ފަޅިމޫނު - 3

(27 ސެޕްޓެމްބަރ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

މުސްކުޅި އަންހެންމީހާ އޭނާގެ ދަރިންކޮޅު ގޮވައިގެން ކާރުގެ ފަހަތަށް އަރައިފިއެވެ. އެއީ މުސްކުޅި މީހެކެވެ. އަނެއްކޮޅުން ކުޑަ ކުދިންކޮޅެއް ގޮވައިގެން އުޅޭ މީހެކެވެ. އެހެންވީމާ އެހެން ގޮތެއްވެސް ނެތީއެވެ. އެކަމަކު ބާދްޝާ ޖާނީގެ ހިތުގައި އެމީހާގެ މައްޗަކަށް ހަމްދަރްދީއެއް ނުއުފެދުނެވެ. އޭނާ ވިސްނަމުން ދިޔައީ އޭނާގެ ހިތުގެ ފާރަށް ދެވޭނޭ ފަރުވާއަކާ މެދުގައެވެ.

ފުރަތަމަ ހިތަށް އެރީ ޖަހާންގީރް ރޯޑަށް ގޮސް އިންޖިނޭރުބޭބެއަށް އުފާވެރި ޚަބަރު ދޭށެވެ. އެހެންނަމަވެސް  މިހާރު ވަނީ އެ ޚިޔާލު ބަދަލު ވެފައެވެ. އޭނާއަކީ ފައިސާއަށް މާ ބޮޑު ސަމާލުކަމެއް ދޭ މީހެއް ނޫނެވެ. އޭނާ ބޭނުން ވަނީ ތުނބުޅި ބާލައި، ފެންވަރައި، ނަލަވާށެވެ. އެ އަންހެންކުއްޖާޔާ އެކަށީގެންވާ މީހަކަށް ވާށެވެ. ބާދްޝާ ޖާނީގެ ގެ ހުންނަނީ ނާގިން ޗޯރަންގީގައެވެ. އެތަނަށް ދާން އެއްބަސްވީ އެހެން ވެގެންނެވެ.

މުސްކުޅި އަނަހެންމީހާ ބުނި ތަނަށް އެމީހުން ބާލާފައި ފަނަރަ ރުފިޔާ އަތުލައިގެން އޭނާ ދިޔައީ ސީދާ ގެއަށެވެ. އޭނާގެ ގެ ހުންނަނީ އަށްޑިހަ ގަޒުގެ ގޯއްޗެއްގައެވެ. އެއީ އެއްކޮޓަރީގެ ގެއެކެވެ. ކޮޓަރީގައި ފާޚާނާ ހުރެއެވެ. ބަދިގެއާއި ބޮޑު ކޮޓަރި ހުންނަނީ ވަކިންނެވެ. ކުޑަ ގެއެއް ކަމުގައި ވިޔަސް އެއީ ރީތި ގެއެކެވެ. ބަގީޗާ އަކަށް ފުދޭވަރުގެ ޖާގަ ގޯތީގައި އެބައޮތެވެ. އެކަމަކު މާފޮޅުވުމަކީ މީގެ ކުރިން އޭނާ ޚިޔާލު ކުރި ކަމެއް ނޫނެވެ. ގޯތީގެ ފަޅުކަން އޭނާއަށް އިހުސާސް ކުރެވުނީ މިއަދުއެވެ. އޭނާގެ ހިތަށް އެރިއެވެ. އެކުއްޖާ މިގެއަށް އައީމާ ރީތި މަލެއް ދޭން ވާނެތާއެވެ. އެކަމަކު މަލެއް ހޯދާނީ ކޮން ތަނަކުން ހެއްޔެވެ؟

އާނާގެ ގެޔާ ޖެހިގެން އޮތީ ހުސް ގޯއްޗެކެވެ. އެ ގޯތި ގަންނާށޭ އެތައް ބަޔަކު އޭނާ ގާތު ބުނެފިއެވެ. ގޯއްޗާ ބެހޭ އޮފީހުގެ މީހަކުވެސް އެވާހަކަ ދެތިން ފަހަރަކު ދައްކައިފިއެވެ. ކަރާޗީ ދަނީ ބޮޑު ވަމުން މީހުން ގިނަ ވަމުންނެވެ. އެހެންވީމާ މި ހިސާބުގަނޑުގެ ގޯތިގޯތީގެ އަގު ވަރަށް ބޮޑު ވެގެން ދާނޭ ކަމަށް ކިޔައި އުޅެއެވެ. އެފަދަ ދުވަހެއް އައީމާ ހިތުހުރި އަގަކަށް ގޯތި ވިއްކައިލެވޭނެއެވެ. އެކަމަކު އޭނާއަކީ މުދަލާއި ފައިސާ އެއްކުރުމުގެ ޚިޔާލެއް ކުރާ މީހެއް ނޫނެވެ. އޭނާގެ އުސޫލަކީ ލިބޭ ފައިސާކޮޅުން އުފާކޮށް އުޅުމެވެ. އެކަމަކު މިއަދު އޭނާގެ ޚިޔާލަށް އެހެން ކަމެއް ވަދެއްޖެއެވެ. އޭނާ އިންނާން މި ޖެހެނީ ޑަކްޓަރަކާއެވެ. ޑަކްޓަރު މަސައްކަތް ކުރާނޭ ހަސްފަތާލެއް އަޅަން ވާނެތާއެވެ. އެހެންވީމާ ޖެހިގެން އޮތް ގޯތި ނުގަނެއެއް ނުވާނެއެވެ.

އޭނާގެ ސިކުނޑީގައި އެކި ކަހަލަ ޚިޔާލުތައް އެނބުރެނީއެވެ. ޚިޔާލުގެ ތެރެއަށް ގެއްލިފައި ހުއްޓާ ގޭގެ އަނެއް ފަރާތުގައި ހުރި ގެއިން މީހަކު ގޮވައިލިއެވެ. "ބާދްޝާ. މި ވަގުތާ ދިމާކޮށް އައިކަން ވަރަށް ރަނގަޅު. އަހަރެންގެ ދަރިފުޅު އުޅެނީ ބަލިވެ. އޭނާ ގޮވައިގެން ހަސްފަތާލަށް ދާން އެބަ ޖެހޭ. ހަވީރު މިގޭ ދޮށަށް ކާރުގައި އާދެވިދާނެތަ؟"

އޭނާ ބުންޏެވެ. "އެ ގަޑީގައި މި ހިސާބަށް އަންނަ މީހަކު ކާރަށް އަރައިފިއްޔާ އަންނާނަން... ތިޔަ ގެއަށް ޑަރޯގާއަކު އާދެއެއްނު؟ މިގެއަށް އައިސް ގޯތިތެރޭގައި ބަގީޗާއެއް ހައްދަން އޭނާ މަސައްކަތް ކޮށްދީފާނެތަ؟"

"އާނ. ނުކުރާންވީ ކީއްވެގެން؟ އޭނާއަށް ފައިސާކޮޅެއް ދިނީމާ ކޮންމެ ކަމެއްވެސް ކޮށްދީފާނެ."

"އެންމެ ރަނގަޅު. މިއަދުން ފެށިގެން މި ގޭގައި މަސައްކަތް ކުރަން ފަށާށޭ އޭނާ ގާތު ބުނާތި. ގޯތި ތެރޭގައި ރީތި ބަގީޗާއެއް ހައްދަން އަހަރެން ބޭނުން. ދަރިފުޅު ހަސްފަތާލަށް ގެންގޮސްދޭން ބުނި ވަގުތަކު އަންނާނަން."

އޭނާ ވަރައެއް ނެތި އުދުހެނީއެވެ. ބުނެލުމާއެކު ގޯތި ތެރެ ރީތި ބަގީޗާއަކަށް ވެއްޖެ ކަމުގައި އިހުސާސް ކުރެވޭން ފަށައިފިއެވެ. އޭނާ އުފަލުން ހިނިތުންވަމުން ގޮސް ގޭތެރެއަށް ވަދެއްޖެއެވެ. ކޮޓަރީގައި ހުރީ ބައު އެނދެކެވެ. އެނދުގައި އޮތީ ބައު ގޮދަޑިއަކާއި ދާވެފައި އޮތް މިލަފޭއެްޔެކެވެ. މޭޒުމަތީގައި ދެތިން ހަލުވާ އޮތެވެ. މެހީގެ ސަބަބުން އެ ހަލުވާގެ ކުލައެއް ނުފެނެއެވެ. އޭނާ ބޮލުގައި ދެއަތުން ހިފަހައްޓައިލިއެވެ. "ޔާރައްބީ. އެ މަންޖެ މިގެއަށް އަތުވެއްޖެއްޔާ، ވަންނަ ގޮތަށް އެނބުރި ނުކުމެގެން ހިނގައިދާނެ."

މިހެން ބުނެފައި އަމިއްލައަށް މޫނުމަތީގައި އެތިފަހަރެއް ޖަހައިފިއެވެ. މަންޖެއޭ މި ކިޔުނީ ކާކަށް ހެއްޔެވެ؟ ކުލީކާރު ދުއްވާ މީހުންގެ ބަހުރުވައިން ވާހަކަ ދައްކާކަށް ނުވާނެއެވެ. މަންޖެގެ ބަދަލުގައި ކިޔަން ވާނީ ފަތްމިނި، ހިޔަލަ ކަހަލަ ކޮންމެވެސް އެއްޗެކޭއެވެ. ކިޔާނީ ކީކޭ ކަމެއް ކަނޑައެއް ނޭޅުނެވެ. އެހެންވީމާ މޮޅު ބުއްދިއެއް ކޮށްފިއެވެ. ދެތިން ލޯބީގެވާހަކަ ގަނެގެން ކިޔާނީއެވެ. ވާހަކަފޮތުން ފެންނަ ރީތި، އަސަރުގަދަ، ލޯބީގެ އިބާރާތްތަކާއި ވާހަކަތައް ނޯޓުކޮށްގެން ދަސްކުރާނީއެވެ.

ލިޔެގެން ދަސްކުރާން ޖެހޭ ވާހަކަތައް ވަރަށް ގިނައެވެ. އޭގެ އިތުރަށް ބޭއާބާދު ގެ އާބާތުރަފިލުވުމަކީވެސް ކުރަންޖެހޭ ކަމެކެވެ. ރަނގަޅު އެނދެއް ގަންނާން ޖެހެއެވެ. އަރާމު ގޮދަޑިއަކާއި ސާފު، ހުދު މިލަފޭއްޔެއް ހޯދާން ޖެހެއެވެ. ބާލީހާއި، ގޮނޑި ސެޓާއި، މޭޒާއި، ހިފައިގެންގުޅޭ ސާމާނުފަދަ އެތައް އެއްޗެއް ގަންނާން ޖެހެއެވެ. އެކި ދިމަދިމާއިން ހުއިކޮޅު ޖަމާކޮށް ރީތި، އަރާމު ހާއްޔެއް ހަދަން ޖެހެއެވެ.

އޭނާ ގަޑިއަށް ބަލައިލިއެވެ. އެގާރަގަޑިބައި ވެއްޖެއެވެ. އޭނާ ކަންބޮޑު ވާން ފަށައިފިއެވެ. ކޮލެޖާ ހަމައަށް ދާން ލައްކަ ވަގުތު ހޭދަވާނެއެވެ. އޭގެ ކުރިން ކުރަން ހުރި ކަންތައްތައް މަދެއް ނޫނެވެ. އޭނާ ފޮށި ހުޅުވައިލިއެވެ. އަދި އަތުގައި އޮތް އެންމެ ރީތި ހެދުން ނަގައިފިއެވެ. ފަޓުލޫނަކާއި، ގަމީހަކާއި، މަތިންލާ ޖެކެޓެކެވެ. އެއީ ވަރަށް އަގުބޮޑު ހެދުމެކެވެ. އޭނާ އެ ހެދުން ލައިގެން ގަރާޖަށް ދިޔަ ދުވަހު މެކޭނިކުން ތިބީ ހައިރާންވެ އަންތަރީސް ވެފައެވެ. އެމީހުންގެ ކުރިމަތީގައި ހުރީ ރަސްކަލެއް ކަމުގައި ހީކުރެވުނެވެ.

ހެދުން ނެގުމަށް ފަހު ފޮށީގެ އެންމެ ފުނަށް އަތް ކޮއްޕައިލިއެވެ. އަތް ދަމައިގަތް އިރު އަތުގައި އޮތީ ނޫޓުބޮނޑިއެކެވެ. އެ ބޮނޑީގައި ދެހާހަށްވުރެ ގިނަ ރުފިޔާ އޮންނާނެއެވެ. ދެތިން އަހަރެއްހައި ދުވަސް ކުރީން ބޭންކުގައި އޭނާ އެކައުންޓެއް ހުޅުވިއެވެ. އެކައުންޓުގައި އޮތީ އެންމެ ފަންސާސް ރުފިޔާއެވެ. އެކަމަކު ފަސް އަހަރު ދުވަހުގެ ތެރޭގައި އޭނާ އިންޖިނޭރުބޭބެގެ އަތުގައި ބާރަ ހާސް ރުފިޔާ ޖަމާކޮށްފިއެވެ. އެއީވެސް ބޭބެގެ ގަދައެޅުމުގެ ސަބަބުން ކުރި ކަމެކެވެ. ބޭންކަށް ފައިސާ ލާކަށްވެސް އޭނާ ބޭނުމެއް ނުވެއެވެ. ކޮންމެ ދުވަހަކު ހަވީރު ޓެކްސީ ގަރާޖަށް ލާން އަންނަ ވަގުތު އިންޖިނޭރުބޭބެ އޭނާގެ ޖީބުން ފައިސާ ނަގައި ޖަމާ ކުރަނީއެވެ. ޖަމާކުރާ ވަރު ފޮތެއްގައި ނޯޓު ކުރަމުން އޭނާއަށް ޖުމުލަ ހުރި ވަރު އަންގަމުން ގެންދިޔައެވެ. ބޭނުމެއް ޖެހޭ ކަހަލަ ދަތި ވަގުތެއް އަތުވެދާނެއޭ، ރައްކާ ކުރަން އާދަ ކުރާށޭ، އަދި ފައިސާގެ ހިސާބުކިތާބު ބެލެހެއްޓުމަކީވެސް ކޮންމެހެން ކުރަން ޖެހޭ ކަމެކޭ ބޭބެ އަބަދުވެސް ބުނެއެވެ.

ކިހައި މަޖާ ކަމެއް ހެއްޔެވެ؟ މީސްމީހުން ފައިސާ ޖަމާކުރަނީ ދަތި ހާލެއް ދިމާވާ ދުވަހަކަށްޓަކައެވެ. އެކަމަކު އޭނާގެ ފައިސާގެ ބޭނުން މި ޖެހުނީ އުފާވެރި ކަމަކާ ގުޅިގެންނެވެ. ފައިބެ އީދަށް ގަތް އައު ބޫޓަކާއި އިސްޓާކީނު ޖޯޑެއް އެބައޮތެވެ. މި ހުރިހައި ސާމާނެއް ޖަމާ ކުރުމަށް ފަހު އޭނާ ގޮސް ކާރަށް އަރައިފިއެވެ.

ނާގިން ޗޯރަންގީ ގެ ސަރަހައްދަކީ މުޅީން އާބާދު ވެފައިވާ ސަރަހައްދެއް ނޫނެވެ. މަދު ގެއެއް ހުރި ނަމަވެސް އަދި ފިހާރައެއް ނެތެވެ. އަމުދުން ބޯކޮށާތަންތަންފަދަ ޚިދުމަތްދޭ ތަންތަނެއް ނެތެވެ. އެކަހަލަ ކަމެއް ބޭނުން ވެއްޖެ ނަމަ ޖެހެނީ ކައިރީގައި އޮތް ކަރީމްއާބާދަށް ދާށެވެ. އޭނާ ގޮސް މީނާ ބާޒާރަށް ކާރު މަޑުކޮށްފިއެވެ. އެ ހިސާބުގައި ކުޑަކުއްޖަކު ކާރު ފޮހެން އުޅޭތަން ފެނިފައި ބުންޏެވެ. "ކަލޯ. މޫނު ފެންނަ ވަރަށް ކާރު އޮފު އަރުވައިލާ. އެއް ރުފިޔާ ދޭނަން."

މިހެން ބުނެފައި ގޮސް ވަނީ ބޯކޮށާ ތަނަކަށެވެ. އޭނާ ފެނުނީމާ ބޯކޮށާމީހާ ހިނިތުންވެލިއެވެ. މިއީ އޭނާ އާއްމުކޮށް ބޯކޮށަން އަންނަ ތަނެވެ. ބޯކޮށުމުގެ އަގަށްވުރެ އިތުރަށް ފައިސާ ދޭތީ ބޯކޮށާމީހާ ހުންނަނީ އޭނާގެ ބޯކޮށައިދޭ ހިތުންނެވެ. އޭނާ ގޮނޑިއެއްގައި އިށީނދެފައި ބުނެލިއެވެ. "މިއަދު މި އައީ ތުނބުޅިބާލަން. ފެންނަ މީހާގެ ނަޒަރު އަހަރެންގެ މޫނުމަތީން ނައްޓާނުލާހައި ރީތިކޮށް އޮމާންކޮށް ބާލައިދޭތި."

ބޯކޮށާމީހާ ބުންޏެވެ. "ކަށަވަރެއްނު. މިއަދު އުފަންވީ ކުއްޖެކޭ އެއްވަރު ކޮށްލައި ދޭނަން."

"އުހުނ... ތުއްތު ކުއްޖަކަށް ހަދާނެ ކަމެއް ނެތް. މިއަދު މި ދަނީ އަކީ ބަތްކައްކާ ކުޅޭކަށް ނޫން. ބަތްކައްކާ ކުޅޭނޭ ކުއްޖަކު އުފަން ކުރުމުގެ ޕްރޮގްރާމް ފަށަން."

ބޯކޮށާމީހާ ބޯ ހޫރައިލިއެވެ. "ތިޔަ ކިޔާ އެއްޗެއް ނުވިސްނުނު."

"އަހަރެން ކިޔާ އެއްޗެއް ރަނގަޅަށް ވިސްނޭނީ އެނިވަސިޓީއަކުން ކިޔެވީމާ. އަނގަނުތަޅާ އަވަހަށް ކުރަފަތް ހިންގައިލާ."

ކުރަފަތް ހަނުލަމުން ބޯކޮށާމީހާ ބުންޏެވެ. "ފުރަތަމަ ފެންވަރައިލީމާ އިސްތަށިތައް މަޑުވާނެ."

"މަޑުކުރާނެ ކަމެއް ނެތް. ވީހައިވެސް އަވަހަކަށް ބާލައިދީ. ތުނބުޅި ބާލައިގެން ފެންވަރައިގެން އަހަރެން ލާ ހެދުން ލުމަށް ފަހު މިކަހަލަ ތަނެއްގައެއް ނުހުންނާނަން."

އެ ވަގުތު ބޯކޮށަތަނަށް ވަނީ ކާރު، ލޯރިފަދަ އެއްޗެހީގައި ކުރަހާ މުސައްވިރެކެވެ. "ކާރުގައި މަލެއް، މާކޯޅިއެއް ކަހަލަ އެއްޗެއް ކުރަހާލަންތަ؟ މި ރަށުގެ ވަރަށް ގިނަ އެއްގަމު އުޅަނދުގައި އަހަރެން ކުރަހައިފިން."

ބޯކޮށާމީހާ އޭނާގެ ތުނބުޅީގައި ސައިބޯނި އުނގުޅަނީއެވެ. ބާދްޝާ ލޯގަނޑުން ކުރަހާ މީހާޔާ ދިމާއަށް ބަލައިލާފައި ބުންޏެވެ. "ކަލޭ ލޯރިލޯރީގައި ހުންނަނީ ޖަންގައްޔާއި ފަރުބަދައާއި ކޯރުފަދަ ތަންތަން ކުރަފާހައި. ކާރުކާރުގައި ހުންނަނީ މަލާއި ގަސް ކުރަހާފައި. އަހަރެންގެ ކާރަށް އަރާ މީހުންނަކަށް އެކަހަލަ އެއްޗިއްސެއް ކަމަކު ނުދޭ. ހީވަނީ ކުޑަކުދިން ލޮއްސަން ކޮށްފައި ހުންނަ ކަމެއްހެން. ކަލެއަށް ކުރެހޭނީ ކޮން މަލެއް. އަހަރެންގެ ކާރުގައި މި ވަގުތުވެސް އެތައް މަލެއް އެއްފަހަރާ އެހެރަގެން ދަނީ ފޮޅެމުން."

އޭނާ ބޯ ހަލުވަން ފެށީމާ ބޯކޮށާ މީހާ ބުންޏެވެ. "އަތްއަތަށް ނުހޫރި އިނދޭ. އަހަރެން މި ގެންގުޅެނީ ތޫނު ކުރަފަތެއް. ތިޔަހެން ހޫރެނިކޮށް މޫނުމަތީގައި ގޮތްގޮތަށް އެތައް މަލެއް ފޮޅިދާނެ."

ބާދްޝާ ހިމޭން ވެއްޖެއެވެ. ތުނބުޅި ބާލަމުން ބޯކޮށާމީހާ ވާހަކަ ދައްކަމުން ގެންދިޔައެވެ. "މުސައްވިރު... ވެރިމީހާ ވަރުގަދަ ގުރައެއް މަޅީގައި ޖައްސައިގެން އުޅޭހެން ހީވޭ ދޯ؟"

ބާދްޝާ ބުންޏެވެ. "ވިޔާނުދާ ވާހަކަ ނުދައްކާ. އެއީ ތިޔަހެން މަޅީގައި ޖައްސާ ކަހަލަ އާދައިގެ ކުއްޖެއް ނޫން. ވަރަށް މަތީ ފެންވަރުގެ ކުއްޖެއް. މާ ގިނަ ދުވަހެއް ނުވެ އޭނާ ޑަކްޓަރަކަށް ވެދާނެ."

"މަރުހަބާ... މަރުހަބާ. ތިޔަ އަތުލައިގަތީ ވަރުގަދަ ކުއްޖެއްތާ. ކަންތައް ކިހައި ހިސާބަކަށް ހިނގައްޖެތަ؟"

ބާދްޝާ ޖަވާބެއް ދޭން އުޅެފައިމެ ހިމޭނުން އިނދެއްޖެއެވެ. އެއީ މިހާރު ކުރަފަތް ހިނގަމުން ދަނީ ދަތްދޮޅިން ތިރީގައި ކަމުގައި ވާތީއެވެ. ބޯކޮށާމީހާ ބުންޏެވެ. "އަހަރެން މިއީ ހިތަށް އައިހާ ވާހަކައެއް ދައްކާ މީހަކީމެއް ނޫން. އެކަމަކު ބުނަންތަ؟ ކަލެއަކީ ފުރިހަމަ ފިރިހެނެއް. ރީތި މީހެއް. ކޮންމެ މީހަކުވެސް އެ މީހެއްގެ ދަރި ކަލެޔާ ދެވައިފާނެ... ކަންތައް ދިޔައީ ކިހައި ހިސާބަކަށޭ..؟

ބޯކޮށާމީހާ ކުޑައިރުކޮޅަކަށް މަޑުޖައްސައިލީމާ ބާދްޝާ ބުންޏެވެ. "މިއަދަކީ ފުރަތަމަ ދުވަސް. ކަންތައް ދާނެ ހިސާބެއް ނޭނގޭ."

ބޯކޮށާމީހާ އަހައިލިއެވެ. "އޭނާ ވާހަކަދައްކާތަ؟"

"އާނ. ވާހަކަދައްކާ."

"ހިނިތުންވޭތަ؟"

"ހިނިތުންވުން އެކަންޏެއް ނޫން. ހީނވެސްހަދާ."

"އެހެން ވެއްޖެއްޔާ ތިޔަ އޮތީ ނިިމިފައެއްނު؟ އޭނާގެ ލޯބި ކަލެއަށް އެނގޭނީ ކަލޭގެ ކުރިމަތީގައި އަމިއްލައަށް ބޯ ފަޅައިލީމާތަ؟"

"އެއީ ކިޔަވައިގެން އިން މޮޅު ކުއްޖެއް. ޑަކްޓަރަކަށް ވާން އުޅޭ ކުއްޖެއް. މޮޅަށް ކިޔަވައިގެން ތިބޭ މީހުން އުޅޭނީ ވަރަށް ފުނުގައި. އެހައި ފުނަށް ފީނައިގަތުމަކީ އަހަރެމެން ކަހަލަ މީހުންނަށް ފަސޭހަ ކަމަކަށް ނުވާނެ. އެހެންވީމާ މި ހުންނަނީ ހަދާނޭ ގޮތެއް ނޭނގިފައި."

"ތިޔައީ އެހައި ބޮޑު ކަމެއް ނޫން. އޭނާ ދެކެ ލޯބިވާކަން ސާފުކޮށް އަންގައިދީ. އޭރުން އާނއެކޭ ނުވަތަ ނޫނެކޭ ބުނާނެތާ."

"ބޮނޑިލިބޭ ކަހަލަ މަޝްވަރާ ނުދީ ހުރޭ. އަހަރެން ބޭނުން ވަނީ އަހަރެން ނުބުނަނީސް އޭނާއަށް އަހަރެންގެ ހިތުގެ ހާލު އެނގޭގޮތް ވާން."

މުސައްވިރު ހީނގެންފިއެވެ. "ވަރަށް މޮޅު. ނުބުނެ ބުނުން... ބުނަން އުޅެފައި ނުބުނުން... ތިޔައީ ޅެންވެރި ޚިޔާލު. އެހެންވީމާ ޅެމަކުން ވާހަކަ ދެއްކީމާ ވަރަށް ފައްކާ ވާނެ. ބަސްބަހުގައްޔާއި ކުދި ވޭނުގައި އަހަރެން ލައްކަ ގިނަ ޅެން ބައިތު ލިޔެދީފައި ހުންނާނެ. ޅެންބައިތެއް ލިޔެދެނީ ފަސް ރުފިޔާއަށް. އުޅަނދު ދުއްވާ އެހެން ޑިރައިވަރުންނަކީވެސް ކަލޭ ކަހަލަ ޢިޝްޤީ މީހުން. އެތައް ޕަރީންނެއް ބަހަށް އަރާ. އެމީހުންވެސް އެ ތިބެނީ މިބުނި ކަހަލަ ޅެންވެރި މާހައުލެއްގައި ޕަރީންގެ ތެރޭގައި އުދުހި އުދުހި..."

ބާދްޝާ ނުރުހުން ވެއްޖެއެވެ. "ތިޔަ ދައްކަނީ ކޮން ކަހަލަ ގޮތްކުޑަ ވާހަކައެއް. އެ އަންހެނުން އެއީ މީސްމީހުންގެ އަނބިންނާއި މައިންނެއް ނޫންތަ؟"

(ނުނިމޭ)

4 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.