ނޮވެމްބަރ ތިނެއްގައި ދުޝްމަނުންނަށް ނާކާމިޔާބުވެ ފިލަންދާން ޖެހުނީ ކުރަން އައި ކަންތައް ހާޞިލްނުވުމުން: މޭޖަރ މޫސާ ޢަލީ ޖަލީލް

މީގެ 32 އަހަރު ކުރިން 1988 ވަނަ އަހަރުގެ ނޮވެމްބަރ ތިނެއްގައި ރާއްޖެއަށް ދިން ޢުދުވާނީ ހަމާލާގައި ދުޝްމަނުން ކުރަންއައި ކަން ހާޞިލްނުވުމުން ފިލައިގެންދާން ޖެހުނީ ނާކާމިޔާބުވެގެންކަން އެދުވަހު ޤައުމުގެ މިނިވަންކަމުގެ ދިފާޢުގައި ޖެހިލުމެއް ނެތި ދުޝްމަނުންނާ ކުރިމަތިލެއްވި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް މޫސާ ޢަލީ ޖަލީލް ވިދާޅުވެއްޖެއެވެ. އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވިސްނާލެއްވީމާވެސް މިކަން ޤަބޫލު ކުރެވޭނެ ކަމަށް ހީފުޅުކުރައްވާކަމަށެވެ.

"ތިނެއް ނޮވެމްބަރުގެ ޙާދިސާއަކީ ވަރަށް ޙައްސާސް، ނުރައްކާތެރި، ބިރުވެރި ޙާދިސާއެކެވެ. ހިނގާދިޔަ ކަންތައްތަކަށް ބައްލަވާލެއްވިޔަސް ދިވެހި ސިފައިން ތައްޔާރުވެފައިވާ މިންވަރު ހާމަވޭ." ޖަލީލް ވިދާޅުވިއެވެ.

ކުރީގެ މެޖާރ ޖެނެރަލް ކުރެއްވި ޓްވީޓްގައި އެދުވަހުގެ ހަމަލާގެ މަޢުލޫމާތު ޙިއްސާކުރައްވަމުން ވިދާޅުވީ ބަނޑޭރިގެޔަށް ތިން ދިމާއަކުން ހަމަލާ ދިން ކަމަށެވެ. ތީމުގެއަށް ދެ ދިމާއަކުން އެއްފަހަރާ ހަމަލާދިންކަމަށެވެ. އެއަރޕޯރޓް ހިފަން މަސައްކަތް ކުރިކަމަށެވެ.

" އަޅުގަނޑު ޤަބޫލު ކުރާ ގޮތުގައި އެދުވަހު ދިވެހި ސިފައިންނަކީ ޤައުމީ ދިފާޢީ ބާރުގައި ޚިދުމަތްކުރެއްވި ހުރިހާ ފަހުލަވާނުންނާއި އެންމެހާ ދިވެހި ރައްޔިތުންނެވެ." މޭޖަރ ޖެނެރަލް ޖަލީލް ވިދާޅުވިއެވެ.

ޖަލީލް ވިދާޅުވީ އެދުވަހުގެ ކަންތައް ސާފުވެވަޑައިގަންނަވާނެ ކަމަށް ޤަބޫލު ފުޅުކުރައްވަނީ އެދުވަހުގެ ޙާދިސާގައި ޢަމަލީގޮތުން ބައިވެރި ވަޑައިގެންނެވި ފަރާތްތަކަށްކަމަށެވެ. އޭގެތެރެއިން ބައެއް ބޭފުޅުން އަދިވެސް ދުނިޔޭގައި އެބަ ތިއްބެވިކަމަށް ވިދާޅުވިއެވެ. އެފަދަ ބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުންގެ ނަންފުޅުތައް ވެސް ޖަލީލު ވަނީ ފާހަގަކުރައްވައިފައެވެ. އޭގެ ތެރޭގައި ރައީސް މައުމޫނާއި ކުރީގެ ޖެނަރަލް އަންބަރީ ޢަބްދުއްސައްތާރާއި ޖެނެރަލް މުޙައްމަދު ޒާހިރާއި ސީޕީ އާދަމް ޒާހިރުފަދަ ބޭފުޅުންގެ ނަންފުޅުތައް ވަނީ ފާހަގަ ކުރައްވައިފައެވެ.

ނޮވެމްބަރ ތިނެއްގެ ޙާދިސާގައި ޤައުމުގެ ދިފާޢުގައި އަމިއްލަ ފުރާނަ އަތްމައްޗަށް ލައްވައިގެން ދުޝްމަނުންނާ ކުރިމަތި ލައްވައި ކާމިޔާބު ހޯއްދަވައި ދެއްވުމުގައި އެންމެ ކުރީ ސަފުގައި ހުންނެވި، ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޖަލީލް މިފަދަ  ޓްވީޓެއް ކުރައްވައިފައި މިވަނީ އިންޑިއާގެ ސިފައިން ރާއްޖޭގައި ޤައިމްވެ ތިބުމާމެދު ދިވެހި ރައްޔިތުންގެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ގެންދާ ދަނޑިވަޅެއްގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.