މައްކާގެ ޙަރަމްފުޅުގައި އިމާމު ސުދައިސު އިއްޔެ ދެއްވި ހުކުރު ޚުޠުބާ: އިސްރާއީލާ ގުޅުން ބަދަހިކުރުމަށް މަގުފަހިކޮށްދެއްވުން ނޫންބާ؟!

މައްކާގެ އަލްމަސްޖިދުލް ޙަރާމްގެ އިމާމު ޑރ. ޢަބްދުއްރަޙްމާން އައްސުދައިސް ހުކުރު ޚުޠުބާ ދެއްވަނީ

މާތްވެގެންވާ މައްކާގެ އަލްމަސްޖިދުލް ޙަރާމްގައި އިއްޔެ ކުރެވުނު ހުކުރު ނަމާދުގައި އިމާމު ޢަބްދުއްރަޙްމާން ބިން ޢަބްދުލްޢަޒީޒު އައްސުދައިސު އިއްޔެ ދެއްވި ޚުޠުބާގައި އޭނާ ގެންނަވާފައިވާ ބައެއް އިބާރާތްތަކާމެދު މީސް މީޑިޔާގައި ހޫނު ބަހުސެއް ކުރެވެމުން އެބަދެއެވެ.

މީސް މީޑިޔާ ޚިޔާލުފާޅުކުރި ގިނަ ބަޔަކު ދެކޭގޮތުގައި އިއްޔެގެ ޚުޠުބާގައި ސުދައިސު ގެންނަވާފައިވާ ވާހަކަތަކަކީ ސައޫދީ އަރަބިއްޔާއާއި އިސްރާއީލާ ދެމުދެ ރަސްމީގޮތުން ގުޅުން ގާއިމުކުރުމަށް މަގުފަހިކުރުމުގެ ގޮތުން ގެންނަވާފައިވާ ވާހަކަތަކެކެވެ. އިސްލާމްދީނުގައި ޔަހޫދީންނާ މުއާމަލާތްކުރުމާ ބެހޭގޮތުން އައިސްފައިވާ ވާހަކަތައް އިއްޔެގެ ޚުޠުބާއި އައިސްފައި ވުމުން ޓުވިޓާގައި ގިނަ ބަޔަކު ވަނީ އެކަމުގެ މަގުސަދާ މެދު ސުވާލު އުފައްދާފައެވެ.

"މުސްލިމް ނޫން މީހާ މުސްލިމުންނާ (އަގީދާގެ ގޮތުން) އެކުގައި ނުވުން އެއީ (އިސްލާމް ދީނަށް) އޭނާގެ ހިތް ޖެއްސުމަށާއި، އަދި އެ ދީނަށް ވަނުމަށް އޭނާގެ ނަފުސު އެނބުރޭތޯ ބެލުމަށް އޭނާއާއިއެކު ރިވެތި ގޮތުގައި މުއާމަލާތްކުރުމާ ފުށުއަރާ ކަމެއް ނޫން." ސުދައިސު އޭނާގެ ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.

"ރަސޫލުﷲ صلى الله عليه وسلم ސުވަރުގެ ވަޑައިގަތީ އެކަލޭގެފާނުގެ ދަގަނޑު ދަހަނާކޮޅު ޔަހޫދީއެއްގެ އަތުގައި ރަހުނުކުރެވިފައި އޮއްވައި. އެކަލޭގެފާނު ވަނީ ޚައިބަރުގެ ދަނޑުގޮވާމާއި، މޭވާގެ ދެބައިކުޅަ އެއްބައި ޔަހޫދީންނަށް ދެއްވާ ގޮތަށް އެބައިމީހުންނާ މެދު މުއާމަލާތްކުރައްވާފައި. އަދި އެކަލޭގެފާނު ވަނީ ޔަހޫދީ އަވަށްޓެރިޔާއާމެދު ހެޔޮކޮށް ކަންތައް ކުރައްވާފައި. އެކަމުގެ ސަބަބުން އޭނާ އިސްލާމްވި." ޔަހޫދީންނާއެކު ހެޔޮގޮތުގައި މުއާމަލާތްކުރުމުގެ މިސާލު ކީރިތި ރަސޫލާ صلى الله عليه وسلم ގެ ސިޔަރަތުން ދައްކަވަމުން ސުދައިސު ވިދާޅުވިއެވެ.

އިމާމު ސުދައިސުގެ ވާހަކަފުޅުތަކަށް ރައްދުދެމުން ބައެއް މިހުން ބުނެފައިވާ ގޮތުގައި ސުދައިސު ގެންނަވާފައިވާ މިސާލުތަކަކީ ހާލަތާ ނުގުޅޭ މިސާލުތަކެކެވެ. ރަސޫލާ صلى الله عليه وسلم ސުލްހައިގެ ހާލަތުގައި ޔަހޫދީންނާ މުއާމަލާތްކުރެއްވި  ގޮތުގެ މިސާލު ގެންނަވާފައިވާއިރު، މިއަދު ޔަހޫދީން ތިބީ މުސްލިމުންގެ ބިންތައް ފޭރިގަނެ މުސްލިމުންނާ ހަނގުރާމަކުރާ ހާލަތުގައެވެ.

"އިންސާނުން އެއްބަޔަކު އަނެއް ބަޔަކާ ވާހަކަދައްކައިގެން ކަންކަން ހައްލުކުރުމާމެދު ޣާފިލުވުމުން، ދެން ވެރިވާނީ ހަރުކަށިކަމާ، އަނެކާ ބާކީ ކޮށްލުމާ، ނަފުރަތުގެ ބަހުރުވަ." ސުލްހަވެރިވުމުގެ މުހިއްމުކަން ބަޔާންކުރައްވަމުން އިއްޔެގެ ޚުޠުބާގައި ސުދައިސު ވިދާޅުވެފައި ވެއެވެ.

މީސް މީޑިޔާގައި ޚިޔާޅު ފާޅުކުރި ބައެއް މީހުން ވަނީ ޣައްޒާގެ ރައްޔިތުންގެ ހިތްވަރަށް ތައުރީފުކޮށްފައެވެ.

"ފިނޑި، ޚިޔާނާތްތެރި އަރަބިން ދެކެނީ ޔަހޫދީންނަކީ މާ ބާރުގަދަ، އިއްޒަތްތެރި ބައެއް ކަމަށް. އެހެންވެ އެބައިމީހުން ޔަހޫދީންނަށް ބިރު ގަނޭ. ޣައްޒާގެ މީޙުން ދެކުނީ ޔަހޫދީންނަކީ ނިކަމެތި މިސްކީނު ބައެއް ކަމަށް. އެހެންކަމުން އެމީހުން ދަނީ ހިތްވަރާ، ކެރުމާއެކު ޔަހޫދީންނާ ހަނގުރާމަކުރަމުން."

ޑރ. ޢަބްދުއްރަޙްމާނު އައްސުދައިސު ޔަހޫދީންނާ ހެޔޮގޮތުގައި މުއާމަލާތްކުރުމުގެ ވާހަކަ ދައްކަވާފައި މިވަނީ އިސްލާއީލާ ޔުނައިޓް އަރަބް އެމިރޭޓްސްއާ ފުރިހަމަ ސިޔާސީ ގުޅުން ގާއިމުކުރުމަށް އެއްބަސްވިކަން އިއުލާންކުރިތާ ތިން ހަފުތާވެސް ނުވަނީހެވެ. އަދި ސައޫދީ އަރަބިއްޔާ މަތިން ޔޫއޭއީއަށް ދަތުރުކުރުމުގެ ހުއްދަ އިސްރާއީލުގެ ގައުމީ އެއާލައިން އެލް އާލްއަށް ސައޫދީން ދީފައި ވަނިކޮށެވެ.

ގިނަ ބަޔަކު ދެކޭގޮތުގައި މާ ގިނަ ދުވަސްތަކެއް ނުވެ ސައޫދީންވެސް އިސްރާއީލާ ރަސްމީކޮށް ގުޅުން ގާއިމުކުރާނެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.