ހަކަތައަކަށް ހައިޑްރަޖަން ބޭނުންކުރާ މަތިންދާބޯޓެއްގެ ޑިޒައިން އެއާބަސްއިން ދައްކާލައިފި

ދުނިޔޭގައި މަތިންދާބޯޓު އުފައްދާ އެންމެ ބޮޑު އެއް ކުންފުނި އެއާބަސްއިން މަތިންދާބޯޓު އުފެއްދުމުގައި އެ ކުންފުނީގެ މުސްތަގުބަލުގެ ވިސްނުން ދައްކައިދޭ މަތިންދާބޯޓެއްގެ ޑިޒައިން އެ ކުންފުނިން އާއްމުކޮށްފިއެވެ.

މިއީ ހަކަަތައިގެ ގޮތުގައި ހައިޑްރަޖަން ބޭނުންކުރާ 'ޒީރޯ އެމިޝަން' (އޯޒޯން ފަަށަލައަށް ގެއްލުންދޭ ކާބަން ޖައްވުގެ ތެރެއަށް އެއްވެސް މިންވަރަކަށް ދޫނުކުރާ) މަތިންދާބޯޓެެކެވެ. ކޮވިޑް- 19 އަށް ފަހު އިގްތިސާދު ކޮޅަށް ޖެހުމަށް ޔޫރަޕިއަން ޔުނިއަން (އީޔޫ) ގެ ގައުމުތަކުން ކުރާ މަސައްކަތުގައި އެންމެ ބޮޑަށް ބާރުއަޅަނީ ތިމާވެށްޓާ ރައްޓެހި ހަކަތަ ބޭނުންކުރުމަށެވެ.

ކާބަން ބޭރުނުކުރާ މިމަތިންދާބޯޓު އެންމެ ލަސްވެގެން 2035 ވަނަ އަހަރު ބާޒާރަށް ނެރުމަށް އެއާބަސްއިން އުއްމީދުކުރެއެވެ. އިންޖީނު އުފައްދާ ބައެއް ކުންފުނިތަކުން ދެކޭގޮތުގައި އެހާ ހިސާބަށް މަތިންދާބޯޓު ބާޒާރަށް ނެރެވޭނީ ވަރަށް ބޮޑަށް މަސައްކަތްކޮށްގެންެނެވެ.

'ޒީރޯއީ' ގެ ނަންދެވިފައިވާ މި މަތިންދާބޯޓުގެ އެއް ޑިޒައިންގައި ބޭނުންކުރަނީ ޓާބޯފޭން ޖެޓް އިންޖީނެކެވެ. މިއީ 120 އާ 200 އާ ދެމެދުގެ އަދަދަކަށް މީހުންނަށް ދަތުރުކުރެވޭ މަތިންދާބޯޓެކެވެ. އަނެއް ޑިިޒައިންގެ ބޯޓުގައި ވަނީ ޓާބޯޕްރޮޕް ބުރަފަތިލީ އިންޖީނެކެވެ. މިއީ ގިނަވެގެން 100 މީހުންނަށް ދަތުރުކުރެވޭ ވަރުގެ މަތިންދާބޯޓެކެވެ.

މިހާރު ބޭނުންކުރާ މަތިންދާބޯޓުތަކުގެ އިންޖީނުތަކާ ޚިލާފަށް 'ޒީރޯއީ' މަތިންދާބޯޓުގެ އިންޖީނުން އަންދާނީ މަތިންދާބޯޓުގެ ފަހަތުގައި ރައްކާކުރެވިފައިވާ ދިޔާ ހައިޑްރަޖަންއެވެ.

އެއާބަސްއިން އުއްމީދުކުރަނީ މި ޑިޒައިންގެ ނަމޫނާ މަތިންދާބޯޓެއް 2021 ގައި ދައްކާލެވޭނެ ކަމަށެވެ.

ހައިޑްރަޖަން ބޭނުންކުރާ މަތިންދާބޯޓެއް އުދުއްސުމުގައި އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ ފަސޭހައިން އަލިފާންރޯވާ ހައިޑްރަޖަން ސަލާމަތްތެރިކަމާއެކު މަތިންދާބޯޓުގައި ރައްކާކުރުމެވެ.

މިކަމުގައި އިތުރަށް ދިމާވާނެ މައްސަލައަކީ ހައިޑްރަޖަންއަކީ އަގުބޮޑު ހަކަތައަކަށްވުމެވެ. އެހެންނަމަވެސް، އެއާބަސްއިން ދެކެނީ މި ދާއިރާގައި އިތުރަށް އިންވެސްޓުކޮށްގެން މި ހަކަތައިގެ އަގު ހެޔޮކުރެވޭނެކަމަށެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.