ބްރެޒިލްގެ މާޓޯ ގްރާސޯ ޑޮ ސުލް ސްޓޭޓް ޕަންޓަނަލް ސަަރަަހައްދުގައި ރޯވެ އަނދަމުން ދާތީ ބްރެޒިލް ސަރުކާރުން އެ ސަރަހައްދުގައި ކުއްލި ހާލަތު އިއުލާންކޮށްފިއެެވެ. ޕަންޓަނަލް އަކި ދުނިޔޭގެ އެންމެ ބޮޑު ޗަަސްބިމާއި ކުޅިތައް ހިނެނޭ ސަރަހައެްދެވެ. މިކަން އިއުލާންކުރީ ތިމާވެށްޓާ ބެެހޭ މިނިސްޓްރީން ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރި ގަރާރަކުންނެވެ.
މި ގަރާރުގެ ސަބަބުން އަލިފާން ނިއްވުމާއި، ހާލުގައި ޖެހޭ މީހުންނަށް އެހީވުމުގެ މަސައްކަތަށް ބޭނުންވާ ފައިސާ މައި ސަރުކާރުން ހޯދުމުގެ ފުރުސަތު ސްޓޭޓް ސަަރުކާރަށް ތަަނަވަސްވެގެން ދާނެއެވެ. ސްޓޭޓް ސަރުކާރަށް ފައިސާ ބޭނުންވަނީ ކިހާވަރަކަށް ކަމާއި، ކޮން އިރަކުކަން އަދި ސާފުވެފައި ނުވެއެވެ.
ތިމާވެށްޓާ ބެހޭ ފަރާތްތަކާއި، ސިފައިންނާއި، އަލިފާން ނިއްވާ މީހުން ދަނީ ބިޔަ އަލިފާންގަނޑު ނިއްވާލެވޭތޯ މަސައްކަތްކުރަމުންނެވެ.
ބްރެޒިލްގެ ޚަބަރުފަތުރާ ވަސީލަތްތަކުން ބުނެފައިވާ ގޮތުގައި ރޯވެފައިވަނީ ފަލަސްޠިނު (އިސްރާއީލުން ވެރިވެގަނެގެން އުޅޭ ބިންވެސް ހިމެނޭހެން) ވަރުގެ ސަރަަހައްދެއްގައެވެ.
އެ ސަރަހައްދުގައި ފެތުރިފައިވާ ބިޔަ އަލިފާންގަނޑުގެ ސަބަބުން އެ ސަރަހައްދުގެ ދިރުމުގެ %12 ވަނީ އަނދައިގެން ގޮސްފައެވެ. އަދި ދުނިޔޭގެ ދިރުމުގެ ވައްތަރުތައް އެންމެ ގިނަ އިކޯސިސްޓަމްގެ ބޮޑު ބައެއް ވަނީ އަޅިއަށްވެފައެވެ.
ޕަންޓަލަން ސަަރަހައްދަކީ 1200 އަށްވުރެ ގިނަ ވައްތަރުގެ 'ވާޓަބްރޭޓް' ޖަނަވާރު ދިރިއުޅޭ ސަރަަަހައްދެކެވެ. އަދި އޭގެ ތެރޭން 36 ވައްތަރަކީ ދުނިޔޭން ނެތި ދިއުމުގެ ބިރު ކުރިމަތިވެފަައިވާ ވައްތަރުތަކެކެވެ.
ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި ޕަންްޓަަލަންގައި ރޯވެފައިވާ އަލިފާންގަނޑު ފާއިތުވި އަހަރު އެމެޒޯން ޖަންގަލީގައި ރޯވި އަލިފާނަށްވުރެ ހަތަރު ގުނަ ބޮޑެވެ.