ޔޫއެސް އޯޕަން: ޑޮމިނިކް ތީމް ޗެމްޕިއަންކަން ހޯދައިފި

ފުރަތަމަ ދެ ސެޓު 2-6، 4-6 އިން ހޯދައި ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ހޯދުމުގެ މަގު އެލެގްޒެންޑަރ ޒެވެރޭފަށް ފަހިވެފައި ވަނިކޮށް ފަހު ތިން ސެޓު 6-4، 6-3، 6-7 އިން ކާމިޔާބުކޮށް އޮސްޓްރިއާގެ ޑޮމިނިކް ތީމް (27 އ.) މިއަހަރުގެ ޔޫއެސް އޯޕަން މުބާރާތުގެ ފިރިހެނުންގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

ތީމްގެ މި ކާމިޔާބީއަކީ ވަރަށް ތާރީޚީ ކާމިޔާބީއެކެވެ. އޭނާ މުގުރާލީ 71 އަހަރުވީ ރެކޯޑެކެވެ. ފުރަތަމަ ދެ ސެޓު ކުޅުންތެރިއަކު ހޯދާފައި ވަނިކޮށް ފަހު ތިން ސެޓު ހޯދައިގެން ޔޫއެސް އޯޕަން ކާމިޔާބުކޮށް ފައިވަނީ މީގެ 71 އަހަރު ކުރިންނެވެ.

އިސްކޮޅުގައި ހަފޫޓު ހައިންޗި ހުންނަ ޒެވެރޭފް (23 އ.) ފުރަތަމަ ދެސެޓު ގެންދިޔައީ އަލިފާންކަނި ބުރައިގެންދާވަރަށް ބާރަށް ކުރި ސާވްސަތުގެ އެހީގައެވެ.

ގްރޭންޑް ސްލޭމް މުބާރާތްތަކުގެ ފައިނަލްގައި ކުޅެ ބަލިވުމުގެ ހިތި ތަޖުރިބާ ލިބިފައިވާ ތީމް ފަހު ތިން ސެޓު ހޯދީ އޭނާގެ ތަޖުރިބާ ބޭނުންކޮށްގެންނެވެ.

ތީމް މީގެ ކުރިން ވަނީ 2018 ވަނަ އަހަރާއި 2019 ވަނަ އަހަރު ފްރެންޗް އޯޕަން ފައިނަލްގައި ރަފައެލް ނަޑާލް އަތުން ބަލިވެފައެވެ. އަދި އޭގެފަހުން އޮސްޓްރޭލިއަން އޯޕަން ފައިނަލްގައި ނޮވަކް ޖޮކޮވިޗްއަތުން ބަލިވެފައެވެ.

ޓެނިހުގެ ދުނިޔޭގެ މަޝްހޫރު އަދި ތަޖުރިބާހުރި ބައެއް ކުޅިން މުބާރާތުގައި ނުކުޅެއެވެ.

ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާ ކުޅުމުން ބޭރުގައި ޖެހި ބޯޅައަކުން ރޮނގުބަލަހައްޓާ މީހެއްގެ ގައިގައި ޖެހުމުން އެމައްސަލައިގައި ޖޮކޮވިޗް ވަނީ މިއަހަރުގެ ޔޫއެސް އޯޕަން މުބާރާތުން ވަކިކޮށްފައެވެ. ނަޑާލާއި ރޮޖަ ފެޑެރާ މުބާރާތުގައި ވާދައެއް ނުކުރެއެވެ. އެއެންމެންތިބީ ކުޅިބަލަން ކޯޓުން ބޭރުގައެވެ.

ވަރަށް ވާދަވެރި ހަނގުރާމައަކުން ބަލިވި ޖަރުމަނުގެ އެލެގްޒެންޑަރ ބުނިގޮތުގައި މިފަހަރުގެ ފައިނަލް މެޗުން ބަލިވިޔަސް އޭނާގެ އެދުމަކީ ކޮންމެވެސް އެއްދުވަހަކުން ތަށި ގެއަށް ގެންދިއުމެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.