ހުމާލޭގައި ހެދިފައިވާ ބިޔަ ފިތުރޯނު ގަސްތައް ކަނޑާލާނެ ވާހަކަޔާއެކު ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.
ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ ހުޅުމާލޭގައި ހެދިފައިވާ ބިޔަ ފިތުރޯނު ގަސްތަކުގެ ސަބަބުން މަގުތައް ހަލާކުވެ ފެންހިންދާ ނިޒާމަށް ގެއްލުންވަމުންދާ ކަމަށެވެ. އެކަމުގެ ސަބަބުން ފެން ހިންދާ ނިޒާމު ބަލަހައްޓަން ދަތިވެފައިވާ ކަމަށެވެ. އެހެންކަމުން އަންނަ ހަފްތާއިން ފެށިގެން އެފަދަ ބިޔަ ގަސްތައް ނެގުމުގެ މަސައްކަތް އެކުންފުނިން ކުރަމުންދާނެ ކަމަށެވެ. އަދި ނަގާ ގަސްތައް އެހެން ސަރަޙައްދު ތަކުގައި އިންދާނެކަމަށެވެ ނަގާ ގަސްތަކުގެ ބަދަލުގައި އަވަހަށްހެދޭ ހިޔާދޭ އެހެން ބާވަތުގެ ގަސްތައް އެތަންތަނުގައި އިންދާނެކަމަށް ވެސް އެކުންފުނިން ބުނެފައި ވެއެވެ.
ހުޅުމާލޭގެ ފިތުރޯނު ގަސްތައް ކަނޑާލާ ވާހަކަޔާ އެކު ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ތާރީޙީ ޢިލްމު ވެރިއެއްކަމަށްވާ ނާޖިހު ދީދީ ކަންބޮޑުވުން ފާޅުކޮށް އެޗްޑީސީގެ ޓްވީޓަށް ދެއްވި ރަށްދެއްގައި ވިދާޅުވެފައި ވަނީ ތިޔަހެން މަގުން ހަލާކުވެފައިހުރި ތަންކޮޅެއް ދައްކައިގެން ނުލާހިކު ރީތިކޮށް ހެދިފައިހުރި ގަސްތަކެއް ކަނޑާލަން ބަހަނާ ދައްކާނެކަމެއް ނެތްކަމަށެވެ. ތިއުޅެނީ ހުލުމާލޭގައި ފިތުރޯނު ހައްދާފައި އޮތް މަގުގެ ޗާލުކަމާއި ހިތްފަސޭހަކަން ގެއްލުވާލަން ކަމަށެވެ.
"މީގެ ކުރިންވެސް ނިރޮޅު މަގުގައި ޗައިނާ ފްލެޓްތަކާ ދިމާގައި ހުރި ފިތުރޯނު ގަސްތަކެއް ކެނޑި ބަދަލުގައި ގަހެއް އިންދި ހެނެއް ހިޔެއްނުވޭ. ކަނޑާލި ގަސްތަކުގެ ބޮޑުތައްވެސް ހުރީ ހުރިގޮތަށް" ކަންބޮޑުވުން ފާޅުކޮށް ނާޖިހުގެ ރަށްދުގައި ވިދާޅުވިއެވެ.
ހުޅުމާލޭގެ މަގެއްގެ އަރީގައި ރީތިކޮށް ހެދިފައި ވަނިކޮށް ނަގައިގެން ގެން ގޮންގޮސް ސެންޓަރަލް ޕާރކްގައި ޖަހައިފައިވާ ގަހަކަށް ވެފައި ވާ ގޮތް ދައްކުވައިދޭ ފޮޓޯއެއް ވެސް ނާޖިހު ވަނީ ޓްވީޓް ކުރައްވައިފައެވެ.
ގަސްތައް ނެގުމާ ދެކޮޅަށް ޚިޔާލު ފާޅުކޮށްފައިވާ އެހެން މީހަކު ބުނެފައިވަނީ ގަސްތައް ނުކަނޑާ ދިމާވާ މައްސަލަ ޙައްލުކުރެވޭނެ އެހެން ގޯތެއް ހޯދަންޖެހޭ ކަމަށެވެ.
އޭނާ އިތުރަށް ބުނެފައިވަނީ " ހެޔޮނުވާނެ ތިޔަމަގުގަ ތިޔަ ގަސްތައް ނުކަނޑާ ބަހައްޓާ. ތީ ހިއްފަސޭހަކަން ގެނުވައިދޭ އާދަޔާ ޚިލާފު ރީތިކަމެއް ފެންނަ ގަސްތަކެއް ހުރި މަގެއް. ލޮލަށް އަރާމުދޭ ހިތައް ފިނިކަން ލިއްބައިދޭ ގަސްތަކެއް" ކަމަށެވެ.
ހުޅުމާލެ ހިއްކުމަށް ފަހު ރަށް ފެހި ކުރުމުގެ ގޮތުން އެންމެ ގިނައިން އިންދާފައި ވަނީ ފިތުރޯނު ގަހެވެ. އެހެންކަމުން މިހާރު ހުޅުމާލޭގެ ބައެއް މަގުތަކުގެ ދެފާރަތުގައި އިންދާފައިވާ ފިތުރޯނު ގަސަތައް ވަނީ ވަރަށް ބިޔަކޮށް ހެދިފައެވެ. ބައެއް ފޮޓޯ ގަރާފަރުން ވެސް އެންމެ ހިއްގައިމު އެއް ލޮކޭޝަނަކަށް ވެފައިވަނީ ހުޅުމާލޭގައި ބިޔަ ފިތުރޯނުގަސްތަކުން ހިޔާދީފައިވައިވާ ހިތްގައިމުމަގެވެ.