ހެންވޭރުގައި އަނެއްކާވެސް ބޮޑު އަލިފާނުގެ ހާދިސާއެއް - މީހަކަށް ގެއްލުމެއް ނުވިނަމަވެސް ގެއްލުން އެތައް މިލިއަނަށް

ފޮޓޯ: އެމް.އެން.ޑީ.އެފް

ހެންވޭރުގައި އަލިފާނުގެ ހާދިސާ އެއް ހިނގި ޚަބަރާއެކު ހިތަށް ވެރިވީ، ހެންވޭރުގައި މީގެ އަހަރެއްހާ ދުވަސް ކުރިން ހިނގާދިޔަ ނުރައްކާތެރި ބިރުވެރި އަލިފާނުގެ ހާދިސާއެވެ. ހެންވޭރު އަބަދަށްފެހި މަގުގައި ހުރި ކެމިކަލް ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާގައި އެތައް ގެއެއް އަނދައި ހުލިވެ، މީހެއްގެ ފުރާނަ ގެއްލި އެތައް ބައެއްގެ ދިރިއުޅުން އަނދާ އަޅިއަށް ވިއެވެ. އެ އަލިފާނުގެ ހާދިސާގައި87 ގޭބިސީ ހިމެނޭ ގޮތަށް 26 ގެއަކުން މީހުން ވަގުތީ ހިޔާތަކަށް ބަދަލުކުރަން ޖެހުނެވެ. ނަމަވެސް ރޭގެ އަލިފާނުގެ ހާދިސާގައި އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އާއްމު ރައްޔިތުންގެ ދިރިއުޅުމަށް މާބޮޑު އަސަރެއް ނުކުރެއެވެ. ނަމަވެސް އަގުގެ ގޮތުން ބަލާނަމަ ރޭގެ އަލިފާނުގެ ހާދިސާގެ ގެއްލުންވެސް އެތައް މިލިއަން ރުފިޔާއަށް އަރާނެއެވެ.

ރޭގެ ހާދިސާގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކައިރި ގެތަކުން މީހުން ނެރުނެވެ. ނަމަވެސް ހާދިސާގައި އެއްވެސް މީހަކަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށް ދޭން ޖެހިފައި ނުވާކަމަށް ނެޝެނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެމްޑީއެންއޭ) އިން ވަނީ ވިދާޅުވެފައެވެ.

ބޮޑެތި ވިޔަފާރިތަކަކަށް އެތައް މިލިޔަން ރުފިޔާގެ ގެއްލުން

ރޭގެ އަލިފާނުގެ ގައި ހާދިސާގައި ދެބުރިއަށް އިމާރާތްކޮށްފައވާ ކެފޭ އެއް ވަނީ އަނދާ އަޅިއަށް ވެފައެވެ. ދެން ބޮޑުބައެއް އަނދައިގެން ދިޔަ ޖެހިގެން ހުރި  ބާރަ ބުރީގެ އިމާރާތަކީ ރާއްޖޭގައި ޚިދުމަތްދޭ ބޮޑު ބޭންކެއް ކަމަށްވާ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ހިންގަމުންދާ އިމާރާތެވެ. އަދި ހަމަ ދެވަނަ އަށް އެންމެ ގިނަ ބަޔަކަށް މުއާސަލާތީ ޚިދުމަތްދޭ ކުންފުނި، އޫރިދޫ މޯލްޑިވްގެ މައި އިދާރާވެސް ހުންނަނީ އެ އިމާރާތުގައެވެ.

ޕީއެސްއެމް އިން ގެނެސްދިން ލައިވް ކަވަރޭޖްގައި ވާހަކަ ދައްކަވަމުން އެސްބީއައިގެ ޖެނެރަލް މެނޭޖަރ އިސްމާއިލް ލަތީފް ވިދާޅުވެފައި ވަނީ އަލިފާނުގެ ހާދިސާ ހިނގި އިމާރާތުގެ ފަސް ފަންގި ފިލައެއްގައި އެ ބޭންކުގެ މަސައްކަތްތައް ކުރިއަށް ގެންދާކަމަށެވެ. ނަމަވެސް އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ބޭންކުގެ ޚިދުމަތްތަކަށް ބުރޫނާރާނެކަމުގެ ޔަޤީންކަން އޭނާ ވަނީ ދެއްވައިފައެވެ.

މިއީ ރާއްޖޭގައި ބޭންކިންގ ޚިދުމަތް ދެމުންދޭތާ އެންމެ ގިނަ ދުވަސްވީ އެއް ބޭންކެވެ. މާލޭގެ އިތުރުން ބައެއް އަތޮޅު ތަކުގައިވެސް އެ ބޭންކުގެ ޚިދުމަތް ދަނީ ދެމުންނެވެ.

އޫރިދޫ މޯލްޑިވސް އިން ވެސް ރޭ ބުނެފައިވަނީ އެ ކުންފުނީ މައި އޮފީސް ހުންނަ އިމާރާތުގައި އަލިފާން ރޯވެފައިވާ ކަމަށެވެ. އެއްވެސް މުވައްޒަފަކަށް ގެއްލުން ވެފައި ނުވާކަމަށެވެ. މި އަލިފާނުގެ ހާދިސާ ގެ  ތަފްސީލް ކަމާބެހޭ އިދާރާތަކުން އަދި ހާމަކޮށްފައި ނުވާތީ އަދި ވެފައިވާނެ ގެއްލުމުގެ އަންދާޒާއެއް ވެސް ނޭގެއެވެ. އަނދައިދިޔަ މިންވަރަށް ބަލާއިރު ލިބުނު ގެއްލުން މިލިއަނުން ގުނާލެވޭނެކަން ކަށަވަރެވެ.  

އަލިފާން  ކޮންޓްރޯލް ކުރެވުނީ ދެ ގަޑިއިރުފަހުން

އެސްބީ އައި އަލިފާނުގެ ހާދިސާ ހިނގައިފައިވަނީ ރޭގެ ގާތްގަޑަކަށް 9:30 ކަންހާއިރުކަމަށް ބައެއް މީޑިއާ ތަކުން ރިޕޯރޓް ކޮށްފައި ވެއެވެ.  ފުރަތަމަ އަލިފާން ރޯވީ އާޓިފިޝަލް ބީޗް ބޮޑުތަކުރުފާނު މަގުގައި ހުންނަ ކެފޭ ޓިއޯލޯގައެވެ. އޭގެ ފަހުން ޖެހިގެން ހުރި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ހިންގާ ގަދަގޭ މުޙައްމަދުފުޅު ބިލްޑިންގ ނުވަތަ ހ. ސަންލީޓްގައި އަލިފާން ރޯވިއެވެ. ކެފޭގެ އަލިފާންގަނޑު ނިވާލަން މާ ގިނަ އިރެއް ނުނަގައެވެ. ނަމަވެސް އެތަންވެސް ނިވާލިއިރު ވަނީ ބޭނުން ނުކުރޭވަރަށް އަނދައި ހުލިވެފައެވެ. އެންމެ ގިނަ ވަގުތު ނެގީ އެސްބީއައި ހިންގާ އިމާރާތުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށެވެ.

އެސްބީއައި އަލިފާނުގެ ހާދިސާ ފެތުރިގެން ނުދިޔަ އެއް ސަބަބަކީ ބޮޑު މަގެއްގައި ހުރި އިމާރާތަކަށް ވުމާއި ތޮއްޖެހިފައިވާ އިމާރާތްތަކެއް ނެތުމާއި ވައިމަޑުވުމުން ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. ބޮޑުމަގެގައި ހުރި ތަނަކަށް ވެފަފައި އެސަރަޙައްދަށް އަވަހަށް އަލިފާން ނިވާ ވެހިކަލްތަކަށް ދެވޭނެ މަގު ތަނަވަސް ވުން އެއީ އަލިފާން ކޮންޓްރޯލް ކުރުމަށް އިތުރަށް ފަސޭހަ ވެގެން ދިޔަކަމެކެވެ. ނަމަވެސް އަލިފާން ނިވުމުގައި ލަސްކަމެއް އުޅުނުކަން މަންޒަރު ދުށް ފަރާތްތަކުގެ ވާހަކައިން އެނގެއެވެ. މަންޒަރު ދުށްފަރާތަކުން ބުނެފައިވަނީ އަލިފާން ނިވާން ފުރަތަމައައީ ކުޑަކުޑަ ފަޔަރ ޓްރަކެއް ކަމަށެވެ. ބައިގަޑިއެއްހާ އިރު އަލިފާން ނިވަން މަސައްކަތް ކޮށްފައި ވަނީ އެޓްރަކް އެކަނި ބޭނުންކޮށްގެން ކަމަށެވެ. ނަމަވެސް ފަހުން ވަނީ ގިނަ އަދަދެއްގެ ވެހިކަލްތައް މިއަލިފާން ނިވުމަށް ބޭނުން ކޮށްފައެވެ. އަދި އެއާޕޯޓް ފަޔަރ ޓްރަކްވެސް ވަނީ ބޭނުންކޮށްފައެވެ. މިއަލިފާންގަނޑު ނިއްވާލާފައިވަނީ އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއުގެ ވެހިކަލްތަކުގެ އިތުރުން އެއާޕޯޓްސް ކޮމްޕެނީގެ ފަޔަރ ލޮރީގެ އެހީތެރިކަމާއެކު ފެނާއި ފޯމް ބޭނުންކޮށްގެން ކަމަށް އެމް.އެން.ޑީ.އެފްއިން ވަނީ ވިދާޅުވެފައެވެ.

މިފަދަ ކޮންމެ ބޮޑު އަލިފާނުގެ ހާދިސާއަކާ ގުޅިގެން އެންމެ ބޮޑު ފާޑު ކިޔުމެއް އަމާޒުވަނީ ދިވެހި ސިފައިނަށް އަލިފާން ނިވުމުގެ ޤާބިލްކަން ލިބިފައިވާ މިންވަރާ މެދުއެވެ. އެގޮތުން ރޭގެ ހާދިސާއާ ގުޅިގެންވެސް ބައެއް ފަރާތްތަކުން ވަނީ އެމް.އެން.ޑީ.އެފްގެ ފަޔަރ އެންޑް ރެސްކިއުގެ ގާބިލްކަމާ މެދު ސުވާލު އުފައްދަވައިފައެވެ. ނަމަވެސް މިކަމަށް ރައްދުދީ ވާހަކަ ދެއްކި ބައެއް ފަރާތްތަކުން ބުނެފައި ރޭގެ އަލިފާނުގެ ހާދިސާފަދަ އުސް ޢިމާރާތްތަކުގައި ހިނގާ އަލިފާނުގެ ޙާދިސާތައް ކޮންޓްރޯލް ކުރުމަށް ބޭނުން ވާ ފުރިހަމަ ވަޞީލަތްތައް އެމް.އެން.ޑީ.އެފްގެ ފަޔަރ އެންޑް ރެސްކިޔުގައި ހުންނާނެކަމަށެވެ. 15 ބުރީގެ ޢމާރާތްތަކަށް ފެންޖެހޭ ވަރު ސާމާނުވެސް ހުންނާނެކަމަށެވެ. އިޖާބަ ދިނުމުގައި ލަސްކަމެއް އުޅޭނަމަ އެއީ ދެރަ ކަމެއް ކަމަށެވެ.

މިހާރު މާލެ ސަރަޙައްދުގައި ޢިމާރާތްތައް އުސްވަމުން ގޮސް ވަނީ 25 ބުރިއަށް ވެސް އަރާފައެވެ. އެފަދަ އެއް ޢިމާރަތަކީ ދަރުމަވަންތަ ހޮސްޕިޓަލެވެ. އެތައް ބަޔަކަށް ސިއްޙީ ފަރުވާ ދެމުންދާ މުހިންމު އިމާރާތެކެވެ. އަދި ހުޅުމާލޭގައި މިހާރު ޢިމާރާތްކޮށް ނިމި މީހުންނަށް ދިރިއުޅުމަށް ދޫކުރުމަށް ތައްޔާރުވެފައިވާ ހިޔާ މަޝްރޫޢުގެ ފްލެޓް ޢިމާރާތްތަކަކީވެސް 25 ބުރީގެ ޢިމާރާތްތަކެވެ. އެހެންކަމުން މާލޭ ސަރަޙައްދުގައި އިމާރާތްތައް އުސްވާ ވަރަށް މާލޭ ސަރަޙައްދުގައި އަލިފާން ނިވުމުގެ ގާބިލްކަންވެސް އެތައް ހަރުފަތެއް އުސްކޮށް ނިޒާމު ހަރުދަނާ ކުރަންޖެހެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.