ކޫއްޑޫގައި މަސްވެރިން އިޙްތިޖާޖު ކުރަނީ

ގއ. ކޫއްޑޫގައި މަސްވެރިންގެ ބަޔަކު އިޙްތިޖާޖު ކުރަމުން ދާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އިޙްތިޖާޖުކުރަމުންދާ ސަރަޙައްދުގައި ފުލުހުންގެ ޙަރަކާތްތެރިވަމުންދާކަމަށް އެއިދާރާއިން ވިދާޅުވިއެވެ. އިޙްތިޖާޖު ކުރަމުންދާ ސަރަޙައްދުގައި މިހާތަނަށް އެއްވެސް ހަމަނުޖެހުމެއް ހިނގައިފައިވާ ނުވާކަށް ފުލުހުން ވިދާޅުވިއެވެ.

"މައްސަލަ ޙައްލު ކުރުމަށް ގުޅުން ހުރި ފަރާތްތަކާއެކު ދަނީ މަޝްވަރާކުރަމުން" ފުލުހުން ވިދާޅުވިއެވެ.

ކޫއްޑޫގައި މަސްވެރިންގެ ބަޔަކު އިޙްތިޖާޖު ކުރަމުންދަނީ ކިރުވާ މަހަށް ފައިސާ ނުލިބުމުގެ މައްސަލައިގައި ކަމަށް ޚަބަރު ލިބެއެވެ. ބައެއް މީޑިއާ ތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކޫއްޑޫގައި މަސް ކިރުވުމަށްފަހު ފައިސާ  ނުދޭތާ ތިން ހަފްތާ ވެއްޖެއެވެ.  މަސްވެރިންނަށް ހަމައަގު ހޯދައި ދެއްވުމަކީ މިސަރުކާރުގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ވަޢުދެކެވެ. ނަމަވެސް މަސްވެރިން ބާނާ މަސްކޮޅަށް ހަމަ އަގު ނުލިބުމުގެ ޝަކުވާއަކީ މިސަރުކާރު އައި ފަހުންވެސް މަސްވެރިންގެ އެންމެ ބޮޑު ޝަކުވާއެވެ.

މަސްވެރިން ބާނާ މަސްކޮޅަށް އަގު ނުލިބި ޝަކުވާ ގިނަވެ އިޙްތިޖާޖު ކުރަމުންދާއިރު މަސްވެރިންނަށް ހަމައަގު ހޯދައިދޭން ގޮވާލާ ކާށިދޫ ދާއިރާގެ މެމްބަރ ޢަބްދުﷲ ޖާބިރު ހުށަހެޅި މައްސަލަ މަޖިލީހުން ބަލައިގަތުމަށް، ބޭނުންވާ އެންމެ ވޯޓެއް މަދުވެގެން ދާދި ފަހުން ވަނީ ތަޅުމުން ބޭރުކޮށްލައިފިއެވެ.

ސަރުކާރުން މަސްވެރިނަށް ވެފައިވާ ވައުދުތައް ނުފުއްދައި މަސްވެރިން މަގުމަތިކޮށް ނިކަމެތި ކުރަމުންދާތީ، ކުރިމަތިވެފައިވާ ދަތިތައް ތަޙައްމަލު ނުކުރެވި، މަސްވެރިންނަށް ލިބެންޖެހޭ ޙައްޤުތައް ކަށަވަރު ކުރުމަށް މަގުމައްޗަށް ނުކުމެ މުޒާހަރާކުރާ ހިސާބަށް ކަންކަން ގޮސްފައިވާކަމުގެ ބިރު ހީވެފައިވާކަމަށް ވެސް ޖާބިރުގެ ކުއްލި މައްސަލައިގައި ފާހަގަ ކޮށްފައި ވެއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.