އިންޑިއާގެ 98 ހާހަށްވުރެ ގިނަ މީހުންނަށް އެއްދުވަހުގެތެރޭގައި ކޮވިޑް-19 ޖެހިއްޖެ

އިންޑިއާގައި 24 ގަޑިއިރުގެތެރޭގައި 98894 މީހުންނަށް ކޮވިޑް-19 ޖެހިފައިވާކަމަށާއި 24 ގަޑިއިރުގެތެރޭގައި 1132 މީހުން މަރުވެފައިވާކަމުގައި ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ހެލްތު މިނިސްޓްރީން މިއަދު ހެނދުނު ހާމަކުރި ތަފާސް ހިސާބުތަކަށްބަލާއިރު ކޮވިޑް-19އަށް އިންޑިއާއިން ފައްސިވަމުންދާ މީހުންގެ އަދަދު މަދުވުމުގެ ބަދަލުގައި ހައްތާ ދަނީ އިތުރުވަމުންނެވެ. މިއަދުގެ ތަފާސް ހިސާބުތަކުން ހާމަވެގެންދިޔަ އަދަދަކީ ވެސް ރެކޯޑުއަދަދެކެވެ. އެއީ މިހާތަނަށް އިންޑިއާގައި އެއްދުވަހުގެތެރޭގައި އެންމެ ގިނައަދަދެއްގެ ބަޔަކަށް ކޮވިޑު ޖެހުނު އަދަދެވެ.

ބުދަދުވަހު ހެލްތު މިނިސްޓްރީން ހާމަކުރި އަންގާރަދުވަހުގެ ރިޕޯޓުތަކަށް ބަލާއިރު އިންޑިއާއިން އެއްދުވަހުގެ ތެރޭގައި 1290 މީހުން މަރުވެފައިވެއެވެ. އެއީ އެއްދުވަހުގެތެރޭގައި އިންޑިއާއިން އެންމެ ގިނަ މީހުން މަރުވި ދުވަހެވެ.

މުޅިދުނިޔެއިން އެންމެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައި ވަނީ އެމެރިކާ މީހުންނަށެވެ. ދެވަނައިގައި އުޅެނީ އިންޑިއާއެވެ. އަދި ތިންވަނައިގައި އުޅެނީ ބުރެޒިލްއެވެ. ކޮވިޑް-19 ޖެހިގެން އެންމެ ގިނަމީހުން މަރުވެފައިވަނީ އެމެރިކާއާއި ބުރެޒިލްއިންނެވެ. އިންޑިއާ އުޅެނީ ތިންވަނައިގައެވެ.

އިންޑިއާގެ ސްޓޭޓްތަކުގެތެރެއިން އެންމެ ބޮޑަށް ކޮވިޑް-19 ފެތުރެމުންދަނީ ވިޔަފާރިއަށް މަޝްހޫރު މަހާރާޝްޓްރާގައެވެ.

މިއަދު މެންދުރު ތިނެއްގެ ޚަބަރުތަކަށް ބަލާއިރު އިންޑިއާގެ 5118253 މީހުންނަށް ކޮވިޑް-19 ޖެހި އެބަލީގައި 83198 މީހުން މަރުވެފައިވެއެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.