ރުހުން ދިނުމުގެ މައްސަލަތަކަކާއި ގިނަ ބިލުތަކެއް ނިންމުން އާދީއްތަ ދުވަހުގެ ޖަލްސާގައި

ރުހުން ދިނުމުގެ މައްސަލަތަކަކާއި ގިނަ ބިލުތަކެއް ނިންމުމަށް އާ އެޖެންޑާކޮށް ރައްޔިތުންގެ މަޖިލީހުގެ ޚާއްޞަ ޖަލްސާއެއް އާދީއްތަ ދުވަހު ބާއްވަން ނިންމަވައިފިއެވެ. އާދީއްތަ ދުވަހުގެ ޖަލްސާ ކުރިއަށް ގެންދަވަނީ އެންމެ ފަހުން ކުރިއަށް ގެންދެވި ޖަލްސާގެ ބައެއްގެ ގޮތުގައެވެ. އެއީ މަޖިލީހުގެ 33 ވަނަ ޖަލްސާއެވެ.

އެންމެ ފަހު ޖަލްސާގައި އެޖެންޑާ ކޮށްފައިވާއި ކަންކަމުގެ ތެރެއިން ނުނިމި ހުރި ކަންކަމުގެ އިތުރަށް އާބިލްތަކާއި މައްސަލަތައްވެސް އާދީއްތަ ދުވަހުގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައެވެ. ރުހުން ދިނުމުގެ މައްސަލަ ތަކުގެ ތެރޭގައި ޓޫރިޒަމް މިނިސްޓަރ ޢަބްދުﷲ މައުސޫމަށް ރުހުން ދިނުމާއި ސްޕްރީމް ކޯޓްގެ ފަޑިޔާރުކަމަށް ޢަލީރަޝީދާއި ޑރ. މުޙައްމަދު އިބްރާހީމަށް ރުހުން ދިނުމާއި ސިންގަޕޫރަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރަކަށް ހ. ޖެހޭވައި އިބްރާހީމް ޝަހީބަށް ރުހުން ދިނުމާއި ހިއުމަން ރައިޓްސް ކޮމިޝަންގެ ހުސްވެފައިވާ ހަތަރު މެންބަރުންގެ މަޤާމަށް މީހުން ޢައްޔަންކުރުމަށް ކޮމެޓީން ނިންމެވި ނަންފުޅުތަކަށް ރުހުން ދިނުމުގެ މައްސަލަ ހިމެނެއެވެ.

ދިހަ ބިލެއް ނިންމުމަށްވެސް އާދީއްތަ ދުވަހުގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައެވެ. އެބިލްތަކަކީ ދިވެހި ސިވިލް ސަރވިސްގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި އިލެކްޝަންސް ކޮމިޝަންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި އޮޑިޓް ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި ހިޔުމަން ރައިޓްސް ކޮމިޝަން ގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ބިލާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި ވަޒީފާއާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި ތަޢުލީމުގެ ބިލެވެ.

މީގެއިތުރުން ބޮޑު ކަންނެލި މަސްވެރިންނަށް ހަމައަގު ކަނޑައަޅައި ދިނުމާއި، ކަންނެލި މަސްވެރިންގެ އެންމެހައި އަސާސީ ޙައްޤުތައް ރައްކާތެރިކޮށްދިނުމާ ގުޅޭގޮތުން ހުށަހަޅި ޕެޓިޝަން، ޕެޓިޝަން ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓާ މެދު ގޮތެއް ނިންމެވުންވެސް ވަނީ އާދީއްތަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައެވެ. މި ޕެޓިޝަންގެ ރިޕޯޓާއި ބައެއް ބިލްތަކުގެ ރިޕޯރޓްތައް ވެސް ވަނީ ކުރީ ދުވަހުގެ ޖަލްސާއަށް ހުށަހަޅައި ފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޗުއްޓީއަށް ވަޑައިނުގެން، މިމަހު ހަތްވަނަ ދުވަހުގެ ނިޔަލަށް ދައުރު ދައްމާލުމަށް މަޖިލީހުން ވަނީ ފާސް ކޮށްފައެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.