އެންމެ ފަސް އަހަރު ދުވަހުން ދުނިޔޭގެ އެއްވެސް ގައުމަކުން ތެޔޮ ނުނެގޭނެ ނަމަވެސް ރިޔާސީ ވައުދެއްގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީންގެ މެނިފެސްޓޯގައި އޮތް ތެލާއިބެހޭ ރިޔާސީ ވައުދު މިހާރު ފުއްދިއްޖެ ކަމަށް ރާއްޖެއިން ތެޔޮ ހޯދުމުގެ މަޝްރޫއުގައި އިސްކޮށް އުޅުއްވާ ފިޝަރީޒް މިނިސްޓަރ ޑރ މުޙަންމަދު ޝައިނީ ވިދާޅުވެއްޖެއެވެ.
ޓީވީއެމުން ގެނެސްދިން "ޒިންމާ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝައިނީ ވިދާޅުވީ ރާއްޖެއިން ތެޔޮ އަދި ނުނެގުނު ކަމަށްވިޔަސް ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ވައުދުގައި ހިމެނޭ ތެލާއިބެހޭ ވައުދު މިހާރުވެސް ފުރިހަމަވެފައިވާ ކަމަށެވެ. ޑރ ޝައިނީ ވިދާޅުވީ ތެލާއިބެހޭ ވައުދުގައި އޮންނާނީ "ރާއްޖޭގެ ސަރަހައްދުން ތެޔޮ ހޯދުމުގެ މަސައްކަތް ކުރާނަމޭ" ކަމަށާއި ފަސް އަހަރު ތެރޭގައި ރާއްޖެއިން ތެޔޮ ނަގާނެ ކަމަށް ވައުދު ވެފައި ނޯންނާނެ ކަމަށެވެ.
"ރިޔާސީ ވައުދު ފުރިހަމަވެއްޖެ، ރިޔާސީ ވައުދުގައި ބުނެފައި އޮންނާނީ ރާއްޖޭގައި ތެޔޮ ހުރިކަމަށްވާނަމަ ތެޔޮ ހޯދުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނަމޭ، އެކަން އަޅުނގަޑުމެން ކޮށްފިން" ޑރ ޝައިނީ ވިދާޅުވިއެވެ.
ޝައިނީ ވިދާޅުވީ ދުނިޔޭގެ އެއްވެސް ގައުމެއްގައި އެންމެ ފަސް އަހަރު ދުވަހުން ތެޔޮ ނުނެގޭނެ ކަމަށެވެ. އަދި އާންމުގޮތެއްގައި ދުނިޔޭގައި ތެޔޮ ނަގާފައިވާ ގައުމު ތަކުން އެކަމަށް ދިހަ އަހަރަށްވުރެވެސް ދިގު މުއްދަތެއް ނަގާފައި އެބަހުރި ކަމަށް ވިދާޅުވިއެވެ. އަދި މިހާތަނަށް ކުރެވުނު މަސައްކަތުން ރާއްޖޭގައި ތެޔޮ އެބަހުރިކަން ޝައްކެއްނެތް މިންވަރަށް ޔަގީން ކުރެވިއްޖެ ކަމަށްވެސް ޝައިނީ ވިދާޅުވިއެވެ. އަދި މިއަހަރު ފަހުކޮޅުވެސް ތެޔޮ ނެގުމާއިބެހޭ އިތުރު މަސައްކަތްތަކެއް ސަރުކާރުން ފަށާނެ ކަމަށް ވިދާޅުވިއެވެ.
ސަރުކާރުން މީގެކުރިން ވަނީ ރާއްޖެއިން ތެޔޮ ހޯދުމުގެ މަސައްކަތް ތަކެއް ބޭރުގެ ތަޖުރިބާކާރުންގެ އެހީގައި ކޮށްފައެވެ. ބޭރުގެ ފަރާތްތަކުން ކުރި ދިރާސާ ތަކަށް ފަހު ބުނެފައި ވަނީ ރާއްޖޭގެ ކަނޑުގައި ހައިޑްރޯ ކާބަންސް ހުރި ކަމަށް ފެންނަ ކަމަށެވެ.