ހިޔާ މަޝްރޫޢުގެ ދަފްތަރު ކެޓަގަރީގެ ވަގުތީ ލިސްޓްގައި ޝަރުތުހަމަވާ 2775 މީހަކު

ހިޔާ މަޝްރޫޢުގެ ދަފްތަރު ކެޓަގަރީގެ ވަގުތީ ލިސްޓް ފެލެޓް ކޮމެޓީން މިއަދު އިޢުލާންކުރައްވައިފިއެވެ.

ހިޔާ މަޝްޜޫޢުގެ މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްސަ ކެޓަގަރީއަކީ އެޗް 9 ކެޓަގަރީއެވެ.  މިކެޓަގަރީގެ ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީއިން ދިރާސާކުރެއްވުމަށްފަހު ނެރުއްވި ވަގުތީ ލިސްޓުގައި އެކެޓަގަރީއަށް ކުރިމަތި ލުމަށް ޝަރުތުހަމަވާ 2775 މީހަކު ހިމެނެއެވެ. ލިސްޓްގައި ފެލެޓް ކޮމެޓީން ދިރާސާކޮށް ޕޮއިންޓް ދީފައިވާ ގޮތާއި ރައީސް ޔާމީންގެ ސަރުކާރުން އިޢްލާންކުރި ލިސްޓަގައި ޕޮއިންޓް ދީފައިވާ ގޮތް ވަނީ ހިމަނުއްވައިފައެވެ. ދަފްތަރު ކެޓަގަރީގެ ވަގުތީ ލިސްޓްގައި ޝަރުތު ހަމަމާ ދެހާހަށް ވުރެ ގިނަ މީހުން ހިމެނޭއިރު އެކެޓަގަރީއަށް ކަނޑައަޅައިފައި ވަނީ އެއް ހާސް ފްލެޓެވެ.

މިހާރުގެ ސަރިކާރުން އުފައްދަވައިފައިވާ ފްލެޓް ކޮމެޓީން ބައްލަވައިފައިވަނީ "ހިޔާ" މަޝްރޫޢުގެ ދަށުން ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ކުރީ ސަރުކާރުން ޕޮއިންޓް ދީފައިވަނީ އުސޫލާއެއްގޮތަށްތޯއެވެ. އެކަން ބަލައި ކަށަވަރުކުރުމަށްފަހު، އެ ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓް ފްލެޓް ކޮމެޓީން ދަނީ އިޢުލާންކުރަމުންނެވެ.

މިއަދު ފެލެޓް ކޮމެޓީން އިއުލާކުރެއްވީ ދަފްތަރު ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އެ ކޮމިޓީން ބެލިބެލުމުގައި އެ ކެޓަގަރީއަށް ފޯމު ހުށަހެޅުމަށް ޝަރުތުހަމަވާ ފަރާތްތަކާއި ޝަރުތުހަމަނުވާ ފަރާތްތަކުގެ ލިސްޓެވެ. ޝަރުތު ހަމަނުވާ ފަރާތްތަކުގެ ލިސްޓްގައި އެ ފަރާތްތަކަށް ޝަރުތުހަމަނުވާކަމަށް އެކޮމިޓީއަށް ފެންނަ ސަބަބުވެސް ވަނީ އާއްމުކުރައްވައިފައެވެ. ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން، ދިރިއުޅުމުގެ ހާލަތު ބެލުމުގެ ކަންކަން ކުރިއަށްގެންދެވިފައިނުވާ ފަރާތްތައް ސަބަބާއެކު ވަގުތީ ލިސްޓުގައި ވަނީ ފާހަގަކޮށްފައެއެވެ. ޝަރުތު ހަމަނުވާ ލިސްޓްގައި ހިމެނެނީ 25 މީހެކެވެ. އެމީހުންގެ ޝަރުތުހަމަނުވާ ސަބަބުތަކުގެ ތެރޭގައި އަމިއްލަ ނަމުގައި ބިން ނުވަތަ ފަލެޓެއް އޮތްކަން ހައުސިންގ މިނިސްޓްރީގެ ގޯތި ގެދޮރުގެ މަޢުލޫމާތު ރިޕޯރޓްއިން އެނގެން އޮތުން ހިމެނެއެވެ. އަދި މާލޭ މުނިސިޕަލްޓީ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ނުވުން ހިމެނެއެވެ.  

 ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު، މާދަމާ އިން ފެށިގެން  އޮކްޓޫބަރ ހަތަރުވަނަ ދުވަހުގެ 15:00 ނިޔަލަށް ހުޅުވާލައިފައެވެ. މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މިލިންކް (https://hcp.presidency.gov.mv/ މެދުވެރިކޮށް ވަނީ ހުޅުވާލައްވައިފައެވެ. ދާއިމީ ލިސްޓް އެކުލަވާލުމުގައި މި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭ ޝަކުވާތަކަށް ރިޢާޔަތްކުރެވޭނެކަމަށްވެސް ފްލެޓް ކޮމެތީން ވަނީ ވިދާޅުވެފައެވެ. "ހިޔާ" މަޝްރޫޢުގެ އެހެން ކެޓަގަރީތަކުގެ މަސައްކަތް ނިމުނުހާ އަވަހަކަށް ވަގުތީ ލިސްޓް އިޢުލާންކުރެވޭނެ ކަމަށް ވެސް ފްލެޓް ކޮމެޓީން ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.