ޝާހިދު: އެކަހެރިވެފައިވާ ރާއްޖެ ދުނިޔެއާ ގުޅުވާލަދިން މޭސްތިރި

މަލިކާއި ޑިއަގޯ ގާސިޔާއަކީ ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ބައެއް ބާރުތަކުގެ މިލްކުވެރިކަމުގައިވާ ޖަޒީރާތަކެވެ. ދިވެހިންނަށް، ދިވެހި ރާއްޖެއަށް އެތަންތަނަށް ވެރިވެ ގަނެވޭނެ ގޮތެއް، މިލްކުވެރިކަން ހޯދޭނެ ގޮތެއް އަމުދުން ނެތެވެ. އެފަދަ ނުތަނަވަސްކަމެއްގެ ތެރެއަށް ވަންނަން މަސައްކަތް ކުރުމުގެ މާނައެއްވެސް ނެތެވެ.

ދިވެހި ހާރިޖީ ސިޔާސަތު ބިނާވެފައި އޮތީ ދޭދޭ ޤައުމުތަކުގެ އިންތަކާއި މިލްކުވެރިކަމަށް އިންތިހާއަށް އިހްތިރާމުކުރާ އުސޫލުގެ މަތީގައެވެ. ދިވެހި ބައެއް ސިޔާސީ މީހުންނަށް މިކަން މޭރުން ނުވުމަކީ ދިވެހި ހާރިޖީ ސިޔާސަތު ފޭލްވުން ކަމަށް ބެލޭނެ އެއްވެސް ހަމައެއް އިލްމީ ނަޒަރަކުން ނަޒަރު ކުރާއިރު ފެންނާކަށް ނެތެވެ.

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ކުއްލި އަކަށް ދިވެހި ފޮރިން މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަން އުޅުއްވާކަން އިއުލާން ކުރެއްވީ މަލިކާއި ޑިއެގޯ ގާސިޔާ ދިވެހި ރާއްޖެއަށް ހޯއްދަވައި ނުދެއްވާތީ ކަމަށްވެއެވެ. މިއީ ސިޔާސީ ގޮތުން ބައެއްގެ ސަމާލުކަން ހޯއްދަވަން ކުޅުއްވަން އުޅުއްވާ ގޭމެކެވެ. އެކަމަކު އެހާގެ ނާޒުކު މަޢުލޫއެއް އަތްމަތިކޮށްގެންނެވެ.

ދިވެހި ޚާރިޖީ ސިޔާސަތު ޖާބިރުގެ ނަޒަރުގައި ފޭލްވެފައި ވާކަމަށް ވިދާޅުވާއިރު، ޝާހިދަކީ ފާއިތުވި ވެރިކަމުގައި ފޭލްކޮށްލާފައިވާ، ދުނިޔެއާ އެކަހެރިވެފައިވާ ޚާރިޖީ ސިޔާސަތު ނަންގަވާ ކޮޅަށް ޖެއްސެވި ތަޖުރިބާކާރެވެ.  ދުނިޔެއާ އެކަހެރިވެ ބީރައްޓެހިވެފައި އޮތް ދިވެހި ރާއްޖެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މުޅި ދުނިޔެއަށް މާކެޓްކޮށްލެއްވި މޭސްތިރިއެވެ. ދުނިޔޭގެ ހުރިހާ ޤައުމެއްގެ ރުހުމާއި ޤަދަރާއި ލޯބި ހޯއްދެވި ފޮރިން މިނިސްޓަރެކެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ އެންމެ ތަޖުރިބާކާރު އަދި އެންމެ ހަރަކާތެރި، އެތަކެއް ކާމިޔާބެއް ޚާސިލްކުރައްވާފައިވާ އަދި މިހާރުވެސް ޤައުމީ ޚިދުމަތުގައި ރައްޔިތުންނަށް އެންމެ އުންމީދީ މަސައްކަތްތަކެއް ކޮށްދެއްވަމުން ގެންދަވާ މިނިސްޓަރެއްގެ ގޮތުގައި ފާހަގަ ކުރެވިފައި އޮތީ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދެވެ. ރައީސުލްޖުމްހޫރިއްޔާ ތަކުރާރުކޮށް ގެންދަވަނީ ޝާހިދަށް ތަޢުރީފާއި ސާބަސް ދެއްވަމުންނެވެ.

ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ޖާބިރު މަޖިލީހަށް ހުށަހަޅުއްވަން އުޅުއްވާކަމަށް ވިދާޅުމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ޖާބިރުގެ އެ މަސައްކަތާ ދެކޮޅަށް ނުކުންނަވާ ހާރިޖީ ވަޒީރު ޝާޙިދަށް "ސާބަސް" ދެއްވާފައެވެ. އޭގެ ފަހަތުން މުޅި އެމްޑީޕީ އާއި ބަޔެއް އެހެން ޕާޓީތަކާއި، އެއްވެސް ޕާޓީއަކާ ނުގުޅިތިބި ގިނަބަޔެއްގެ ރުހުންވެސް ޝާހިދަށް އޮތްކަން މުޅި ސޯޝަލް މީޑިޔާ ބަލާލުމުން ފެންނާން އެބައޮތެވެ. ސިޔާސީ ގޮތުން ބުރަދަން ހުރި ބޭފުޅުންނަށް ޝާހިދު ސިފަކުރައްވަމުން ގެންދަވަނީ ނަމޫނާ، ހީވާގި، އަކުރުން އަކުރަށް ސިޔާސަތައް ފަންފީޒުކުރައްވަމުން ގެންދަވާ "ފަސްމީރު ކުރި ރުކެއް"ގެ ގޮތުގައެވެ.

މަލިކާއި ޑިއެގޯ ގާސިއާ އާ ގުޅުވައިގެން މިނިސްޓަރު ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވަން ޖާބިރު މަސައްކަތް ކުރައްވާކަން އާންމުކޮށް އިޢުލާން ކުރެއްވުމުން އެމްޑީޕީގެ އާންމު މެންބަރުން ސޯޝަލް މީޑިޔާގައި ޝާހިދުއަށް ތައުރީފުކޮށް ޖާބިރުއަށް ހޫނު ރައްދުގެ އޮއިވަރެއް ވަނީ އުފައްދާފައެވެ. ބައެއް މީހުންގެ ރައްދުގައި، ބަނގުރަލާއި މަސްތުވާތަކެތީގެ ތުހުމަތުގައި ހދ. ހޮނޑައިދޫ އަތިރިމަތިން ޖާބިރު ހައްޔަރުކުރި ހާދިސާ ތިލަކޮށް، ބަހުގެ ހަމަލާތައް ދީފައިވެއެވެ.

"ބައެއް ސިޔާސީ ފަރާތްތަކަށް އަލިފާނެއް ފެނެއް ވަކިނުވާ އުސޫލުން މަލިކާއި ޑިއެގޯ ގާސިޔާގެ މަޢުލޫ ދިވެހި ސިޔާސީ ވެށީގެ ޖޯކަކަށް ހެދުމުން ވިސްނުމުގެ ތިލަކަމާއި ކޮށިކަން ސާފުވެ،" ސޯޝަލް މީޑޔާގެ ހޫނުވެފައިވާ މި މަޢުލޫގައި އެކަކު ޖާބިރުގެ އެ ޢަމަލު ސިފަކޮށްފައިވަނީ މިގޮތަށެވެ. "ޖާބިރަކީ އިތުބާރު ގެއްލި، އަބުރު ގެއްލިފައިވާ މީހެއް. މިނިސްޓަރު ޝާހިދަކީ އިތުބާރާއި ޔަޤީންކަން އަދި އިހްތިރާމް ކަށަވަރު ކުރައްވާފައިވާ ބޭފުޅެއް. މިތަފާތު ދުވަހަކުވެސް މަރެއް ނުވާނެ." ފާޅުކޮށްފައިވާ އާންމު ޚިޔާލުތަކަށް ނަޒަރު ކުރާއިރު، އޮށްޓަރެއް ނެތް ކަމެއްގައި ޖާބިރު މަސައްކަތް ކުރައްވަނީ މީޑިޔާ ސްޓަންޓްއެއް ހައްދަވާށެވެ.

"ހަރުބިހެއް ދެނެއް ނޭޅޭނެ. ހެދޭނީ ހުސް ގޯސް. ޝާހިދަކީ އެންމެ ޚިދުމަތްތެރި، އެންމެ ކާމިޔާބު، ނަތީޖާ ހާސިލްކުރައްވާއިވާ ނަމޫނާ މިނިސްޓަރެއް" މިތިބީ ޝާޙިދުއާ އެކީ." އެހެން މީހަކު ޓްވިޓާގައި ބުނެފައިވެއެވެ.

ބައިނަލް އަގުވާމީ ގުޅުންތަކާއި ޖިއޮ ޕޮލިޓިކްސްގެ ދާއިރާގެ ތަޖުރިބާކާރުން ދެކިލައްވާ ގޮތުގައި، ޖާބިރުގެ އެޢަމަލަކީ ދިވެހި ރާއްޖޭގެ ޤައުމީ ސަލާމަތަށްވެސް ނުރައްކާ ވެދާނެ ފަދަ ކަމެކެވެ.

"ބާރުގަދަ ޤައުމު ތަކެއްގެ މިލްކުވެރިކަމުގައި ހުރި ތަންތަން އަތުލުމުގެ ވާހަކަ ދިވެހި ޕާލިމެންޓް މެންބަރަކު ދައްކަވާ އަދި އެކަންކަން ނުކުރައްވައިގެން ހާރިޖީ ވަޒީރުގެ އިތުބާރު ނެތްކަމަށް ފާސްކުރަން މަސައްކަތް ކުރުމަކީ ސީރިއަސް ވާހަކައެއް. ބައިނަލްއަޤުވާމީ މިންގަނޑުން އެކަން ތަރުޖަމާ ކުރާނީ ހީވެސް ނުކުރާފަދަ ގޮތަކަށް. މިއީ ޒިންމާދާރު ޕާލިމެންޓޭރިއަނަކު ކުރާނެ ކަމެއް ނޫން،" ހާރިޖީ ދާއިރާގައި ގިނަ ދުވަހު މަސައްތް  ކުރައްވާފައިވާ ސީނިއަރ ބޭފުޅަކު ޚިޔާލު ދެއްވިއެވެ.

"ހަޤީގަތުގައި މިނިސްޓަރު ޝާޙިދަށް ތިކަމުގައި ކުރެވޭނީ ކޮންކަމެއް. އެޅޭނީ ކޮން ފިޔަވަޅެއް. ވަރަށް ސިލީ (މޮޔަ) ވާހަކައެއް މެމްބަރަކު އެދައްކަވަނީ. އެހާމެ ސެންސިޓިވްވެސް ވާހަކައެއް." އޭނާ އިތުރަށް ވިދާޅުވިއެވެ.

ޖާބިރުގެ މިފަހަރުގެ މިވާހަކަތަކާ ގުޅިގެން އޭނާ ވަނީ ވަރަށް ބޮޑަށް ހޫނު ފެނަށް ވެއްޓިފައެވެ. ގިނަ ބައެއްގެ ފާޑު ކިއުންތައް އަމާޒުވުމުގެ އިތުރުން ސިޔާސީ އިސްވެރިންގެ ތާޢީދު ވަރަށް ފާޅުގައި ހާރިޖީ ވަޒީރަށް ގެންދަވަނީ ދެއްވަމުންނެވެ.

މިނިސްޓަރު ޝާހިދުގެ އިތުބާރު ނެތްކަމަށް ހުށަހަޅުއްވަން ޖާބިރު އުޅުއްވާ ސަބަބު ބައެއް މީހުން ސިފަކޮށްފައި ވަނީ އެވާހަކަތަކަކީ ބުއްދީގެ ހަމަތަކުން ބަލާއިރުވެސް ބުރަދަނެއް، ބޭނުމެއް ނެތް ކަމެއް ކަމެވެ. މިކަހަލަ މަޢުލޫތަކަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް ސަމާސާއެއް ކަމަށް ދެކެންޖެހޭ ވަރަށްވުރެ ނާޒުކު އަދި ދޭދޭ ގައުމުތަކުގެ މަސްލަހަތާ ސީދާ ގުޅިފައިވާ، ދިވެހި ގައުމީ ސަލާމަތާވެސް ވަރަށް ބޮޑަށް ގުޅިފައިވާ ނުރައްކާތެރި މަޢުލޫއެކެވެ. ސާބިތު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ފޮރިން މިނިސްޓަރަށް ސިޔާސީ ހަމަލާއެއް ދޭން ބޭނުންވިއަސް، މިފަދަ މަޢުލޫތަކަކީ ދިވެހިރާއްޖެ އާއި ދިވެހިންނަށް އޭގެ މަންފާއެއް ނެތް، ބުރަދަނެއް ނެތް ކަންކަމެވެ. އަދި މިނިސްޓަރުގެ ކާމިޔާބީގެ ތިލަފަތަށް ލުއި ކަމެއް ވެސް މިކަމަކުން ނުލިބޭނެކަން ޔަގީނެވެ.

ޝާހިދަށް ރައްޔިތުންގެ އިތުބާރު އޮތީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ހޯއްދެވި ގިނަ އެހީތަކުގެ ސަބަބުންނެވެ. ކޮވިޑްގެ ހާލަތުގައި ދެއްކެވި ލީޑަރޝިޕްގެ ސަބަބުންނެވެ. ޚާރިޖިއްޔާގެ އެކަހެރިވުން ކަނޑުވާލާ ދުނިޔެއާ ގުޅުން ޤާއިމް ކުރެއްވުމުންނެވެ. ދިވެހި ޚާރިޖިއްޔާގެ ޓީމްވޯކް ވަރުގަދަ ކުރެއްވުމުންނެވެ. ޖާބިރަށް ފަހަރުގައި މިކަންކަން ވިސްނެން ވަގުތުކޮޅެއް ނަގާފާނެއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.