ޗައިނާގެ އުތުރުގެ އަވަށެއްގައި މީހެއްގެ އުފަންދުވަސް ފާހަގަކުރަން އެއްވެ ތިބި ބައެއްގެ މައްޗަށް ރެސްޓޯރެންޓެއްގެ ފުރާޅު ވެއްޓި 29 މީހުން މަރުވެއްެެޖެއެވެ.
ވެރިރަށް ބޭޖިންގގެ ހުޅަނގު އުތުރުން 630 ކިލޯމީޓަރު ދުރުގައި އޮންނަ ޝާންޒީ ޕްރޮވިންސުގެ ޒިއާންގްެފެން އަވަށުގެ ދެ ބުރި ރެސްޓޯރަންޓް ވެއްޓިފައި ވަނީ އެއަވަށުގެ މީހެއްގެ 80 ވަނަ އުފަންދުވަސް ފާހަަގަކުރަން އެެއްވެ ތިބި ބައެެއްގެ މައްޗަށެެވެ.
މިނިސްޓްރީ އޮފް އެމަޖެންސީ މެނޭޖްމަންޓުން ބުނެފައިވާ ގޮތުގައި މިހާދިސާގައި ރެސްޓޯރަންޓުގެ ދަށުވި މީހުންގެ ތެރެއިން ޖުމްލަ 57 މީހަކު ވަނީ ނެގިފައެވެ. ނެގުނު މީހުންގެ 29 މީހަކު މަރުވެފައި ވާއިރު، 28 މީހަކު ވަނީ ޒަޚަމްވެފައެވެ. 7 މީހެއްގެ ހާލު ވަރަށް ދެރައެވެ.
ރެސްޓޯރަންޓްގެ ފުރާޅުވެއްޓުނީ ކީއްވެގެން ކަމާއި، އުފަންދުވަސް ފާހަގަކުރި މީހާއަށް ވީގޮތެއް ސާފުވެފައި ނުވެއެވެ.
ޗައިނާ ސަރުކާރުގެ ރަސްމީ ނޫސް ޗައިނާ ޑެއިލީގައި ބުނެފައި ވާގޮތުގައި އިމާރާތް ވެއްޓިފައި ވަނީ ހޮނިހިރު ދުވަހު ހެނދުުނު 9:40 (ރާއްޖޭ ގަޑިން ހެނދުނު 6:40) ގައެވެ. އަދި އެނޫހުން ބުނެފައިވާ ގޮތުގައި ޗައިނާ ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގެ ވާކް ސޭފްޓީ ކޮމިޝަނުން މިކަން ހިނގައި ދިޔަ ގޮތް ބަލާނެއެވެ.
އެހީތެރިވާ މީހުންގެ 800 މީހުން ކުއްތާއާއި، ކެރޭނު ބޭނުންކޮށްގެން ވެއްޓިފައިވާ ކޮންކްރީޓްތަކުގެ ދަށުން މީހުން ސަލާމަތްކުރެވޭތޯ މަސައްކަތްކުރިއެވެ. އިތުރު ބަޔަކު ނުފެނުމުން މިއަދުގެ ހެނދުނުގެ ވަގުތެއްގައި އެ މަސައްކަތް ވަނީ ހުއްޓާލާފައެވެ. އަދި ޝާންޒީ ޕްރޮވިންސުގެ ސަރުކާރުން މިހާރު ވަނީ މިހާދިސާ ތަހުގީގުކުރުމަށް ޓީމެއް އެކުލަވާލާފައެވެ. ޒިއާންގްފެން އަވަށުގެ އިސް ވެރިޔަކާ ހަވާލާދީ ބައެއް ޚަބަަރުތައް ބުނާގޮތުގައި އިމާރާތް ވެއްޓުނީ ގަވާއިދާއި ޚިލާފަށް ބިނާކޮށްފައި ހުރުމުންތޯ ސަރުކާރުން ބަލާނެއެވެ.
ރެސްޓޯރަންޓު ހުރި ސަރަހައްދުގައި ދިރިއުޅޭ މީހުން ބުނެފައިވާ ގޮތުގައި އެ އިމާރާތަކީ އެެއްވަރުނުކޮށް އޮތް ބިމެއްގައި މީގެ ވިއްސަކަށް އަހަރު ކުރި އެތެރޭގައި ހޮއި ހުންނަ އެޅިގަލުން (ހޮލޯ ބްލޮކްސް) އިމާރާތްކޮށްފައި ހުރި ތަނެކެވެ.
ޗައިނާގައި މިފަހަކަށް އައިސް އިމާރާތް ކުރުމުގައި ސަލާމަތީ މިންގަނޑުތައް ހަރުދަނާކޮށްފައިވީ ނަމަވެސް، ކުޑަ އަވަށްތަކުގައި އަދިވެސް އިމާރާތައް އަޅަމުން ދަނީ ސަލާމަތީ ކަންކަމަށް މާބޮޑަށް ބެލުމެއް ނެތިއެެވެ.