ހުސްވި ޖުލައި މަހު ކެފޭއެއްގެ ތެރޭގައި ސައި ބޯން އިންދައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި އުމުރުން ސައުވީސް އަހަރުގެ ނަދީމް އަބްދުއްރަޙީމްގެ މަރުގެ މައްސަލައިގައި ހަތަރު މީހެއްގެ މައްޗަށް ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވައިފިއެވެ.
ނަދީމްގެ މަރުގެ ތަހްގީގު ނިންމައި ޕީޖީއަށް ހަތަރު މީހެއްގެ ނަން ފުލުހުން ފޮނުވި ނަމަވެސް އެއީ ކޮން ހަތަރު މީހެއް ކަމެއް އަދި ފުލުހުން ހާމަ ނުކުރެއެވެ. ހއ. ތަކަންދޫއަށް އުފަން ޒުވާނާ ޖުލައި މަހުގެ ހަތާވީސް ވަނަ ދުވަހުގެ ރޭ ކެފޭއަކު އިންދައި ތޫނު އެއްޗެހިން ހަމަލާދީ މަރާލީ ގްރޫޕަކުން އައިސްއެވެ.
ނަދީމަށް ހަމަލާ ދިނުމާއެކު އޭނާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށި ނަމަވެސް ދެދުވަސް ފަހުން އޭނާ ވަނީ މަރުވެފައެވެ. ވެންޓިލޭޓަރުގެ އެހީގައި ދެދުވަސް ވަންދެން އޮތްއިރު އޭނާގެ ސިނކުޑި އާއި އެނޫންވެސް ހަށިގަނޑުގެ ތަންތަނަށް ވަނީ ލޭ އެޅިފައެވެ. އެހެންކަމުން ނަދީމް ގެންދިޔުމުން ޑޮކްޓަރުން ވަނީ އުންމީދުވެސް ކަނޑާލާފައެވެ.