުޤީޤުން އެނގިފައިވާކަމަށް ވަނީ ފާހަގަ ކުރައްވައިފައެވެ. އެކަން ހިނގަމުން ދިޔައިރު މަސައްކަތް ހުއްޓުވުމުގެ ބާރު ލިބި އޮވެ މަސައްކަތް ހުއްޓުވާފައި ނުވާކަން ވެސް ތަޙްޤީޤަށް ފާހަގަކުރެވިފައިވާކަމަށް އޭސީސީން ވިދާޅުވިއެވެ.
ސްރީލަންކާގެ ކުންފުންޏަކުން، ދެ ފާޚާނާބަރީގެ މަސައްކަތް ކޮށްދޭ ފަރާތަކަށް ފައިސާ ދައްކާނެކަމަށް މާލޭ ސިޓީގެ މޭޔަރ ޝިފާއަށް އެޑްރެސްކޮށް މާލޭ ސިޓީ ކައުންސިލަށް މިދިޔައަހަރުގެ އޮކްޓޫބަރ 15 ގައި ފޮނުވާފައިވާ ސިޓީގައި ބުނެފައިވާއިރު، ވަކި ކުންފުންޏަކާ މަސައްކަތް ހަވާލުކުރުމަށް އެ ކުންފުނިން އެދިފައިނުވާކަން ވެސް އޭސީސީން ފާހަގަކުރައްވައެވެ. ހިލޭ އެހީއަކީ ދައުލަތަށް ލިބޭ ފައިސާކަމަށްވީއިރު އެ ފައިސާ ޚަރަދުކުރަން އޮންނަނީ ދައުލަތުގެ މާލިއްޔަތުގެ ޤަވާޢިދާ އެއްގޮތައްކަމަށްވީހިނދު، އަދި ހިލޭ އެހީ ހުށަހެޅިކަން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 9 ވަނަ ބާބުގައި ބަޔާންކުރާ އުޞޫލުތަކާ އެއްގޮތަށް މިނިސްޓްރީ އޮފް ފިނޭންސްއާއި، މާލޭ ސިޓީ ކައުންސިލްގެ މެމްބަރުންނާއި، ބިޑް ކޮމިޓީގެ މެމްބަރުންނާއި، ކައުންސިލްގެ އިދާރާގެ ފައިނޭންސް ސެކްޝަނާ މޭޔަރ ޝިފާ ޙިއްސާކުރައްވައިފައި ނުވާކަން ތަޙްޤީޤަށް އެނގިފައިވާކަމަށް ވެސް އޭސިސީން ވިދާޅުވިއެވެ. ކައުންސިލްގެ އިދާރާއިން ފިނޭންސް މިނިސްޓްރީއާ އެ މަޢުލޫމާތު ހިއްސާކުރީ މަސައްކަތް ނިމި ކައުންސިލްގެ އިދާރާއާ ތަން ހަވާލުކުރި ފަހުންކަން އެނގޭކަމަށް އޭސީސީން ވިދާޅުވިއެވެ.
އެ މަސައްކަތް ހަވާލުކޮށްފައިވަނީ އެއްބަސްވުމެއްގެ ދަށުން ނޫންކަމަށްވާތީ މަސައްކަތުގެ ތަފްޞީލް އެނގެން ނެތްކަން އޭސީސީން ފާހަގަ ކުރައްވައެވެ. ޖުމުލަ ތިން މެމޯއަކުން މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅައިދިނުމަށް އެދި އެކި ދުވަސް މަތިން މޭޔަރ ޝިފާ ބިޑް ކޮމިޓީގައި އެދިފައިވާއިރު، މަސައްކަތް ފެށިކަމަށް ބުނާ ތާރީޚްގެ ފަހުން ވެސް ފާޚާނާބަރި ހިމެނޭގޮތަށް ޢިމާރާތްތަކުގެ މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅައިދިނުމަށް އެދި މޭޔަރ ޝިފާ ބިޑް ކޮމިޓީއަށް މެމޯ ފޮނުވައިފައިވާ ކަން ވަނީ ފާހަގަ ކޮށްފައެވެ. އެމެމޯ ފޮނުވައިފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރ 21 ގައެވެ. އެ މެމޯ ފޮނުވިއިރުވެސް ޢަމަލީ ގޮތުން އެ މަސައްކަތް ފަށާފައިވާކަން ތަޙްޤީޤަށް ފާހަގަކުރެވިފައި ވާކަމަށް އޭސީސީން ވިދާޅުވިއެވެ.
ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ އުޞޫލުން އަމިން ކޮންސްޓްރަކްޝަނާ މަސައްކަތް ހަވާލުކުރުމަށް މަސައްކަތްކޮށްފައިވާއިރު ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު ގެ 10.25 ވަނަ މާއްދާގައި ބަޔާންކުރާފަދަ ޙާލަތެއް ދިމާވެފައިވާކަމަށް ތަޙުޤީޤަށް ޤަބޫލުނުކުރެވޭކަމަށް ވަނީ ފާހަގަ ކޮށްފައެވެ. ފާޚާނާބަރި ފިޔަވައި ހަދަންހުރި ޢިމާރާތްތަކުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިދިޔަ އަހަރުގެ ޑިސެމްބަރ ތެރޭގައި އިޢުލާނުކޮށްފައިވާތީ އެ އުޞޫލުން ކުރިންވެސް ހުރިހާ މަސައްކަތެއް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކޮށްގެން ކުރިއަށްގެންދިއުމުގެ ފުރުސަތު އޮތްކަން އޭސީސީން ފާހަގަ ކުރެއްވިއެވެ.
"ހުރިހާ ޢިމާރާތެއްގެ މަސައްކަތް ސިންގަލް ސޯސް ޕްރޮކިއުމަންޓް އުޞޫލުން އަމިން ކޮންސްޓްރަކްޝަނާ ހަވާލުކުރުމަށް ކައުންސިލްގެ އިދާރާއިން ފުރަތަމަ މަސައްކަތްކޮށްފައިވާކަމާއި، ނަމަވެސް މި މައްސަލައިގެ ތަޙުޤީޤު ފެށިފަހުން، ދެންހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް 2019 ގެ ޑިސެންބަރު މަހުގެ ތެރޭގައި ކައުންސިލްގެ އިދާރާއިން އިޢުލާނުކޮށްފައިވާކަމާއި، ނަމަވެސް އެ މަސައްކަތްތައް އެއްވެސް ފަރާތަކާ ހަވާލުކޮށްފައިނުވާކަން ތަޙްޤީޤަށް ވަނީއެނގިފައެވެ." އޭސީސީން ވިދާޅުވިއެވެ.
ލޮނުޒިޔާރަތްކޮޅު ސަރަޙައްދުގައި ޕާކު ތަރައްޤީކުރުމަށް މާލޭ ސިޓީ ކައުންސިލުން ހިންގާފައިވާ މަޝްރޫޢުގައި ހިމެނޭ ޢިމާރާތްތަކުގެ މަސައްކަތްތަކުގެ ތެރެއިން ދެ ފާޚާނާބަރީގެ މަސައްކަތުގެ އިތުރުން ތިންހަޓާއި، ތިން އެންޓްރަންސް ކެނޮޕީއާއި، ލައިފްގާޑް ޓަވަރެއް ރެނޮވޭޓްކުރުމާއި، އެއް ގާޑަން ބްރިޖް ހަދައި އިންސްޓޯލްކުރުން ހިމެނެއެވެ.