މޯރިޔާ ރެފިއުޖީ ކޭންޕު އަނދައި ހުލިވެ އެތައް ހާސް ރެފިއުޖީން ބޯހިޔާވަހިކަމުން މަހުރޫމުވެއްޖެ

އަނދައި ހުލިވެފައިވާ މޯރިޔާ ކޭންޕު ތެރޭގައި ދެ ރެފިއުޖީއަކު އިށީނދެލައިގެން

ގްރީސްގެ ލެސްބޯސް ޖަޒީރާގައި ހުންނަ ޔޫރަޕްގެ އެންމެ ބޮޑު ރެފިއުޖީ ކޭންޕުގައި ރޯވެ ހަނދައި ހުުލިވެއްޖެއެވެ. މިކަމުގެ ސަބަބުން އެތަނުގައި ތިބި 13 ހާހެއްހާ ރެފިއުޖީން މިވަގުތު ތިބީ ބޯހިޔާވަހިކަމެއް ނެތިފައެވެ.

ޔޫރަޕުގައި އުފާވެރި ދިރިއުޅެމެއް ހޯދުުމުގެ އުއްމީދުގައި ހިޖުރަކުރާ މީހުން ބައިތިއްބާ މި ކޭންޕުގައި އަންގާރަދުވަހުގެ ރޭ ހުޅުހިފީ ކިހިނެއް ކަމެއް އަދިވެސް ނޭނގެއެވެ.

އަލިފާންގަނޑު ފެތުރެން ފެށުމާއެކު އެތައް ހާސް ކުޑަކުދިންނާއި، އަންހެނުންނާއި، ފިރިހެނުން ވަނީ އެބައިމީހުން ދިރިއުޅެމުން ދިޔަ ކޮންޓޭނާތަކާއި ފޭލިގެތައް ދޫކޮށް ކައިރީގައި އޮތް ޒައިތޫނި ދަނޑުތަކަށް ވަދެފައެވެ. ގްރީސްގެ ކަމާބެހޭ ފަރާތްތަކުން ހާމަކުރި ގޮތުގައި މި އަލިފާނުގައި މޯރިޔާ ކޭންޕުގެ %70 ވަނީ އަނދައިގެން ގޮސްފައެވެ.

ކޭންޕުގައި ދިރިއުޅެމުން ދިޔަ މީހުންނަށް މި ކާރިސާ ކުރިމަތިވީ، އެމީހުންގެ ތެރޭގައި ކޮވިޑް- 19 ބަލިމަޑުކަމުގެ ބިރުވެރިކަން އޮތްކަން އެނގުނުތާ އެއްދުވަސް ވެސް ނުވަނީހެވެ. އިއްޔެގެ ވަގުތެއްގައި ގްރީސްގެ މައިގްރޭޝަން މިނިސްޓްރީން ހާމަކުރި ގޮތުގައި މޯރިޔާ ކޭންޕުގައި ދިރިއުޅޭ 35 މީހަކު ވަނީ ކޮވިޑް- 19 އަށް ޕޮޒިޓިވްވެފައެވެ.

"އަހަރުމެން މިތިބީ ކެތްނުކުރެވޭ ފަދަ ދަތި ހާލެއްގައި. އަހަރުމެން މިވަގުތު މިތިބީ ބޯހިޔާވަހިކަމެއް ނެތި މަގުމަތިވެފައި." އަފްޣާނިސްތާނުން އައިސްހުރި އުމުރުން 35 އަހަރުގެ މުޙައްމަދު ހަނީފު ޖޯވާ ބުންޏެވެ.

"އަހަރުމެންނަށް ސަލާމަތްކުރެވުނީ އަހަރުމެންެގެ އަމިއްލަ ނަފުސާ ދަރިންކޮޅު އެކަނި. އަހަރުމެންެގެ އަންނައުނާ، އަތުގައި ހުރި ހުރިހާ އެއްޗެއް ވަނީ އަލިފާނުގައި އަނދައިގެން ގޮސްފައި." އަނބިމީހާއާ 4 ދަރިންނާއެކު އެ ކޭންޕުގައި ދިރިއުޅެމުން އަންނަ ޖޯވާ ބުންޏެވެ.

ރެފިއުޖީން އެތައް ސަތޭކަ ބަޔަކު މައިޓިލީން އަވަށަށް ވަންނަން މަސައްކަތްކުރުމުން ފުލުހުން ވަނީ އެކަމަށް ހުރަސް އަޅައިފައެވެ.

ރެފިއުޖީންނަށް އެހީވާ ޖަމާއަތެއް ކަމުގައިވާ ސްޓޭންޑް ބައި ލެސްވޯސްއިން ބުނިގޮތުގައި ގްރީކް ފުލުހުންނާއި، އެ ސަރަހައްދުގައި ދިރިއުޅޭ އާއްމުން ވަނީ ކައިރީގައި އޮތް އަަވަށަށް ރެފިއުޖީން ވަނުމަށް ހުރަސްއަަޅާފައެވެ.

"މުޅި ކޭންޕުގައި ވަނީ އަލިފާން ރޯވެފައި. ހުރިހާ އެއްޗެއް ދަނީ އަނދަމުން. މީހުން ސަލާމަތްވާން ދުވަނީ. މޯރިޔާގައި ހުރި އެމީހުންގެ ގެތައް މިހާރަކު ނެތް." އެޖަމާއަތުން ކުރި ޓުވީޓެއްގައި ވެއެވެ.

ގްރީސްގެ ނިއުސް އެޖެންސީން ޚަބަރުދިން ގޮތުގައި ކޭންޕުގައި އަލިފާން ރޯވީ ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވި މީހުންނާއި، އެމީހުންނާ ގާތްކޮށް އުޅެފައިވާ މީީހުން އެކަހެރިކުރުމަށް މަސައްކަތްކުރުމުން، ރެފިއުޖީންގެ ބަޔަކު ދެކޮޅުވެރިކަން ދެއްކުމަށް ފަހުގައެެވެ.

12 ހާހަށްވުރެ ގިނަ މީހުން ދިރިއުޅޭ ރެފިއުޖީ ކޭންޕަކީ 2800 މީހުން ދިރިއުޅެން ހަދާފައިވާ ކޭންޕެެކެވެ. އެތަނުގެ ތޮއްޖެހުމާއި، ސާފުތާހިރުކަމުގެ ފެންވަރު ދަށްކަމުން ގްރީކް ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވެއެވެ. އދ. ގެ ރެފިއުޖީންނާ ބެހެ އިދާރާ ޔުނައިޓެޑް ނޭޝަންސް ހައި ކޮމިޝަނާ ފޯ ރެފިއުޖީސް (ޔޫއެންއެޗްސީއާރް) އިންވެސް ވަނީ މޯރިޔާ ކޭންޕުގެ ހާލަތާ މެދު އެތައް ފަހަރަކު ކަންބޮޑުވުން ފާޅުކޮށްފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.