ދެކުނު އިރުމަތީ އޭޝިޔާ ސަރަހައްދުގެ ގިނަ ގައުމުތަކަމުން މިލްކުވެރިކަމަށް ދައުވާކުރާ ދެކުނު ޗައިނާ ކަނޑު (ސައުތު ޗައިނާ ސީ) ގައި މިއަދު ޗައިނާއިން ދެ މިސަލެއް ޓެސްޓުކޮށްފިއެވެ. އޭގެ ތެރޭން އެއް މިސައިލަކީ އެމެރިކާއަށް އިންޒާރެއްގެ ގޮތުގައި އުދުއްސާލެވުނު 'އެއާކްރާފްޓް ކެރިއާ ނައްތާލާ' މިސައިލެކެެވެ.
ހޮންކޮންގުގައި ނެރޭ ސައުތު ޗައިނާ މޯނިންގ ޕޯސްޓުން ރިޕޯޓުކޮށްފައި ވާގޮތުގަައި ޗައިނާއިން ވަނީ ބުރާސްފަތި ދުވަހު ތަޖުރިބާކުރުމުގެގޮތުން 2 މިސައިލެއް އުދުއްސާލާފައެވެ. ކިންގްހާއި ޕްރޮވންސުން އުދުއްސާލި ޑީއެފް-26ބީ މިސައިލަކީ މެދުތެރޭ ދުރުރާސްތާގެ މިސައިލެކެވެ. އަދި ބުދަދުވަހު ޒެޖިއާންގ ޕްރޮވިންސުން އުދުއްސާއި ޑީއެފް-21ޑީ މިސައިލަކީ މެދު ރާސްތާގެ މިސައިލެކެވެ.
މި މިސައިލްތައް އުދުއްސާލީ، ނޫހުން ބުނެފައިވާ ގޮތުގައި، ޗައިނާއިން އަސްކަރީ ތަމްރީނުތައް ކުރިޔަށް ގެންދިޔަ ސަަރަހައްދުގައި ޗައިނާއިން ކަނޑައަޅާފައިވާ 'އުދުހުން މަނާ' ސަރަަހައްދަށް އަންގާރަ ދުވަހު އެމެރިކާގެ ޔޫ-2 ޖާސޫސީ މަތިންދާބޯޓެއް ވަދެ ފޮޓޯ ނަގާފައި ވާތީ ޗައިނާ ރުޅި އައިސްފައިވާކަން އެެންގުމަށެވެ. އެމެރިކާއަށް އިންޒާރެއް ދިނުމުގެ ގޮތުންނެވެ.
ޗައިނާގެ ޕީޕަލްސް ލިބަރޭޝަން އާމީގެ ތަމްރީނުތަކުގައި ދެކުނު ޗައިނާ ކަނޑުތެރެއަށް ފޮނުވާލި، 1800 ކިލޯމީޓަރު ދުރަށް ދަތުރުކުރާ، މެދު ރާސްތާގެ މިސައިލަކީ މަނަވަރުފަހަރަށް އަމާޒުކުރެވޭ ގޮތައް ހަދާފައިވާ ދުނިޔޭގެ ފުރަތަމަ މިސައިލް ކަމުގައި ޗައިނާއިން ބުނެއެވެ. ޗައިނާގެ ބައެއް ނޫސްތަކުން ސިފަޮށްފައިވާ ގޮތުގައި މި މިސައިލަކީ 'އެއާކްރާފްޓް ކެރިޔާ ނައްލާތުމުގެ ގާބިލުކަން ލިބިފައިވާ މިސައިލެކެވެ،
ދުނިޔޭގެ އެންމެ ގިނަ އާގުބޯޓުތައް ދެކުނު ޗައިނާ ކަނޑުން ދަތުރުކުރާއިރު، އެ ކަނޑުގެ ސަރަހައްދުތަކާއި ޖަޒީރާތަކަށް ޗައިނާގެ އިތުރުން ޓައިވާން، ބުރުނާއީ، އިންޑޮނޭޝިޔާ، މެލޭޝިޔާ، ފިލިޕީންސް އަދި ވިއެޓްނާމުން ދައުވާކުރެއެވެ. އެ ކަނޑުގެ ބޮޑު ސަރަހައްދަކަށް ޗައިނާކުރާ ދައުވާގައި އެމެރިކާއިން ތާއީދުކުރަނީ ޗައިނާއާ ދެކޮޅު ގައުމުތަަކަށެވެ.
ފާއިތުވި އަހަރުތަކުގައި ޗައިނާއިން ވަނީ ދެކުނު ޗައިނާ ކަނޑުގެ ފަޅުތައް ހިއްކައިގެން ހަތް ރަށެއް ހަދައި އެރަށްތަކުގައި ވައިގެ ބަނދަރާއި އަސްކަރީ ވަސީލަތްތައް ގާއިމުކޮށް ގިނަ އަދަދެއްގެ ސިފައިން އެ ރަށްތަކަށް ފޮނުވާފައެވެ.
ބުދަ ދުވަހު އެމެރިކާއިން ބުނެފައި ވަނީ ދެކުނު ޗައިނާ ކަނޑުގައި އަސްކަރީ ތަމްރީނުތައް ކުރިއަށް ގެންދިއުމުގައި ޒިންމާވާ އިސް މަސްއޫލުވެރިންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ކަމުގައެވެ.