އިންތިޤާލީ އިންސާފުގެ އޮމްބަޑްސްމަން އޮފީހުގެ އެޒިންމާ އެޗްއާރްސީއެމްއަށް ޙަވާލުކުރުމަށް ހުށަހަޅައިފިއެވެ.
އިންތިޤާލީ އިންސާފުގެ ބިލަށް މިއިސްލާޙު ގެނައުމަށް ހުށަހެޅުއްވީ، އިންތިޤާލީ އިންސާފުގެ ބިލް ދިރާސާ ކުރުމަށް މިއަދު ބޭއްވި ސަބްކޮމެޓީގެ ބައްދަލުވުމުގައި ހިންނަވަރު ދާއިރާގެ މެންބަރ އަދި ހިއުމަންރައިޓްސް އެންޑް ޖެންޑަރ ކޮމެޓީގެ މުޤައްރަރު ޖިހާން މަޙަމޫދެވެ. މެމްބަރ ޖިހާން ވިދާޅުވީ އާ މުއައްސަސާއެއް އުފެއްދުމުގެ ބަދަލުގައި ކަމުގެ ތަޖްރިބާ ލިބިފައިވާ މުއައްސަސާ އަކަށް އެޒިންމާ ޙަވާލު ކުރެވިދާނެކަމަށެވެ. އެގޮތުން ބަލާއިރު އެކަމަށް އެންމެ އެކަށީގެންވަނީ އެޗްއާރްސީއެމް ކަމަށެވެ. އެންމެ ފަހުންގެ އެކޮމިޝަންގެ ޤާނޫނަށް ގެނެވުނު އިޞްލާޙުތަކުން އެފަދަ މަސައްކަތްތައް ކުރުމުގެ ފުރިހަމަ ބާރު އެކޮމިޝަނަށް ދެވިދާވާނެކަމަށެވެ. އެގޮތުން ފޮރިންސިކް އެވިޑެންސް ހޯދުމުގެ ބާރުވެސް ދީފައިވާކަން ފާހަގަ ކުރެއްވިއެވެ. އަދި ޚަރަދަށް ބަލާއިރުވެސް މިވަގިތު އިތުރު މުއައް ސަސާއެއް އުފެއްދުން ރަނގަޅުކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް ވިދާޅުވިއެވެ.
ކޮމެޓީގެ މުޤައްރިރު ޙަސަންލަތީފު ވިދާޅުވީ ފިނޭންސް މިނިސްޓްރީން ހުށަހަޅައިފައިވާ ޚިޔާލުފުޅުތަކުގެ ތެރޭގައި އާމުއައްސަސާ އެއް އުފެދުމުން އުފުލަންޖެހޭ މާލީ ބުރަ ފާހަގަ ކުރައްވައިފައިވާ ކަމަށެވެ. އެހެންކަމުން ޖީހާންގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވޭކަމަށެވެ. ނަމަވެސް އެ އިޞްލާޙު ގެނައުމަށް ކޮމެޓީން އަދި ނުނިންމަވައެވެ.
ސަބްކޮމެޓީގެ މުޤައްރަރު ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރ ޙަސަން ލަތީފް ވިދާޅުވީ މަޖިލީހަށް ހުށަހަޅާ ބިލްތަކުން މާލީ ބުރައެއް އުފަލަން ޖެހޭނަމަ. އުފަލަންޖެހޭނެ މާލީ ބުރައެއްގެ އަންޒާދާ ހިމަނަން ޖެހޭކަމަށެވެ. އެގޮތުން ބަލާއިރު އޮމްބޮޓްސް މަން އޮފީސް އުފެއްދުމަށް ރިކަރަންޓް ޚަރަދާ ކެޕިޓަލް ޚަރަދާއެކު 2.2 މިލިއަން ރުފިޔާ ހަރަދު ވާނެކަމަށް އަންދާޒާކުރައްވައިފައިވާކަމަށެވެ. ވިދާޅުވިއެވެ.
ބިލްގައިވާ ގޮތުން މިޤާނޫނަށް ޢަމަލުކުރަން ފެށުމާއި އެކު އިންތިޤާލީ އިންސާފުގެ އޮމްބަޑްސްމަން އޮފީހެއް ޤާއިމް ކުރަންޖެހޭނެއެވެ. މިއޮފީސް އެކުލެވިގެން ވާނީ ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާ 3 އޮމްބަޑްސްމަންގެ މައްޗަށެވެ. ތިން އޮމްބަޑްސްމަނުންގެ ތެރެއިން ޗީފް އޮމްބަޑްސްމަނެއް ކަނޑައެޅޭނެއެވެ. އޮމްބަޑްސްމަނުންގެ ހުނަންޖެހޭ ޝަރުތުތަކުގެ ތެރެގައި މުސްލިމަކަށް ވުމުގެ އިތުރުން ޢުމުރުން 30 އަހަރުން މަތީގެ މީހަކަށް ވާންޖެހެއެވެ. އަދި އެމީހަކީ އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ މީހަކަށް ވެގެން ނުވާނެކަމަށް ބިލުގައި ކަނޑައަޅައިފައި ވެއެވެ. އިންތިޚާބީ މަޤާމެއް ނުވަތަ ދައުލަތުގެ މަޤާމެއްވެސް އަދި ސިޔާސީ މަޤާމެއްވެސް އަދާކުރާ މީހަކަށް ވެގެން ނުވެއެވެ.
އޮމްބަޑްސްމަން އޮފީސް ނުފައްދާނަމަ ބިލްގައި ހިމެނޭ އޮމްބަޑްސް މަންއަށް ލިބިދޭ ބާރުތަކުގެ ތެރެއިން އެޗްއާރުސީއެމްއަށް ނުލިބޭ ބާރު އިންތިޤާލީ އިންސާފުގެ ބިލުން އެޗްއާރުސީއެމްއަށް ދޭންޖެހޭނެކަމަށް ކޮމެޓީގެ މުޤައްރަރު ފާހަގަ ކުރެއްވިއެވެ.