މުސްލިމުންނަށް އީޔޫގެ ގައުމުތަކުގައި ވަޒަންެވެރިވުމުގެ ފުރުސަތުދޭ ގޮތަށް ޔޫރަޕިއަން ޔުނިއަން (އީޔޫ) ގެ ތަންފީޒީ ބާރު، ޔޫރަޕިއަން ކޮމިޝަނުން އެކުލަވާލާފައިވާ ސިޔާސަތަށް ހަންގޭރީގެ ބޮޑުވަޒީރު ވިކްޓަރް އޮރްބާން ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވި ގޮތުގައި މުސްލިމުންނާއި ނަސާރާއިން "އެކުއެކީގައި އެއް ހަމައެއްގައި" ދިރިއުޅޭ މުޖްތަމައަކަށް އޭނާގެ ގައުމުން ތާއީދުނުކުރާނެއެވެ.
"މުސްލިމުންނާއި ނަސާރާއިން މަސްހުނިވެފައިވާ މުޖުތަމައެއް ސުލްހަވެރިވާނެ ކަމަށް، އަދި (އެފަދަ މުޖުތަަމައަކުން) ރައްޔިތުންނަށް ރައްކާތެރިކަމާއި، ރަނގަޅު ދިރިއުޅުމެއް ލިބިދޭނެ ކަމަށް އަހަރެން ގަބޫލެއް ނުކުރަން." ޔޫރަޕިއަން ކޮމިޝަންގެ ރައީސު އުރްސުލާ ވޮން ޑަ ލެޔެންއާ ބްރަސެލްސްގަ ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅުދަައްކަވަމުން އޮރްބާން ވިދާޅުވިއެވެ.
"ހަންގޭރީގަ އަހަރުމެން މިކަން ދެކެނީ ވަރަށް ހިފެހެއްޓިފައިވާ ނަޒަރަކުން. ހަންގޭރީގަ ދެބައިމީހުން އެއް ހަމައެއްގައި ދިރިއުޅޭ، ހުޅުވާލެވިފައިވާ މުޖުތަމައެއް ނުވަތަ މަސްހުނި ސަގާފަތެއް އޮންނަން އަހަރުމެން ބޭނުމެއް ނޫން." އޮރްބާން ވިދާޅުވިއެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި އީޔޫގެ ޕްލޭންގައި އެންމެ ބޮޑު ގޯސް ހަދާފައި އޮތީ އީޔޫއަށް އެތެރެވާ މީހުންނާ މެދު މުއާމަލާތްކުރާނެ ގޮތް ކަނޑައެޅުމުގައެވެ. މިއީ، ޒަމާނުއްސުރެ އީޔޫގެ ގައުމުތަކުގެ މެދުގައި ބައިބައިވުން އުފެދިފައިވާ މައްސަލައެކެވެ.
ހަންގޭރީއަށް ހިޖުރަކުރާ މީހުން ހިފަހައްޓައި، އެމީހުންނަށް ރަނގަޅަށް ކާންނުދީ ބޭތިއްބުމާއި، ސާބިޔާއިން ހަންގޭރީއަށް އެތެރެވާން މަސައްކަތްކުރާ މީހުން ގަދަކަމުން ފަހަތަށް ޖެއްސުމުގެ މައްސަލައަކީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން އަބަދުވެސް ފާހަގަކުރާ މައްސަލައެކެވެ. އެ ޖަމާއަތްތަކުން ފާހަގަކުރާ ގޮތުގައި ހަންގޭރީން ދަނީ، ބައިނަލްއަގުވާމީ ގާނޫނުތަކުން ލިބިދޭ ހައްގެއް ކަމުގައިވާ ހިމާޔަތް ހޯދުމުގެ ހައްގު ނިގުޅައިގަންނަމުންނެވެ.
މުސްލިމުންނާ ސަރާއީންނަށް ސުލްހަވެރިގޮތުގައި އެއް މުޖުތަމައެއްގައި ނޫޅެވޭނެކަމަށް ބޮޑުވަޒީރު އޮރްބާން ވިދާޅުވާއިރު، ޔޫރަޕުގެ އެންމެ ބޮޑު ގައުމުތަކުގެ ތެރޭގައި ހިމެނޭ އިނގިރޭސިވިލާތާއި، ޖަރުމަނުގައި މުސްލިމުންނާއި ނަސާރާއިން އެއް މުޖުތަމައެއްގައި ސުލްހަވެރި ގޮތުގައި އުޅޭތާ އެތައް ސަތޭކަ އަހަރެއްވެއްޖެއެވެ. އަދި ޖަރުމަނުން ދަނީ ހިޖުރަކުރާ މީހުން ބަލައިގަތުމުގެ ތަޖުރިބާ ރަނގަޅު ކަމުން ހިޖުރަކުރާ މީހުންނަށް މިހާރުވެސް މަރުހަބާކިޔަމުންނެވެ.