އިންޝޫރަންސުން ފައިސާ ހޯދަންވެގެން އަމިއްލަ އަތް ބުރިކޮށްލި އަންހެނަކު ޖަލަށްލާން ހުކުމްކޮށްފި

އަމިއްލަ އަތް ބުރިކޮށްލި ޖޫލިޔާ އެޑްލެސިޗް ކޯޓުގައި

އިންޝޫރަންސުން ބަދަލު ހޯދަންވެެގެން އަމިއްލަ އަތް ބުރިކޮށްލިކަން ލިތުއޭނިޔާގެ 22 އަހަރުގެ އަންހެނެއްގެ މައްޗަށް ސާބިތުވެ، އޭނާ 2 އަހަރުދުވަހަށް ޖަލަށްލާން އެގައުމުގެ ކޯޓަކުން ހުކުމްކޮށްފިއެވެ.

އެ އަންހެންމީހާއަށް އަތް ބުރިކުރުމުގައި އެހީތެރިވެދިން އޭނާގެ ބައިވެރިޔާ (30 އަހަރު) ތިން އަހަރަށް ޖަލަށްލުމަށްވެސް ލިތުއޭނިޔާގެ ވެރިރަށް ލުބްލިޔާނާގެ ޑިސްޓްރިކްޓް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ދެ މީހުންވެސް ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. އެެހެންނަމަވެސް، މަތީ ކޯޓެއްގައި ހުކުމް އިސްތިއުނާފުކުރުމާމެދު ދެމީހުން ވަކި އެއްޗެއް ބުނެފައި ނުވެއެވެ.

ފާއިތުވި އަހަރުގެ ކުރީކޮޅު ޖޫލިޔާ އެޑްލެސިޗް ނަމަކަށް ކިޔާ އެެ އަންހެންމީހާ ހައްޔަރުކުރީ އިންޝުއަރެންސުން ގާތްގަނޑަކަށް 4 ލައްކަ ޔޫރޯ ބަދަލުގެ ގޮތުގައި ހޯދުމަށް ކަރަންޓު ކީހަކުން އޭނާގެ ވާތުގެ ކުޑަހުޅުން ބުރިކޮށްލުުމުގެ ތުހުމަތުގައެެވެ.

އިތުރު ތިން މީހަކާ ގުޅިގެން އެ އަންހެންމީހާ އެކަން ކުރީ ތަފާތު ފަސް އިންޝޫރަންސު ކުންފުންޏަކާއެކު އިންޝޫރަންސް ޕޮލިސީގައި ސޮއިކޮށްފައެވެ.

ފުލުހުން ބުނި ގޮތުގައި އަންހެންމީހާ އުއްމީދުކޮށްގެން ހުރީ 3 ލައްކަ 80 ހާސް ޔޫރޯ (7 މިިލިއަން ދިވެހި ރުފިޔާ) ލިބުމުގެ އިތުރަށް، މުޅި އުމުރަށް މަހަކު 3 ހާސް ޔޫރޯ (55600 ދިވެހި ރުފިޔާ) ލިބޭނެކަމަށެވެ.

އަތް ބުރިކޮށްލުމުގައި ބައިވެރިވި ގްރޫޕުން ވަނީ ބުރިކޮށްލި އަތް ގަސްތުގައި ހޮސްޕިޓަލަށް ނުގެންގޮސް ދޫކޮށްލާފައެވެ. އެއީ، ލިބޭ ފައިސާ އިތުރުކުރުމުގެ ބޭނުމުގައެވެ. ނަމަވެސް، ފުލުހުން ވަގުތު އޮއްވައި އަތް ހޯދައިގެން ހޮސްޕިޓަލަށް ގެންދިއުމުން ހޮސްޕިޓަލުން ވަނީ އެ އަތް ގުޅުވުމުގެ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައެވެ.

ކުރީގެ ރޫސީވިލާތުގެ ބައެއްގެ ގޮތުގައި އޮތުމަށް ފަހު 1990 ވަނަ އަހަރު މިނިވަންވި ލިތުއޭނިޔާގައި އެވްރެޖް އާމްދަނީއަކީ މަހަކު 1000 ޔޫރޯ (18500 ދިިވެހި ރުފިޔާ) އެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.