ސައޫދީ އިދިކޮޅު ފަރާތްތަކުން ސިޔާސީ ޕާޓީއެއް އުފައްދައިފި

ސައޫދީ އިދިކޮޅު ސިޔާސީ ޕާޓީ އުފެއްދެވުމުގައި އިސްކޮށްއުޅުއްވާ ބޭފުޅުން ރޭ ޕާޓީ އުފެދުނުކަން އިއުލާންކުރައްވަނީ

ބޭރުގައުމުތަކުގައި ދިރިއުޅުއްވަމުން ގެންދަވާ، ސައޫދީ އަރަބިއްޔާގެ ސަރުކާރާ އިދިކޮޅު ބޭފުޅުން ގުޅިވަޑައިގެން ސިޔާސީ ޕާޓީއެއް އުފައްދަވައިފިއެެެވެ. މިއީ ސަލްމާނު ރަސްގެފާނުގެ ވެރިކަމާ ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކުން ކުރާ މަސައްކަތްތައް ގުޅިގެން ކުރުމަށް ކުރެވުނު ފުރަތަމަ މަސައްކަތެވެ.

ސައޫދީ އަރަބިއްޔާގައި ވިރާސީ ރަސްކަމެއް އޮންނައިރު، ސަރުކާރާ އިދިކޮޅު އެއްވެސް ހަރަކާތެއް ހިންގުމަކީ މަނާކަމެކެވެ. ނަމަވެސް، ސައޫދީ އަރަބިއްޔާއަށް 90 އަހަރުފުުރޭ ގައުމީ ދުވަހާ ދިމާކޮށް މައިގަނޑު ގޮތެއްގައި އެމެރިކާއާއި، އިނގިރޭސިވިލާތަށް އަރުވާލެއްވިގެން ތިއްބެވި ބޭފުޅުން ގުޅިވަޑައިގެން ނޭޝަނަލް އެސެމްބްލީ ޕާޓީގެ ނަމުގައި ޕާޓީއެއް އުފައްދާފައި މިވަނީ ސަރުކާރުގެ ސިޔާސަތާއި ދެކޮޅުހަދާ ފަރާތްތަކަށް ބޮޑެތި އަދަބުދީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގަތުން އިތުރުވެފައިވާ ދުވަސްވަރެއްގައެވެ.

އިދިކޮޅު ސިޔާސީ ޕާޓީއެއް އުފެދުނަސް މިހާރު ދުނިޔޭގައި އެންމެ ބާރުގަދަ ވިރާސީ ރަސްކަންކަމުގައި ބެލެވޭ އާލުސުޢޫދުގެ ރަސްކަން ކައިރި މުސްތަގުބަލެއްގައި ނިމުމަކަށް ގެނެވޭނޭ ކަމަކަށް ނުބެލެވެއެވެ. އެހެންނަމަވެސް، އިދިކޮޅު ސިޔާސީ ބޭފުޅުން ގުޅިވަޑައިގެން މަސައްކަތްކުރައްވަން ފެއްޓެވުމަކީ ސައޫދީ ސަރުކާރަށް ކުރިމަތިވާ ދައްޗަކަށް ވާނެއެވެ. ކޮރޯނާވައިރަހާއި، ވެއްޓެމުންދާ ތެލުގެ އަގުގެ ސަބަބުން ސައޫދީ ސަރުކާރަށް އިގުތިސާދީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާއިރު، ސައޫދީ ސަރުކާރުން ޖީ-20 ގްރޫޕުގެ އެންމެ އިސްވެރިންގެ ބައްދަލުވުން ބާއްވާ ފުރަތަމަ އަރަބި ގައުމަށް ވުމަށް މަސަައްކަތްކުރަމުންނެވެ.

އަލަށްެ އުފެއްދި ނޭޝަނަލް އެސެމްބްލީ ޕާޓީގެ ލީޑަރަކީ ލަންޑަނުގައި ދިރިއުޅުއްވާ، އިންސާނީ ހައްގުތަކަށް މަސައްކަތްކުރައްވާ ޔަޙްޔާ ޢަސީރީއެވެ. ޕާޓީގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އެހެން ބޭފުޅުންގެ ތެރޭގައި ކިޔަަވައިދެއްވުމުގައި ހަރަކާތްތެރިވެވަަޑައިގަންނަވާ މުޟާވީ އައްރަޝީދު، ޢިލްމީ ދިރާސާތައް ކުރެއްވުމުގެ ހަރަކާތްތެރިވެވަޑައިގަންނަވާ ސަޢީދު ބިން ނާޞިރު އަލްޣާމިދީ، ޖަލަށްލާފައިވާ ދީނީ ޢިލްމުވެރިޔާ ސަލްމާން އަލްޢައުދާގެ ދަރިކަލުން ޢަބްދުﷲ އަލްޢައުދާ، ސައޫދީ ޝީޢާ ހަރަކާތްތެރިއެެއް ކަމުގައިވާ އަޙްމަދު އަލްމުޝައިޚިޞު އަދި ކެނެޑާގައި ދިރިއުުޅުއްވާ ޢުމަރު ބިން ޢަބްދުލްޢަޒީޒު ހިމެނިވަޑައިގަންނަވައެެވެ.

ޚަބަރުފަތުރާ ބައެއް ވަސީލަތްތަކަށް މައުލޫމާތުދެއްވަމުން ޢަބްދުﷲ އަލްޣައުދާ ވިދާޅުވި ގޮތުގައި ނޭޝަނަލް އެސެމްބްލީ ޕާޓީން މަސައްކަތްކުރާނީ "ޝާހީ އާއިލާ ތެރޭގައި، އަދި އާއިލާއިން ބޭރުގައި" ތިއްބެވި ބޭފުޅުންނާ ގުޅިގެންނެވެ. އޭނާ ވިދާޅުވީ ޕާޓީ އުފެއްދުމަކީ އެކަމަކަށް ގިނަ ބަޔަކު ދިގު އިންތިޒާރެއް ކުރި ކަމެކެވެ. ޢަބްދުﷲގެ ބައްޕާފުޅު ސަލްމާން އަލްޢައުދާ 2017 ވަނަ އަަހަރު ޖަލަށްލާފައި ވާއިރު، އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވަން އުޅޭކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.