މިޔަންމާގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީވުމަށްޓަކައި ށ. ފީވަކުގައި ބެހެއްޓި ފަންޑު ފޮށި ވަގަށް ނެގި މީހަކު ހައްޔަރު ކޮށްފިއެވެ.
ފީވަކު ކައުންސިލުން ބުނީ ފަންޑު ފޮށި ބެހެއްޓީ އެރަށު މިސްކިތުގައި ކަމަށާއި ފޮށި ވަގަށް ނަގާފައި ވަނީ އަންގާރަ ދުވަހުގެ ރޭ ކަމަށެވެ. ފޮށި ވަގަށް ނެގި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން އެކާވީސް އަހަރުގެ ޒުވާނެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ ފީވަކު މީހަކާ ކައިވެނި ކޮށްގެން އުޅޭ ހދ. ކުޅުދުށްފުށީ މީހެކެވެ. ފަންޑު ފޮށި މިހާރު ވަނީ ފެނިފައެވެ.
ފީވަކު މީހަކު މައުލޫމާތު ދިންގޮތުގައި ރަށު ކައުންސިލުން އިސްނަގައިގެން ބެހެއްޓި ފަންޑު ފޮށްޓަށް އެރަށުގެ އެކިއެކި މީހުން ލާފައިވާ ފައިސާގެ އަދަދު 10 ހާހެއްހާ ރުފިޔާއަށް އަރާނެ ކަމަށް ބެލެވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފެނުނު ފަންޑު ފޮށި އަދިވެސް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. ފޮށި ފެނިފައި ވަނީ ފޮށި ބެހެއްޓި މިސްކިތާ ވަރަށް ކައިރި ސަރަހައްދަކަށް އެއްލާލާފައި ވަނިކޮށެވެ.
ފީވަކުގެ އިތުރުން ރާއްޖޭގެ ވަރަށްގިނަ ރަށްރަށުގައި މިހާރު ވަނީ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް އެހީވުމަށް ފަންޑު ފޮށި ބަހައްޓާފައެވެ. އަދި ގިނަ އަދަދެއްގެ ފައިސާ މިހާތަނަށް ވަނީ ލިބިފައެވެ. ރަށްރަށުގައި ފަންޑު ފޮށި ބެހެއްޓުމުގެ އިތުރުން ސަރުކާރުންވެސް ވަނީ އެކަމަށް ޚާއްސަ ފަންޑެއް ހުޅުވާފައެވެ.