ފަސް އަތޮޅެއްގެ 43 ރަށެއްގައި ކުނި މެނޭޖްކުރުމުގައި ތިމާވެށްޓާ ރައްޓެހި ނިޒާމެއް ޤާއިމްކުރަނީ 

ފަސް އަތޮޅެއްގެ 43 ރަށެއްގައި ކުނި މެނޭޖްކުރުމުގައި ތިމާވެށްޓާ ރައްޓެހި ނިޒާމެއް ޤާއިމްކުރުމަށް ނިންމައިފައިވާކަމަށް ތިމާވެށްޓާ ބެހޭ ވަޒީރު ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ. 

ތިމާވެށްޓާބެހޭ ވަޒީރު މިހެން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ތިމަރަފުށީ ދާއިރާގެ މެމްބަރ ޢަބްދުﷲ ރިޔާޒު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މެމްބަރ ރިޔާޒު ސުވާލު ކުރެއްވީ ތިމަރަފުށްޓާއި މޭވަމަންޑޫ ކުނި މެނޭޖް ކުރުމާ ބެހޭ ގޮތުންނެވެ. 

ވަޒިރު ވިދާޅުވީ މ.އަތޮޅުން ފެށިގެން ލ. އަތޮޅާ ދެމެދުގައި ހިމެނޭ ފަސް އަތޮޅުގެ 43 ރަށަށް އަމާޒުކޮށްގެން ހިންގާ ކުނި މެނޭޖްކުރުމުގެ މަޝްރޫޢުގައި ވޭމަންޑޫއާއި ތިމަރަފުށިވެސް ހިމެނޭ ކަމަށެވެ. މިރަށްތަކުގައި ކުނި މެނޭޖް ކުރުމުގެ މަސައްކަތް ކުރައްވަނީ ވޯލްޑް ބޭންކް އެހީގައި ހިންގާ  "ކްލީން އެންވަޔަރަމަންޓް" މަޝްރޫޢުގެ ދަށުން ކަމަށް ތިމާވެށްޓާ ބެހޭ  ވަޒީރު ވިދާޅުވިއެވެ. 

މިމަޝްރޫޢުގެ މަސައްކަތް ފުރަތަ ފެށުމަށް ހަމަޖައްސަވައިފައިވާ ހަރަށެއްގައި މިހާރުދަނީ އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމެންޓް ހަދަމުންނެވެ. މަސައްކަތަށް ކޮންޓެރްޓަރުން ހޯދުމުގެ މަސައްކަށް އަންނަ ސެޕްޓެމްބަރުގައި ފަށައި އޮކްޓޫބަރުގައި ކޮންޓެރެކްޓްގައި ސޮއިކޮށް ނޮވެމްބަރުގައި ޢަމަލީ މަސައްކަތް ފެށުމަށް ރޭވިފައިވާކަމަށް ތިމާވެށްޓާ ބެހޭ ވަޒީރު ވިދާޅުވިއެވެ. މަޝްރޫޢު ފުރަތަމަ ފެށުމަށް ހަމަޖައްސަވައިފައިވާ ހަރަށަށް ބޭނުންވާނެ ވެހިކަލްތަކާއި އެހެން އާލާތްތައް ވެސް އޮކްޓޫބަރު މަސްތެރޭގައި ގެނެވޭނެކަމަށް ވެސް ތިމާވެށްޓާބެހޭ ވަޒީރު ވިދާޅުވިއެވެ. 

މިމަޝްރޫޢުގެ ދަށުން ވޭސްޓްމެނޭޖްމަންޓް ސެންޓަރ ޤާއިމްކޮށް އެތަނަށް ބޭނުންވާ ވަޞީލަތްތައް ފޯރުކޮށް ދެވޭނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ކުނި އުފުލުމަށް ބޭނުންކުރާނެ ވެހިކަލްވެސް ފޯރުކޮށް ދެވޭނެކަމަށް ވިދާޅުވިއެވެ. ކުނި މެނޭޖް ކުރުމުގެ ނިޒާމް ފުރިހަމަ ވުމުން އެރަށްރަށުގައި އުފެދޭ ކުނީގެ ތެރޭގައި ހުންނަ އަމިއްލަ ޒާތުގައި ފަނާވެދާ ކުނި ބަޔޮލޮޖިކަލް ޓްރީޓްމެންޓްގެ އެހީގައި ޕްރޮސެސްކޮށް މެނޭޖް ކުރެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.  އަދި އަމިއްލަ ޒާތުގައި ފަނާވެ ނުދާ ކުނި ވަކިކުރެވި ރަށުން ބޭރުކުރުމުގެ އިންތިޒާމުވެސް ހަމަޖެއްސޭނެކަމަށް ވިދާޅުވިއެވެ. 

މިމަޝްރޫޢުގެ މަސައްކަތް ނިމުމުން ޤާނޫނުގައި ވާ ގޮތުގެ މަތިން ކުނިމެނޭޖްކޮށް ހިންގުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ރަށުކައުންސިލްތަކުން ކަމަށް ވެސް ތިމާވެށްޓާ ބެހޭ ވަޒީރު ވިދާޅުވިއެވެ.  

ފުރަތަމަ މަސައްކަތް ފެށުމަށް ހަމަޖައްސަވައިފައިވާ ހަރަށުގެ ތެރޭގައި ތިމަރަފުށި ވެސް ހިމެނެއެވެ. މިމަޝްރޫޢުގެ މަސައްކަތް ފުރަތަމަ ފެށުމަށް އިސްކަން ދެއްވައިފައި ވަނީ ކުނި މެނޭޖް ކުރުމުގެ އެއް ވެސް މަސައްކަތެއް މިހާތަނަށް ފެށިފައިނުވާ ރަށްރަށަށް އިސްކަން ދެއްވައިގެން ކަމަށް ވެސް ތިމާވެށްޓާ ބެހޭ ވަޒީރު ވިދާޅުވިއެވެ. ވޭމަންޑޫގައި 2015 ގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ޤާއިމް ކޮށްފައިވާކަމަށާއި ނަމަވެސް ވާރލްޑް ބޭންކްގެ މަޝްރޫޢުގެ ދަށުން އެތަންތަނުގެ ޑިޒައިންނަށް ބަދަލު ގެނެސް އަޕްގްރޭޑް ކުރުމަށް  ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.