ކޮވިޑް- 19 އަށް ރަޝިޔާއިން އުފެއްދި ވެކްސިން އާއްމުކޮށް ނެރެފި

ކޮވިޑް- 19 އާ ދެކޮޅަށް ބޭނުންކުރުމަށް ރަޝިޔާއިން އުފައްދައި ފާއިތުވި އޮގަސްޓު މަހުގެ 11 ވަނަ ދުވަހު ރަޖިސްޓަރީކުރި ވެކްސިން މިއަދު އާއްމުކޮށް ނެރެފައިވާ ކަމަށް ރަޝިޔާގެ މިނިސްޓްރީ އޮފް ހެލްތުން މިއަދު ހެނދުނު ނެރުނު ބަޔާނެއްގައި ބުނެފިއެވެ.

ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ ގަމާލެޔާ ނޭޝަނަަލް ރިސާޗް ސެންޓަ ފޯ އެޕިޑެމިއޮލޮޖީ އެންޑް މައިކްރޯބަޔޮލޮޖީއިން އުފެއްދި 'ގަމް-ކޮވިޑް-ވެކް' (ސްޕަޓްނިކް ވީ)  ވެކްސިން ވަނީ ކާމިޔާބުކަމާއެކު ތަޖުރިބާ ކޮށްފައިކަމަށް ރަޝިޔާއިން ބުނެއެވެ.

"ރަޝިޔާގެ މިނިސްޓްރީ އޮފް ހެލްތުގެ ގަމާލެޔާ ނޭޝަނަަލް ރިސާޗް ސެންޓަ ފޯ އެޕިޑެމިއޮލޮޖީ އެންޑް މައިކްރޯބަޔޮލޮޖީއިން ތަރައްގީކުރި 'ގަމް-ކޮވިޑް-ވެކް' (ސްޕަޓްނިކް ވީ)  ވެކްސިން ވަނީ ރޮސްޒްދްރާވްނަދްޒޯރް ލެބޯޓަރީގައި (ސިއްހީ އާލާތްތައް ބަލައި ހުއްދަ ދޭ ފަރާތް) ކުރެވުނު ޒަރޫރީ ޓެސްޓުތަކުން ފާސްވެފައި. އަދި މިހާރު ވަނީ އާއްމުންގެ ތެރޭގައި ބޭނުންކުރުމަށް ދޫކޮށްފައި." ހެލްތު މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

"ރަޝިޔާގެ ސަރަަަހައްދުތަކަށް މި ވެކްސިންގެ ފުރަތަމަ ބެޗްތައް ވަރަށް އަަވަހަށް ފޮނުވޭނެ." މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

ރަޝިޔާގެ ހެލްތު މިނިސްޓަރު މީޚާއީލް މުރާޝްކޯ އިއްޔެ ވިދާޅުވިގޮތުގައި ތިންވަނަ ފިޔަވަހީގެ ޓެސްޓުތައް ކުރުމުގެ ގޮތުން ވޮލަންޓިޔަރުންގެ ގަޔަށް ވެކްސިން ޖަހަން މިހަފުތާތެރޭގައި ފަށާނެއެވެ.

އާދީއްތަ ދުވަހު މޮސްކޯގެ މޭޔަރު ސަރްގޭ ސޮބްޔަނިން ވިދާޅުވިގޮތުގައި މޮސްކޯގައި ދިރިއުޅޭ މީހުންގެ ތެރެއިން ގިނަ ބައެއްގެ ގަަޔަށް މަދު މަސްތަކެއްގެ ތެރޭގައި ވެކްސިން ޖަހައި ނިމޭނެކަމަށް އުއްމީދުކުރެވެއެވެ.

ސްޕަޓްނިކް ވީ ވެކްސިނަކީ ދުނިޔޭގައި ރަޖިސްޓަރީކުރި ފުރަތަމަ ވެސްކިނެވެ. އެ ވެކްސިން ރަޖިސްޓަރީ ކުރުމަށް ފަހު 20 ގައުމަކުން ވަނީ އެ ވެކްސިނާމެދު ޝައުގުވެރިކަން ފާޅުކޮށްފައެވެ. އޭގެ ތެރޭގައި ޔޫއޭއީ، ސައޫދީ އަރަބިއްޔާ، އިންޑޮނޭޝިޔާ، ފިލިޕީންސް، މެކްސިކޯ، ބްރެޒިލް އަދި އިންޑިޔާ ހިމެނެއެވެ.

މި އަހަރު ނިމުމުގެ ކުރިން މި ވެކްސިންގެ 200 މިލިއަން ޑޯޒް އުފެއްދުމަށް ތައްޔާރުވަމުން ދާއިރު، އޭގެތެރޭން 30 މިލިއަން ޑޯޒް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރަޝިޔާގައެވެ.

ރަޝިޔާއިން އުފެއްދި ވެކްސިނަށް ސްޕަޓްނިކް ވީ ގެ ނަން ދީފައި ވަނީ 1957 ވަނަ އަހަރު އެ ގައުމުން ޖައްވަށް ފޮނުވި ފުރަތަމަ ސެޓެލައިޓަށް ނިސްބަތްކޮށެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.