ހުޅަނގު އެފްރިކާގެ ގައުމެއް ކަމުގައިވާ، މާލީގެ ރައީސު އިބްރާހީމް ބޫބަކަރް ކީޓާގެ ވެރިކަން ބަޣާވާތަކުން ވައްޓާލުމަށް ފަހު އެ ގައުމުގެ ވެރިކަމަށް އިސްވި އިސްކަރީ ވެރިން ތިން އަހަރުގެ އިންތިގާލީ މުއްދަތެއް ބޭނުންވާކަމަަށް ބުނެފިއެވެ. މިކަން ހާމަކޮށްފައިވަނީ، މާލީގެ މައްސަލައިގެ ހައްލެއް ހޯދުމަށް އެގައުމަށް މިހާރު ޒިޔާރަތް ކުރަމުންދާ ހުޅަނގު އެފްރިކާގެ ވަފުދުން ހާމަކޮށްފިއެވެ.
"މާލީގެ ދަައުލަތުގެ އަސާސުތައް މުރާޖައާކުރުމަށް ތިން އަހަރުދުވަހުގެ އިންތިގާލީ މުއްދަތެއް ބޭނުންވާކަން އަސްކަރީވެރިން ވަނީ ކަށަވަރުކޮށްދީފައި. މި އިންތިގާލީ މަރުހަރާ ކުރިއަށް ދާނީ ސިފައިންގެ މީހަކު އިސްވެ ހުންނަ ކޮމިޓީއަކުން. އޭނާ ވާނީ ދައުލަތުގެ އެންމެ އިސް ވެރިޔާއަށް." ވެރިރަށް ބަމާކޯގައި އޭއެފްޕީއަށް މައުލޫމާތު ދެެއްވަމުން އިކޮނޮމިކް ކޮމިއުނިޓީ އޮފް ވެސްްޓް އެފްރިކަން ސްޓޭޓްސް (އެކޮވާސް) ގެ ވަފުދުގެ ބޭފުޅަކު ވިދާޅުވިއެވެ.
ސިފައިންެގެ ހުށަހެޅުމުގައި ވާގޮތުން ސަރުކާރު ހިންގާނީ މައިގަނޑުގޮތެއްގައި ސިފައިންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކާނަލް އަސީމީ ގޮއިޓާ އޭނާއާއެކު ވެރިކަން ބަދަލުކުރުމުގައި އިސްކޮށްތިބި ސިފައިންނާއި އެކޮވާސްގެ ވަފުދު ވަނީ މުޅި އާދީއްތަ ދުވަސް ހެން ބަންދު ކޮޓަރީގައި މަޝްވަރާކުރުމުގައި ހޭދަކޮށްފައެވެ. އެކޮވާސްގެ ވަފުދުގެ ވެރިއަކަށް ހުންނެވީ ނައިޖީރިޔާގެ ކުރީގެ ރައީސު ޖޮނަަތަން ގުޑްލަކްއެވެ.
"އަހަރުމެންނަށް ވަނީ ބެއެއް ނުގުތާތަކުގެ މައްޗަށް އެއްބަަސްވެވިފައި. އެެހެނަސް، މަޝްވަރާކުރެވުނު ހުރިހާ ކަމެއްގެ މައްޗަށް އެއްބަސްނުވެވޭ." ނުވަގަޑި އިރުގެ މަޝްވަރާތަކަށް ފަހު ރޭ ނޫސްވެރިންނާ ބައްދަލުކުރައްވަމުން ޖޮނަތަން ވިދާޅުވިއެވެ.
"އަހަރުމެން ވަނީ ބައެއް ކަންކަމުގައި ދޫ ދިނުމަށް އެއްބަސްވެފައި. ހޯމަދުވަހު އިތުރު މަޝްވަރާތައް ކުރިއަށް ދާނެ." ސިފައިންގެ ފަރާތުން ވާހަކަދެއްކެވި ކާނަލް އިސްމާއީލް ވާގޫ ވިދާޅުވިއެވެ.
ވަފުދުގެ ބޭފުންގެ ތެރެއިން އޭއެފްޕީއާ ވާހަކަދެއްކެވި ބޭފުޅާ ވިދާޅުވި ގޮތުގައި އަސްކަރީ ވެރިން ވަނީ ރައީސު ކީޓާ މިނިވަންކުރުމަށް އެއްބަސްވެފައެވެ. "އޭނާއަށް އަވަހަށް ގެކޮޅަށް ވަޑައިގެންނެވޭނެ." އެ ބޭފުޅާ ވިދާޅުވިއެވެ.
މި އޮގަސްޓު މަހުގެ 18 ވަނަ ދަވަހު މާލީގައި ގެނައި އަސްކަރީ އިންގިލާބަކީ އަށް އަހަރު ދުވަހުގެ ތެރޭގައި ގެނައި މިފަދަ ދެވަނަ އިންގިލާބެވެ.