މޮރިޝަސްގެ ގޮނޑުދޮށަށް މަރުވެފައިވާ ކޯމަހާއި، ބޮޑުމަސް ލައްގަން ފަށައިފި

މަރުވެފައިވާ ކޯމަސްތަކެއް މޮރިޝަސްގެ ގޮނޑުދޮށަށް ލައްގާފައި

ފާއިތުވި ޖުލައި މަހުގެ ފަހުކޮޅު މޮރިޝަސްގެ ފަރަކަށް އަރައި ދެބުރިވި އާގުބޯޓަކުން ކަނޑަށް ތެޔޮ އެޅުނު ސަރަހައްދުގެ ގޮނޑުދޮށަށް މަރުވެފައިވާ ކޯމަހާއި، ބޮޑުމަސް ލައްގަން ފަށައިފިއެވެ.

ޖުލައި މަހުގެ 25 ވަނަ ދުވަހު ފަރަށް އެރި 'ވަކަޝިޔޯ'ގެ ދިރުނބާ ކޮޅު ފައްތާލި ދުވަހުގެ ފަހު ދުވަހު (މިއަދު)މަރުވެފައިވާ 17 ކޯމަހާއި، މަރުވާން ކައިރިވެފައިވާ އެތައް ކޯމަހެއް ގޮނޑުދޮށަށް ލެއްގުމުން އާއްމުންގެ ރުޅިވެރިކަން ވަނީ ބޮޑުވެފައެވެ. ގިނަ ބަޔަކު ވަނީ އެ ބައި ފައްތާލުމާ މަސްތައް މަރުވުމާ ގުޅެމެއް ވާކަން ގަބޫލުކުރެވޭ ކަަމަށް ބުނެފައެވެ.  ބޯޓު ފަރަށް އެެރި ސަރަަހައްދަކީ ތިމާވެށި ހިމާޔަތްކުރެވިފައިވާ ސަރަހައްދެކެވެ.

ލައްގާފައިވާ މަސްތައް މަރުވެފައި ވަނީ ތެލުގެ އަސަރުކޮށްގެންކަން އަދި ކަށަަވަރުކުރެވިފައި ނުވިޔަސް، އެ މަސްތަކުން ތެޔޮ ވަސް ދުވާކަމަށް ރިޕޯޓުތައް ބުނެއެެެވެ.

ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ވާހަކަދެއްކި ޖަސްވިން ކޮސް އައްޕަޑޫ ބުނި ގޮތުގައި މަރުވެގެން ލައްގާފައިވާ ކޯމަސްތައް މަރުވި ސަބަބު ދެނެގަތުމަށް އޮޓޮޕްސީ ހެދުމަށްޓަަކައި އެލްބިއަން ފިޝަރީޒް ރިސާޗް ސެންޓަރަށް މިރޭ ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރަށް މޮރިޝަސްގައި ތިބި ބައެއް ރިޕޯޓަރުން ޚަބަރުދީފައި ވާގޮތުގައި 13 ބޮޑުމަސްވެސް އެ ސަރަަހައްދަށް ލައްގާފައި ވާއިރު އޭގެ ތެރޭގައި ދިރި އޮތީ އެންމެ ބޮޑުމަހެކެވެ.

ފަރަށް އެރި އާގުބޯޓުން ތެޔޮ ބޭރުވާން ފަށާފައި ވަނީ ބޯޓު ފަަރަށް އެރިތާ 12 ދުވަސް ފަހުން އޮގަސްޓު މަހުގެ 6 ވަނަ ދުވަހެވެ. ސިންގަޕޫރުން ފުރައިގެން ބްރެޒީލަށް ދަތުރުކުރަމުން ދިޔަ ބޯޓުގައި 4190 ޓަނުގެ ތެޔޮ ހުއްޓެވެ. އެ ބޯޓު ފަރަށް އެރިއިރު ބޯޓު ވަނީ ދަތުރުކުރަން ޖެހޭ މިސުރާބާ 200 ކިލޯމީޓަރު ފެއަށް ޖެހިފައެވެ. އަދި ތިމާވެށި ހިމާޔަތްކުރެވިފައިވާ ބްލޫ ބޭ މެރިން ޕާކުގެ ސަރަހައްދަށް ވަދެފައެވެ.

މަރުވެފައިވާ ގިނަ މަސްތަކެއް ގޮނޑުދޮށަށް ލައްގަން ފަށާފައިވާއިރު، މޮރިޝަސްގެ ކަމާބެހޭ އިދާރާތަކުގެ އިތުރުން ޖަޕާނާއި އިނގިރޭސިވިލާތުގެ ތަޖިރިބާކާރުން އަދިވެސް ދަނީ ކަނޑަށް ތެޔޮ އެޅުމުގެ ސަބަބުން ތިމާވެށްޓަށް ލިބިފައިވާ ގެއްލުންތައް ދިރާސާކުރަމުންެނެވެ.

ދެބުރި ވެފައިވާ އާގުބޯޓުގެ 300 މީޓަރު ދިގު ދިރުނބާ ކޮޅު ހޯމަ ދުވަހު ފައްތާލިޔަސް ބޯޓުގެ ކޮޅުފަސް ކޮޅު އަދިވެސް ފަރުމަތީގައި އެބަހުއްޓެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.