މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑަށް (އެމް.އާރް.ޑީ.ސީ)ގެ ލޭންޑިންގ ކްރާފްޓްގެ މައްސަލައިގައި، އެކުންފުނީގެ ކުރީބޯޑުގެ ހަތަރުމެމްބަރަކަށް ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހާމަކޮށްފައިވާ ގޮތުގައި އެމް.އާރް.ޑީ.ސީގެ ކުރީބޯޑުގެ ހަތަރުމެމްބަރަކަށް ދަޢުވާކރުމަށް ޕީޖީ އޮފީހަށް ފޮނުއްވީ 2014 ވަނައަހަރު ލޭންޑިންގ ކްރާފްޓެއް ގަތުމަށް ހުޅުވާލި ބީލަން ކާމިޔާބުކުރި ފަރާތަށް، ލޭންޑިންގ ކްރާފްޓް ގަންނަ އަގުގެ %50 އަށްވާ ފައިސާ ދީފައިވަނީ އެކުންފުނީގެ ބޯޑު މެންބަރުންގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިފަރާތަކަށް ނާޖާއިޒުފައިދާ ހޯދައިދިނުމަށްކަމަށް ބުނާ މައްސަލަ ތަޙްޤީޤުކޮށް ނިންމުމަށްފަހުއެވެ.
މި މައްސަލައިގައި ދަޢުވާކުރުމަށް ފޮނުވާފައިވަނީ، އެމް.އާރް.ޑީ.ސީގެ ކުރީގެ ބޯޑުގެ މެންބަރުން ކަމުގައިވާ އިބްރާހީމް ނަޡީމް (މއ.އެލީޒިއަމް) އާއި މުޙައްމަދު ރިޔާޟް (ވ.ނަލަދުވެލި) އާއި އަޙްމަދު ރަޝީދު (މއ.ޔެލޯޑައިމަންޑް) އަދި މުޙައްމަދު ޢަލީދީދީ (ގ.މާބަދި) ގެ މައްޗަށެވެ. މިފަރާތްތަކުގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވާފައިވަނީ، ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ޤާނޫނު ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދަޢުވާއެވެ.
މި މައްސަލައަކީ، ކޮރަޕްޝަންގެ ކުށެއް އެކުލެވިގެން ނުވާ މައްސަލައެއްކަމަށް އޭރުގެ ކޮމިޝަނުން ނިންމާފައިވާ މައްސަލައެކެވެ. އެގޮތަށް ނިނަމައިފައިވަނީ 2018 ވަނައަހަރު އޮކްޓޫބަރ 16 ގައެވެ. އެހެންނަމަވެސް، މިދިޔަ އަހަރު ޑިސެމްބަރ 12 ގައި މި މައްސަލަ އަލުން ރިވިއުކޮށްދިނުމަށް އެދި މައްސަލަ ތަޙްޤީޤުކުރި ޓީމުން އެދިފައިވާތީ، މި މައްސަލައިގެ ފައިލް އަލުން ހުޅުވައި ތަޙްޤީޤު ފުރިހަމަ ކުރުމަށް މިހާރު ކޮމިޝަނުން ނިންމެވީކަމަށް އެސީސީން ވިދާޅުވިއެވެ. މި މައްސަލަ އަލުން ބެލުން ބަލާ ތަޙްޤީޤްކުރުމަށް މިހާރުގެ ކޮމިޝަނުން ނިންމެވީ މިއަހަރުގެ ފެބުރުއަރީ 24 ގައެވެ.
މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތުގެ ތަފްޞީލް ހާމަކުރައްވަމުން އޭސީސީން ވިދާޅުވީ، އެމް.އާރް.ޑީ.ސީ އަށް ލޭންޑިންގ ކްރާފްޓެއް ގަތުމަށް ޓްރޮޕިކް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެކު ވެފައިވާ އެއްބަސްވުމަށް އިސްލާހު ގެނެސް ލޭންޑިންގ ކްރާފްޓް ގަންނަ ޖުމްލަ އަގުގެ %50 (ފަންސާސް އިންސައްތަ) އަށްވާ 7,494,200.00 (ހަތް މިލިއަން ހަތަރުސަތޭކަ ނުވަދިހަ ހަތަރުހާސް ދުއިސައްތަ) ރުފިޔާ އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ޓްރޮޕިކް އިންވެސްޓްމަންޓަށް ދިނުމަށް އެމް.އާރް.ޑީ.ސީގެ ބޯޑުން ފާސްކޮށްފައިވާކަމަށެވެ. އެގޮތަށް ފާސްކޮށްފައިވަނީ އެ ބޯޑުގެ މެންބަރުން ކަމުގައިވާ އިބްރާހީމް ނަޡީމް އާއި މުޙައްމަދު ރިޔާޟް އާއި އަޙްމަދު ރަޝީދު އަދި މުޙައްމަދު ޢަލީދީދީ އަށް އެނގިހުރެކަމަށެވެ. އަދި އެފައިސާ ޓްރޮޕިކް އިންވެސްޓްމަންޓަށް ދޫކުރުމަށް، އިބްރާހީމް ނަޡީމް އެއްބަސްވުމުގެ އިސްލާހުގައި ސޮއިކޮށް، ޕޭމަންޓް ވައުޗަރ އެޕްރޫވްކުރީ ވެސް އޭނާގެ އެ ޢަމަލުގެ ނަތީޖާ އެނގިހުރެ، މަޤާމުގެ ނުފޫޒުބޭނުންކޮށްގެން ޓްރޮޕިކް އިންވެސްޓަށް ފައިދާ ހޯދައިދިނުމަށްކަން ޝައްކެއްނެތް މިންވަރަށް ތަޙްޤީޤަށް ސާބިތުކުރެވޭކަމަށް އޭސީސީން ވިދާޅުވެއެވެ.