އަސާސީ ތަޢުލީމުގެ މިންގަނޑު ވަނީ ބަދަލުކޮށްފައި

ރާއްޖޭގައި ލިޔަން ދަތުމުގެ މިންވަރު އަންހެނުންގެ އިތުރު

ރާއްޖޭގައި އަސާސީ ތަޢުލީމުގެ މިންގަނޑު ނުވަތަ ލިޔަން ދަތުމުގެ މިންގަނޑު މިހާރު ވަނީ ބަދަލުކޮށްފައި ކަމަށް ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (އެންއައިއީ) އިން ވިދާޅުވެއްޖެއްއެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ގައި ވާހަކަ ދައްކަވަމުން އެންއައިއީގެ އެޑިއުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ ކޯޑިނޭޓަރ އަޙުމަދު ޒާހިރު ވިދާޅުވީ، ލިޔަން ދަތުމަކީ ހަމައެކެނި ލިޔެފައި އޮންނަ އެއްޗެއް ކިޔަން، ލިޔަން އެނގުންކަމުގައި ވެގެން ދިޔަ ދުވަސް ވަރެއްވެސް ދިޔަކަމަށެވެ. ދުނިޔޭގެ މުޖަތަމައާއި ދިވެހި މުޖުތަމައަށް ވެސް އަންނަމުންދާ ބަދަލުތަކާއެކީ އެމިންގަނޑު ބަދަލު ވެގެން ދާންޖެހޭ ކަމުގެ އިޙްސާސް މުޅި ދުނިޔެއަށްވެސް އަދި ރާއްޖެއަށްވެސް ކުރެވިގެންދިޔަ ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު މުޖުތަމައަށް ބަލާއިރު ކުރީގެ މިންގަނޑު ކަމަށްވާ ދެލިގަނޑު ލިޔާށާއި ކިޔަން އެނގުމަކީ، ލިޔަން ކިޔަން އެނގުން ކަމަށް ބެލޭކަށް ނެތްކަމަށެވެ. އެކަން ބަދަލުވާންޖެހޭ ކަމުގެ އިޙްސާސް ކުރެވި، ނަތީޖާ އަކަށްވީ ވޭތުވެ  ދިޔަ އަހަރު އެމިންގަނޑު ކަނޑައެޅުމުގެ މަސައްކަތް ފެށްޓެވުންކަމަށް ވިދާޅުވިއެވެ.

ލިޔަން ދަތުމަކީ ނުވަތަ ލިޔަން ކިޔަން ދަތުން މިހާރު މާނަކުރާ ގޮތަކީ އެމުޖްތަމައެއްގައި ތިމާގެ ފަރުދީ ޒިންމާ އަދާކޮށް މުޖުތަމަޢުގެ ބައިވެރިވުންތަކާއި މުޖުތަމަޢު ތެރޭގައި އަދާކުރަންޖެހޭ ވާޖިބްތައް އަދާކޮށްގެން އުޅެވޭނެ މިނަވަރަށް ތަކެތި ދަތުމާއި ހުނަރުވެރިވުންކަމަށް ޒާހިރު ފާހަގަ ކުރެއްވިއެވެ.

"އަދި ހަމަ ލިޔަން ކިޔަން ދަތުން ވަރަށް ބޮޑަށް ގުޅިފައިވަނީ އަންނަ ކޮންމެ ބަދަލަށް މީހާ ތައްޔާރުވެގެންދާ ދިއުން ވެސް،  އެހެން ގޮތަކަށް ދަންނަވާ ނަމަ ލައިފަ ލޯންގ ލާނިން މީހެއްގެ ގޮތުގައި މުޖުތަމަޢުތެރެއަށް ބަށްޓަންވެގެންދިއުން" އަޙްމަދު ޒާހިރު ވިދާޅުވިއެވެ.

މިއަދު ފާހަގަ ކުރަމުން ދާ ދުނިޔޭގެ ލިޔަން ކިޔަން ދަތުމުގެ ދުވަހަކީ މުޖްމަޢުގެ އެންމެންނާ ގުޅުން ހުރި ދުވަހެއް ކަން ޒާހިރު ފާހަގަ ކުރެއްވިއެވެ. ރާއްޖޭގެ ލިޔަން ކިޔަން ދަތުމުގެ ރޭޓް އުޅެނީ 99 ގައި ކަން ފާހަގަ ކުރައްވައި ޒާހރު ވިދާޅުވީ އެމިންގަނޑަށް ވާޞިލް ވުމުން އެއީ 100 އިންސައްތަ ޙާޞިލްވުން ކަމަށް ދުނިޔޭގެ ފެންވަރުގައު ބަލައި ގަންނަމުންދާ ކަމަށެވެ.

ރާއްޖޭގައި ލިޔަން ދަތުމުގެ މިންވަރު ފިރިހެނުންނާ އަޅާ ބަލާއިރު އަންހެނުންގެ އިތުރުކަންވެސް އެންއައިއީގެ އެޑިއުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ ކޯޑިނޭޓަރ އަޙްމަދު ޒާހިރު ފާހަގަ ކުރެއްވިއެވެ. ކުރިއަށް އޮތް ތަނުގައި ނުރަސްމީ ތަޢުލީމުގެ ސިޔާސަތު ކުރިއަށް ގެންދާއިރު ދެ ޖިންސުގެ މީހުންނަށް އަމާޒުކޮށް ތަފާތު ހުނަރުތައް ދަސްކޮށްދިނުން ކުރިއަށް ގެންދަވާނެކަން ފާހަގަ ކުރެއްވިއެވެ. މިހާރު އެންމެ ބޮޑު ސަމާލު ކަމެއް ދޭން ޖެހިފައި ވަނީ ސްކޫލުތަކުގެ ތެރެއިންވިޔަސް ލިޔަންކިޔަން ނުދަން ބަޔަކު ފޭދިގެންވިއަސް އަޔަނުދިނުމަށް ކަމަށް ވެސް ޒާހިރު ފާހަގަ ކުރެއްވިއެވެ.

ކޮންސަލްޓެންޓެއްގެ އެއީގައި ނުރަސްމީ ތަޢިލީމުގެ ސިޔާސަތެއް މިދިޔަ އަހަރު އެކުލަވާލައިފައި ވާކަމަށް އެންއައިއީގެ އެޑިއުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ ކޯޑިނޭޓަރ އަޙުމަދު ޒާހިރު ވިދާޅުވިއެވެ. ނަމަވެސް އަދި މުޅިން އެސިޔާސާތަތު ނުނިމޭ ކަމަށް ވިދާޅުވިއެވެ.  އެސިޔާސަތަށް ރާއްޖޭގެ ހުރިހާ ކައުސިލަތަކުގެ ޚިލާއި މަޝްވަރާ ހޯއްދަވައި އިޞްލާޙު ގެންނަވައިފައިވާކަމަށް ވެސް ފާހަގަ ކުރެއްވިއެ ވިއެވެ. މި ސިޔާސަތުގެ ބޭނުމަކީ ހުރިހާ އެންމެންނަށް ފައިދާވާނެ ޕްރޮގަރާމްތަކެއް ރަށު ފެންވަރުގަޔާއި އަތޮޅު ފެންވަރުގައި މުޅި ރާއްޖޭގައި ހިންގަމުން ގެންދެވުން ކަމަށް ވިދާޅުވިއެވެ. ނުރަސްމީ ތަޢުލީމުގެ ކަންކަން ހިންގުމުގައި ކައުންސިލްތަކުން ލިބެމުންދާ އެހީތެރިކަން ފާހަގަ ކުރައްވައި ޒާހިރު ވިދާޅުވީ އަލަށް އެކުލަވާލެއްވި ސިޔާސަތުގެ ދަށުން ޕްރޮގަރާމްތައް ހިންގަން ފެށުމުން ކައުންސިލްތަކުގެ ދައުރު އިތުރަށް ފުޅާވެގެން ދާނެކަމަށެވެ.

ލިޔަން ދަތުމުގެ ދުވަސް ދުނިޔޭގައި ފާހަގަ ކުރަން ފަށައިފައި ވަނީ 1965 ގައެވެ. ރާއްޖޭގައި މިދުވަސް ފާހަގަ ކުރަން ފަށައިފައިވަނީ 1980 ގައެވެ. މިއަދު ފާހަގަ ކުރަމުންދާ ދުނިޔޭގެ ލިޔަން ދަތުމުގެ ދުވަހުގެ ޝިޢާރަކީ "ލިޔަންކިޔަން ދަސްކޮށް ދިނުމާއި ދަސްކުރުން ކޮވިޑަ 19 ގެ ޙާލަތުގަޔާއި އޭގެ ފަހުން" އެވެ. ލިޔަން ކިޔަން ދަސްކުރުމަކީ ނުވަތަ އެނގުމަކީ ދިރިއުޅުމުގެ ޙާލަތާ އެއްގޮތަށް މީހާ ބަށްޓަންވެގެން ދިއުން ކަމަށް ވާއިރު ޝިޢާރަކި މިއަދުގެ ޙާލަތާ ވަރަށްގުޅޭ ޝިޢާރެއްކަމަށް އަޙްމަދު ޒާހިރު ފާހަގަ ކުރެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.