މިޔަންމާގައި އެގައުމުގެ ސިފައިންގެ ލާއިންސާނީ އަނިޔާތައް ލިބެމުންދާ ރަކީން ސްޓޭޓްގައި ދިރިއުޅެމުން އައި ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް އެހީވުމަށްޓަކައި ޚާއްސަ ހަރަކާތްތަކެއް ހިންގުމަށް ދިވެހި ސަރުކާރުން ޚާއްސަ ކޮމިޓީއެއް އެކުލަވާލައިފިއެވެ.
މި ކޮމިޓީގައި އެންމެ އިސްކޮށް ހުންނެވީ އިސްލާމިކް މިނިސްޓަރ ޑރ އަޙްމަދު ޒިޔާދު ބާގިރެވެ. އަދި ޑިފެންސް މިނިސްޓަރ އާދަމް ޝަރީފްގެ އިތުރުން ހޯމް މިނިސްޓްރީ އާއި ޑިފެންސް މިނިސްޓްރީ އާއި ފުލުހުންގެ އިސްބޭފުޅަކުވެސް މި ކޮމިޓީގައި ތިއްބަވައެވެ.
ސަރުކާރުން އުފެއްދެވި ޚާއްސަ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ފުރަތަމަ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރ ޑރ ޒިޔާދު ބާގިރު ވިދާޅުވީ މި ކޮމިޓީއަކީ ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ރާއްޖޭގައި ހިންގާ ހުރިހާ ހަރަކާތެއް ކޯޑިނޭޓް ކުރުމަށް އުފެއްދި ކޮމިޓީއެއް ކަމަށެވެ.
މި ކޮމިޓީގެ ބެލުމުގެ ދަށުން އަމިއްލަ ޖަމްއިއްޔާ ތަކާއި ރާއްޖޭގެ މީޑިޔާތައް ގުޅިގެން މުޅިރާއްޖޭގައި ޚާއްސަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ނިންމާފައެވެ. އެގޮތުން މިމަހުގެ 21 އިން 23 އަށް މީޑިޔާތައް ގުޅިގެން ޚާއްސަ ޓެލެތޯނެއްވެސް ބާއްވަން މިހާރު ވަނީ ރާވާފައި ކަމަށް ކޮމިޓީން ވަނީ ހާމަކޮށްފައެވެ. އިސްލާމިކް މިނިސްޓަރު ވިދާޅުވީ މި ހަރަކާތުގައި ބައިވެރިވެ މިޔަންމާގެ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް އެހީވުމުގެ ފުރުޞަތު އާންމު ހުރިހާ ރައްޔިތުންނަށް އޮންނާނެ ކަމަށެވެ.
ސަރުކާރުން އެކުލަވާލި ޚާއްސަ ކޮމިޓީގެ މަސައްކަތް މިއަދު މެންދުރު ފަހު ތިނަކުން ވަނީ ފަށާފައެވެ. އެގޮތުން މިހާރު ވަނީ ކޮމިޓީން ޚާއްސަ ހޮޓްލައިން ނަންބަރެއްވެސް ގާއިމް ކޮށްފައެވެ. އެއީ 1440 އެވެ.
" މިއަދުން ފެށިގެން މި އޮފީހުގެ މަސައްކަތް ފެށިގެން މިދިޔައީ " އިސްލާމިކް މިނިސްޓަރު ޑރ ޒިޔާދު ބާގިރު ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ދިވެހި ސަރުކާރުން މަސައްކަތް ކުރަނީ ރާއްޖޭގެ ހުރިހާ ރައްޔިތުން ތިބީ ޙާލުގައި ޖެހެމުންދާ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާއެކު ކަން ހާމަކޮށް ދިނުމަށް ކަމަށެވެ. އެގޮތުން ކޮންމެ ދިވެހި ރައްޔިތަކުވެސް އެމީހެއްގެ ތަނަވަސްކަން ހުރި ވަރަކުން ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް އެހީވުމަށް މިނިސްޓަރު އިލްތިމާސް ކުރެއްވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ މިކަމަށް ޚާއްސަކޮށް އިސްލާމިކް ބޭންކާއި ބޭންކް އޮފް މޯޑިވްސްގައި ޚާއްސަ އެކައުންޓެއް ހުޅުވުމުގެ އިތުރުން މޯބައިލް ފޯނު ބޭނުންކޮށްގެން ފައިސާގެ އެހީ ފޯރުކޮށްދެވޭނެ ގޮތްވެސް ކުރިޔަށް އޮތްތަނުގައި ހަމަޖައްސާނެ ކަމަށެވެ. މިކަމަށް ލިބޭ ފައިސާ ވީހާވެސް ދެފުށް ފެންނަ އުސޫލަކުން އަމާނާތްތެރި ކަމާއެކު ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާ ހަމައަށް ދިވެހި ސަރުކާރުން ރައްދުކޮށް ދެއްވާނެ ކަމުގެ ޔަގީންކަންވެސް ޝަރީފް ދެއްވިއެވެ.