މަކަރާ ހީލަތް ހެދުމުގެ ކުށުގައި އެެެމެރިކާގެ ރައީސު ޑޮނާލްޑް ޓްރަމްޕުގެ ކުރީގެ އެޑްވަައިޒަރު ސްޓީވް ބެނަންއާއި އިތުރު ތިން މީހަކު ހައްޔަރުކޮށްފިއެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ އެެމެރިކާއާއި މެކްސިކޯއާއި ދެމުދު ފާރެއް ރޭނުމަށް "ވީ ބިލްޑް ދަ ވޯލް" ގެ ނަމުގައި އާއްމުންގެ އަތުން އެއްކުރި ފައިސާއިން ބައެއް އޭނާ ބޭނުންކުރައްވާފައި ވާތީއެވެ.
ބެނަންއާއި އޭނާގެ ބައިވެރިން ހިންގި އޮންލައިން ކެމްޕޭނަށް އުފެއްދި ގްރޫޕް ވީ ބިލްޑް ދަ ވޯލް އެއީ ހިލޭ ސާބަހަށް މަސައްކަތްކުރާ ގްރޫޕެއް ކަަމަށް ބުނެފައި ވީނަމަވެސް، އާއްމުން އަތުން އެއްކުރި 25 މިލިއަން އެމެރިކާ ޑޮލަރު (385.5 މިލިއަން ދިވެހި ރުފިޔާ) ގެ ތެރެއިން 1 މިލިއަން ޑޮލަރު ލިބިވަޑައިގެންފައި ވެއެވެ. އަދި އެތަނުން ބައެއް އޭނާގެ އަމިއްލަފުޅު ޚަރަދުތަކަށް ވެސް ވަނީ ބޭނުންކުރައްވާފައެވެ.
އެމެރިިކާގެ އެޓާނީ ޖެނެރަލްގެ ނިއުޔޯކުގެ ދެކުނު ޑިސްޓްރިކްޓްގެ އޮފީހުން ނެރުނު ބަޔާނެއްގައި ވާގޮތުން ސްޓީވް ބެނަންގެ އިތުރަށް މިއަދު ހައްޔަރުކުރީ ގްރޫޕް އުފެއްދި ބްރާޔަން ކޮލްފޭޖްއާއި، އެންޑްރޫ ބެޑޮލާޓޯއާއި، ޓިމޮތީ ޝީއެވެ.
އެބޭފުޅުންގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނެފައިވާ ގޮތުން ބެނަން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާފައި ވަނީ ވީ ބިލްޑް ދަ ވޯލްއަކީ "ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާއަތެއް" ކަމުގައެވެ.
އަދި އެއްކުރާ ފައިސާއިން "މުސާަރައިގެ ގޮތުގައި ނުވަތަ ބަދަލެއްގެ ގޮތުގައި އެންމެ ޕެނީއެއްވެސް ނުނަގާނެ" ކަމަށާއި، "އެއްކުރެވޭ ފައިސާގެ %100 ބޭނުންކުރާނީ އަހަރުމެންެގެ މަގުސަދު ހާސިލުކުރުމަށް" ކަމުގައިި ކޮލްފޭޖް ތަކުރާރުކޮށް ވިދާޅުވެފައިވާ ކަމަށް ވެސް ދައުވާގައި ވެއެވެ.
ބެނަންއާއި އޭނާގެ ބައިވެރިން މިއަދުގެ ވަގުތެއްގައި ނިއުޔޯކުގު ކޯޓަކަށް ހާޒިރުކުރުމަށް ވަނީ ނިންމާފައެވެ.
އުމުރުފުޅުން 66 އަހަރުގެ ބެނަން ވަނީ 2016 ގެ ރިޔާސީ އިންތިޚާބަށް ޓްރަމްޕް ކުރެއްވި ކެމްޕޭނުގެ ޗީފް އެގްޒެކެޓިވްކަން ކުރައްވާފައެވެ. އަދި އާންމުންގެ މެދުގައި މަގްބޫލު ނަޒަރިއްޔާތައް ޓްރަމްޕްގެ ފަރާތްޕުޅުން އާއްމުންނަށް ހުށަހެޅުމުގެ މޭސްތިރިއަކީވެސް އޭނާއެވެ.ފަހުން ރައީސު ޓްރަމްޕްގެ އެޑްވައިޒަރެއްގެ ހައިސިއްޔަތުން އޭނާގެ އަރިހުގައި ސިޔާސަތު ރޭވުމުގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނަވައިގެން ބެނަން ވަނީ އެމެރިކާއަށް ހިޖުރަކުރުން ހުއްޓުވުން ފަދަ ކަނާތު ފިޔައިގެ ސިޔާސަތުތައް އެކުލަވާލުމުގައި އިސް ދައުރެއް އަދާކުރައްވާފައެވެ.