ދައުލަތުގެ އެންމެ ވަރުގަދަ ރައުސުލްމާލަކީ ޒުވާނުން- ރައީސް

ޒުވާނުންނަކީ ދައުލަތެއްގެ އެންމެ ވަރުގަދަ ރައުސުލްމާލުކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ފަރާތުން އިންތިޒާމްކުރައްވައިގެން ކުރިޔަށް ގެންދެވުމަށް ހަމަޖެހިފައިވާ "ވައި 18 ސްޕޯރޓްސް ފިއެސްޓާ" އިފްތިތާޙްކުރުމަށް މިރޭ ނެޝަނަލް އާޓް ގެލެރީގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މި ކުޅިވަރު ޢީދު އެހާ މުހިންމުވެގެން މިދަނީ ދިވެހި ޒުވާނުންގެ ޙަކަތައާއި، ޒުވާނުންގެ ބައިވެރިވުމާއި، ޒުވާނުންނަކީ ސުލްޙަ މަސްލަހަތާއި އެކީ މުޖުތަމަޢުގެ ތެރޭގައި އުޅެވޭ ބައެއްކަން ދައްކައިދެވޭނެ ފުރުޞަތަކަށް މި ފުރުޞަތުވެގެން ދާތީކަމުގައި ވިދާޅުވެފައިވެއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވިގޮތުގައި މި ކުޅިވަރު ޢީދުގެ މަޤްޞަދަކީ މަސްލަހަތާއި ހަމަޖެހުންކަމަށާއި، މިކަން މި ޙަރަކާތުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން ކަށަވަރުކުރައްވަންވާނެކަމުގައި ވިދާޅުވިއެވެ.

ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ސްޕޯރޓްސް ފިއެސްޓާގެ ގޮތުގައި ފާހަގަކުރެވޭ "ވައި 18 ސްޕޯޓްސް ފިއެސްޓާ"އަކީ ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުންގެ ޢަމަލީ ބައިވެރިވުން ހިމެނޭ ގޮތަށް މުޅިރާއްޖެއަށް ހުޅުވާލައިގެން އެކި ރަށްތަކުން ޓީމުތަށް ވާދަކުރާ ގޮތަށް، ދިގު މުއްދަތަކަށް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ސްޕޯރޓްސް ފެސްޓިވަލެކެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.