ޙުސައިން މުޙައްމަދަކީ އަޅުގަނޑަށް ޚާއްޞަ ބޭފުޅެއް

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ 

މިއަދު މިލިބުނު ހިތްދަތި ހިތާމަވެރި ޚަބަރާއެކު އަޅުގަނޑުގެ ހިތް ރޮއްވައިފިއެވެ. ޙުސައިން މުޙައްމަދަކީ އަޅުގަނޑަށް ވަރަށް ޚާއްސަ ބޭފުޅެކެވެ. އޭނާޔަކީ އަޅުގަނޑުގެ ހަޔާތުގައި ވަޒީފާގެ މާހައުލުން އެންމެ ގިނަދުވަސްތަކެއް އެބޭފުޅަކާ އެކު ހޭދަކުރި އެއްބޭފުޅެކެވެ. ސަރުކާރުގެ އޮފީހަކަށް އެންމެ ފުރަތަމަ އަޅުގަނޑުވަޒީފާޔަކަށް ދާންފެށި އޮފީހުގައި ހުސައިން ވަޒީފާ އަދާ ނުކުރެއްވިނަމަވެސް ކޮންމެ ދުވަހަކު، ހުސައިން އޭނާގެ ސެކްޝަނަށް ވަޑައިގަންނަވަނީ އަޅުގަނޑުގެ ކުރިމަތިންލާފައެވެ. ގިނަދުވަސްދުވަހު ހުއްޓިވަޑައިގެން އަޅުގަނޑުމެންނާ ކޮންމެވެސް ވާހަކައެއް ދައްކަވާނެއެވެ. މިދެންނެވީ ހުސައިން އީޑީސީގައި އުޅުއްވި ދުވަސްވަރުގެ ވާހަކައެވެ. އޭރު އަޅުގަނޑު އުޅެނީ ނުރަސްމީ ތަޢުލީމުދޭ ބައިގައެވެ. ދެނަމެއް ކިޔަސް ދެއޮފީސްވެސް ހުންނަނީ އެއްއިމާރާތެއްގައި އެއްކޮށެވެ. އެއީ މިހާރު ސޯސަންމަގު އޭޑީކޭގެ ކުރިމަތިންކަހަލަ ގޮތަކަށް ހުންނަ ފެކަލްޓީގެ އިމާރާތެވެ. އެތަން އޭރުހުންނަނީ މިހާރު ހުންނަ ގޮތަކަށް ނޫނެވެ. ހުންނަނީ ކޮޓަރި ކޮޓަރިޔަށް ހުންނަ އެއްބުރީގެ ގެޔެއްގެ ގޮތަށެވެ. ކޮންމެ ކޮޓަރިޔަކީ ސެކްޝަނެކެވެ. ޙުސައިން ވަޒީފާ އަދާކުރައްވާ އެޑިޔުކޭޝަނަލް މީޑިޔާ ޓެކްނޮލޮޖީ ސެކްޝަން ހުންނަނީ އަޅުގަނޑުމެންގެ ސެކްޝަނާ ވިއްސަކަށް ފޫޓް ދުރުގައެވެ. އަޅުގަނޑު އަދާކުރާ ވަޒީފާގެ ގޮތުން ޙުސައިންގެ ސެކްޝަނަށް ވަރަށް ގިނައިން ދާންޖެހެއެވެ.

އެދުވަސްވަރަކީ ސަރުކާރުގެ ވަޒީފާގެ އިތުރުން މީޑިޔާގައި ތަފާތު ގޮތްގޮތަށް އަޅުގަނޑު ޙަރަކާތްތެރިވި ދުވަސްވަރެވެ. އޮފީސް ނިންމާލާފައި ރޭނގަނޑު ދަނީ އާފަތިސް ނޫހަށެވެ. އެތާގައިވެސް ޙުސައިން ވަޒީފާ އަދާކުރައްވައެވެ. ދެމީހުންވެސް މަސައްކަތްކުރަނީ ބޭރުޚަބަރާ ބެހޭ މަސައްކަތް ކަމަށްވާތީ ދެމީހުންމެ މަސައްކަތްކުރަން ތިބެނީ އެއްތާކުއެވެ. އަޅުގަނޑު، ދުވަސްކޮޅަކު ޓީވީ މޯލްޑިވްސްގައިވެސް ޕާޓްޓައިމް ވަޒީފާއެއްގައި އުޅުނީމެވެ. އޭރު އެވަޒީފާޔަކީވެސް ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގެ ޗިޓަކުން ދެއްވާ ވަޒީފާއެކެވެ. ޢަޅުގަނޑުގެ ވަޒީފާގެ ނަމަކީ ޚަބަރު ތަރުޖަމާ ކުރުމަށް ކިޔާ ތަރުޖަމާނު މިނަމެވެ. ޢެހެންނޫނަސް އަޅުގަނޑު މީޑިޔާގެ ދާއިރާގައި ޙަރަކާތްތެރިވާން ފެށީއްސުރެން ޓީވީ މޯލްޑިވްސްއާއި ދިވެހިރާއްޖޭގެ އަޑަށް ބޭރުޚަބަރުގެ ދާއިރާއިން އެހީތެރިވަމެވެ. ޚަބަރުތަރުޖަމާކޮށްދީ ތަހުލީލު ޕްރޮގްރާމްތަކުގައި ބައިވެރިވަމެވެ. ރަމަޟާން މަހެއްނަމަ ގިނަ ވަގުތު އަޅުގަނޑު މަސައްކަތްކުރާނީ ޓީވީމޯލްޑިވްސް ނުވަތަ ދިވެހިރާއްޖޭގެ އަޑުގައެވެ. މިމަސައްކަތުގައިވެސް ހުސައިންއަކީ އަޅުގަނޑުގެ ބައިވެރިއެކެވެ.

ސިޔާސީ ދާއިރާޔަށް ހުސައިން ވަންނަވަންދެން މަސައްކަތުގެ ކޮންމެވެސް އެއްމާހައުލަކުން ހުސައިންއާ އަޅުގަނޑާ ދިމާވެއެވެ. ފަހުން ސިޔާސީ ދާއިރާގައި އުޅުއްވިނަމަވެސް އަޅުގަނޑާ ދިމާވާކޮންމެ ފަހަރަކުވެސް އެހިތްހެޔޮކަމާއި އެސާދާކަން ހުސައިންގެ ފަރާތްޕުޅުން އަޅުގަނޑަށް ފެނެއެވެ. ޙުސައިންއަކީ އަޅުގަނޑުގެ މަސައްކަތުގައި ވަރަށް އެހީތެރިވެ ވަޑައިގަތް ބޭފުޅެކެވެ. ބޭރުޚަބަރުގެ ދާއިރާގެ ގިނަ މައުލޫމާތުތަކެއް ހުސައިންގެ ފަރާތްޕުޅުން އަޅުގަނޑަށް ލިބުނެވެ. ހުސައިންއަކީ ވަރަށްވެސް ސާދާ ބޭފުޅެކެވެ. ކަމެއްގައި ދެކެވަޑައިގަންނަވާގޮތް ހާމަކުރެއްވުމަށް ފަސްޖެހިވަޑައި ނުގަންނަވައެވެ. ޛާތީގޮތްތައް ނުގެންގުޅުއްވާ ބޮޑާކަމެއް ނުހުންނަ ބޭފުޅެކެވެ. އަޅުގަނޑަށް ވަރަށް ކަމުދާ، އަދި ވަރަށް އިޙުތިރާމްކުރެވޭ ޝަޚުސިއްޔަތެކެވެ.

ޙުސައިންއާ އަޅުގަނޑަށް އެންމެ ފަހުން މުޢާމާލާތެއް ކުރެވުނީ މި މުޙައްރަމްމަހުގެ 1 ވަނަ ދުވަހުއެވެ. އަޅުގަނޑު ފޮނުވި ހެޔޮއެދުމުގެ މެސެޖަށް އަވަސް އިޖާބައެއް އެދުވަހު ދެއްވިއެވެ.

 މާތްﷲ، ޙުސައިން ގެ ކުށް ފާފަ ފުއްސަވައި ފުރާނަޔަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. آمین

އަޙްމަދު ޒާހިރު (ފެއަރީ)
ފެއަރީ އަޙްމަދު ޒާހިރަކީ އާފަތިހުގައި ގިނަ ދުވަހު ޚިދުމަތް ކުރައްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ. އާފަތިހުގެ އެޑިޓަރުކަން ވަރަށް ގިނަ ދުވަހު ކުރެއްވިއެވެ. މީގެ އިތުރަށް ޒާހިރު ވެވަޑައިގެންފައި ވަނީ ރާއްޖޭގެ ނޫހެއް ނުވަތަ މަޖައްލާއެއްގެ އެންމެ ގިނަ ދުވަސްވީ އެޑިޓަރަށެވެ. 1979 ވަނަ އަހަރުން ފެށިގެން މިހައިތަނަށް އަދިވެސް "ޖަމާޢަތުގެ ޚަބަރު"ގެ އެޑިޓަރަކީ ޒާހިރެވެ. ޒާހިރަށް ވަނީ ނޫސްވެރިކަމަށް ޚިދުމަތްކުރުމުގެ ރޮނގުން އާއްމު ޚިދުމަތުގެ އިނާމާއި މޯލްޑިވްސް މީޑިއާ ކައުންސިލް ދެއްވާ އަލިމަސް ގަލަން ލިބިވަޑައިގެންފައެވެ.

2 ޚިޔާލު

  1. ގިނަދުވަހު މަސައްކަތް ކޮށް ތަޖުރިބާ ލިބިފައިވާ ފަރާތްތަކުގެ ތަޖުރިބާއަކީ ގައުމުގެ ހަރު މުދަލެވެ. އެހެންކަމުން އެފަރާތްތަކުގެ ތަޖުރިބާ ގައުމުގެ މުސްތަގުބަލަށްޓަކާ ރައްކާކުރެވޭ އިންތިޒާމެއް ހަމަޖެއްސުމަކީ ދައުލަތުގެ ޒިއްމާއެކެވެ. އަދި މިކަމަށްޓަކާ ހަރުދަނާ އިންތިޒާމްތަކެއް ރާވަން އެބަޖެހެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.