ދެކުނު އެފްރިކާގެ އެންމެ ބޮޑު ތާރީީޚީ މިސްކިތުގައި އަލިފާން ރޯވެ ބޮޑު ބައެއް އަނދައިފި

ޑާބަންެގެ ޖުމްއާ މޮސްކް (ގްރޭ ސްޓްރީޓް މޮސްްކް) ގައި ރޯވެ އަނދަނީ

ދެކުނު އެފްރިކާގެ ޑާބަންެގެ ޖުމްއާ މޮސްކް (ގްރޭ ސްޓްރީޓް މޮސްްކް) ގައި އަލިފާންރޯވެ ބޮޑު ބައެއް އަނދައިފިއެވެ. 139 އަހަރުވެފަައިވާ މި މިސްކިތަކީ އެފްރިކާގެ ދެކުނުގައި ހުރި އެންމެ ބޮޑު މިސްކިތެވެ. މި މިސްކިތުގައި އެއްފަހަރާ 7 ހާސް މީހުންނަށް ނަމާދުކުރެވެއެވެ.

މިސްކިތުގައި ހޯމަ ދުވަހު އަލިފާން ރޯވި ސަބަބެއް އަދި ހޯދިފައި ނުވެއެވެ. އެހެންނަމަވެސް، ސައުތު އެފްރިކަން މުސްލިމް ނެޓްވާކްގެ ޗެއާމަން ފައިސަލް ސުލައިމާން ވިދާޅުވި ގޮތުގައި މިސްތިކުގެ މަތީގައި މުވައްޒަފުން ދިރިއުޅޭ ހަތް ފްލެޓުގެ ތެރެއިން ފްލެޓެއްގައި ކަރަންޓު ޝޯޓްވެެގެން އަލިފާން ރޯވީކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.

"މިއީ ހިނގި ހާދިސާއެއް ކަމަށް ބެލެެވެނީ. ގެއްލުން ދިނުމުގެ ގޮތުން ބަޔަކު ގަސްތުގައި ކުރި ކަމެއް ކަމަކަށް ނުބެލެވޭ." ސުލައިމާން ވިދާޅުވިއެވެ.

އަލިފާންގަނޑު ފެތުރުުމުގެ ކުރިން މިސްކިތުގެ މުވައްޒަފުންނާ އެމީހުންގެ އާއިލާތައް ވަނީ އެތަނުން ނެެރެފައެެވެ. އެެހެންކަމުން، މި އަލިފާނުގައި އެއްވެސް މީހަކު މަރުވެފައި ނުވެއެވެ.

ޑާބަންގެ މުސްލިމުންގެ ރޫޙާނީ މަރުކަޒު ކަމުގައި ބެލެވޭ ގްރޭ ސްޓްރީޓް މިސްކިތަކީ ދެ ވިޔަފާރިވެރިން ކަމުގައިވާ އަބޫބަކްރު އަޙްމަދާއި ޙާޖީ މުޙައްމަދު ދާދާ 150 ޕައުންޑަށް ގަތް ބިމެއްގައި 1881 ވަނަ އަހަރު ބިނާކުރި މިސްކިތެކެވެ. ފުރަތަމަ ބިނާކުރެވުނީ 50 މީހުންގެ ޖާގައިގެ ކުޑަ މިސްކިތެއް ނަމަވެސް، އެކި ފަހަރު މަތިން މިސްކިތް ބޮޑުކުރަމުން ގޮސް، މިހާރު އެއީ 7 ހާސް މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭ މިސްކިތެކެެވެ.

އެމަޖެންސީ މެޑިކަލް ސާވިސަސް (އީއެމްއެސް) ގެ ތަރުޖަމާނު ރޮބަޓް މެެކެންޒީ ވިދާޅުވި ގޮތުގައި ކައިރީގައި ހުރި ތިން އިމާރާތަކަށްވެސް އަލިފާންގަނޑު ވަނީ ފެތުރިފައެވެ.

ދެ ގަޑިއެއްހާއިރުގެ މަސައްކަތުން އަލިފާން ނިވާލެވުނު އިރު، މިސްކިތުގެ އެންމެ ތިރީ ބަޔަށް (ނަމާދުކުރާ ބަޔަށް) އަލިފާން ނުފޯރައެވެ.

އަލިފާން ރޯވި މިސްކިތަކީ އިންޑިޔާ ދަރިކޮޅުގެ ގިނަ އަދަދެއްގެ މުސްލިމުން ދިރިއުޅޭ ޑާބަންގެ އެންެމެ ފާހަގަކުރެވޭ އެއް އިމާރާތެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.