ލީބިޔާގެ ވެރިރަށް ޓްރިޕޮލީ (ޠަރާބުލުސް) ގައި ޤާއިމުވެފައި އޮތް ސަރުކާރު، ގަަވަމެންޓް އޮފް ނޭޝަލަން އެކޯޑް (ޖީއެންއޭ)، އާއި ޠުބްރުޤްގައި އޮންނަ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އޮފް ލީބިޔާއިން އެ ގައުމުުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެއްޖެއެެވެ. ގިނަ ބަޔަކަށް ހައިރާންކަން ގެނެސްދިން މި ނިންމުމާއެކު، ދެ ފަރާތުން ވަނީ މިކަން ޔަޤީންކޮށްދޭ ވަކި ބަޔާންތައް ނެރެފައެވެ.
އދ. އިން ލީބިޔާގެ ގާނޫނީ ސަރުކާރުން ކަމުގައި ގަބޫލުކުރާ ޖީއެންއޭގެ ރައީސު ފާޔިޒު އައްސައްރާޖާއި، ހައުސް އޮފް ރެޕްރެޒެންޓެޓިވެސްގެ ރައީސު ޢަޤީލާ ޞާލިޙު ނެރުއްވި ބަޔާނަށް ގިނަ ފަރާތްތަކަކުން ދަނީ މަރުހަބާކިޔަމުންނެވެ.
އީޔޫން ވަނީ ލީބިޔާއިން ފެނުނު "އާ އުއްމީދަށް" މަރުހަބާކިޔާފައެވެ. އަދި ދެ ފަރާތް ގުޅިގެން އާއްމު އިންތިޚާބެއް ބާއްވާނެ ކަމުގެ އުއްމީދު ފާޅުކޮށްފައެވެ.
މި އެއްބަސްވުމާ ހަމައަށް އާދެވިފައި މިވަނީ ބޭރުގެ ގިނަ ޑިޕްލޮމޭޓުންތަކެއް ލީބިޔާއަށް ޒިޔާރަތްކޮށް، ދެ ފަރާތުގެ އިސް މަސްއޫލުވެރިންނާ ބައްދަލުކުރައްވާފައި ވަނިކޮށެވެ.
ލީބިޔާގެ ހުޅަނގުގެ ބޮޑުބައި ކޮންޓުރޯލުކުރާ ޖީއެންއޭއާއި، އިރުމައްޗާއި ދެކުނުގެ ބޮޑުބައި ކޮންޓުރޯލުކުރާ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް ހަނގުރާމަ ހުއްޓާލައި ސުލްހައިގެ ވާހަކަތައް ކުރިއަށް ގެންެދަން އެއްބަސްވި ނަމަވެސް، ޖީއެންއޭއިން ބުނެފައި ވަނީ 'ހަނގުރާމައިގެ މުޖްރިމު' ޚަލީފާ ހަފްތަރާ ވާހަަަކަ ނުދައްކާނެ ކަމަށެވެ. ޖީއެންއޭގެ ބަޔާނުުގައި ވާގޮތުން ލީބިޔާގެ ނަމުގައި މަޝްވަރާތަކުގައި ބައިވެރިވެ ވާހަކަދެއްކުުމުގެ ހައްގު ލިބިގެން ވަނީ ރައްޔިތުން އިންތިޚާބުކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
ލީބިޔަން ނޭޝަނަލް އާމީ (އެލްއެންއޭ) ގެ ނަމުގައި ހަނގުރާމަވެރިންގެ ލަޝްކަރެއް ހަދައިގެން ލީބިޔާގެ ކޮންޓުރޯލު ހޯދުމަށް ހަނގުރާމަކުރާ ކުރީގެ ޖެނެރަލް ޙަފްތަރަކީ އިރުމަތީގެ ޠުބްރުޤުގައި އޮންނަ ސަަރުކާރުގެ ތާއީދު ލިބޭ ފަރާތެކެވެ.
ދަ ނޯތު އެޓްލާންޓިކް ޓްރީޓީ އޮގަނައިޒޭޝަން (ނޭޓޯ) ގެ އެހީތެރިކަމާއެކު، 2011 ވަނަ އަހަރު ކާނަލް މުޢައްމަދު އަލްޤައްޒާފީގެ ސަރުކާރު ވައްޓާލިފަހުން ލީބިޔާގައި ވެރިކަން ކުރަމުން އަންނަނީ އެއް ސަރުކާރަށްވުރެ ގިނަ ސަަރުކާރުތަކުންނެވެ. ކޮންމެ ބަޔަކުވެސް މުޅި ލީބިޔާގެ ކޮންޓުރޯލު ހޯދުމަށް މި ސަރުކާރުތަކުގެ ސިފައިިންގެ މެދުގައި އަންނަނީ ހަނގުރާމަ ހިނގަމުންެނެެވެ. އަދި މިހަނގުރާމައިގެ ތެރެއަށް ޚަލީފާ ޙަފްތަރު ވަނުމާއެކު ހަނގުރާމަ ވަނީ އިތުރަށް ގަދަވެގެން ގޮސްފައެވެ.
އަބަދުވެސް އިރުމައްޗާއި ހުޅަނގުގެ މީހުންގެ މެދުގައި އިތުބާރު ކުޑުވުމާއި، ވާދަވެރިކަން ބޮޑުވުމުގެ މައްސަލަތައް އޮތުމުން، ލީބިޔާ އެކަތިގަނޑަކަށް އަލުން ހަދައި، އެއް ގައުމެއްގެ ގޮތުގައި ދެމެހެއްޓުމަށް ގިނަ ބައެއްގެ ތާއީދު އޮތް ވަރުގަދަ ސަރުކާރެއް ބޭނުންވެއެވެ.
އަލަށް އެކުލަވާލެވުނު އެއްބަސްވުމުން މިކަމަށް މަގުފަހިވުމަކީ ގިނަ ބަޔަކު އެދޭ ގޮތެވެ.