ހުޅަނގު އެފްރިކާގެ ގައުމެއް ކަމުގައިވާ މާލީގައި އިއްޔެ ސިފައިންގެ ބަޔަކު ނުކުމެ ރައީސު އިބްރާހީމް ބޫބަކަރް ކީޓާއާއި ބޮޑުވަޒީރު ބޯބޯ ސީސީ ހައްޔަރު ކުރުމަށް ފަހު ގިނަ އިރުތަކެއް ނުވެ ރައީސު ކީޓާ އިސްތިއުފާާދެއްވައި، ގާނޫނުހަދާ މަޖިލިސް އުވާލައްވައިފިއެވެ.
ސާޖިކަލް މާސްކެއް އަޅުއްވައިގެން ގައުމީ ޓީވީއަށް އަރުއްވައި ދެއްވި ކުރު ޚިޠާބެއްގައި އިސްތިއުފާދެއްވިކަން އިއުލާންކުރެއްވި އިރު، އޭނާގެ މޫނުފުޅުމަތިން ވަރަށް ބޮޑަށް ވަރުބަލިފުޅުވެވަޑައިގެން ހުންނެވި ވައްތަރު ޖަހައެވެ.
"އަހަރުމެންގެ ހަތިޔާރުއެޅި ބާރުތަކުގެ ތެރޭން ބަޔަކު ބޭނުންވަނީ އެބައިމީހުން އެދޭ ގޮތަށް މިކަން ނިމެންކަމުގައި ވާނަަމަ އަހަރެންނަށް އެހެން އިޚުތިޔާރެއް އެބައޮތްބާ؟" ވެރިރަށް ބަމާކޯ ކައިރީގައި އޮންނަ ކަޓީ އަސްކަރީ މަރުކަރުގައި ސިފައިންގެ ބެލުމުގެ ދަށުގައި ހުންނަވައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސު ކީޓާ ވިދާޅުވިއެވެ. "ލޭ އޮހޮރިގެން ދާން އަހަރެން ބޭނުންނުވާތީ މިވަގުތުން ފެށިގެން އަަހަރެންގެ ވާޖިބު ދޫކޮށްލަން އަހަރެން ނިންމައިފިން." ކީޓާ އިތުރަށް ވިދާޅުވިއެވެ.
ރައީސު ކީޓާ އިސްތިއުފާދެއްވި ނަމަވެސް، ސިފައިންގެ ތެރެއިން ނުކުތް މީހުންގެ އިސް މީހަކީ ކާކުކަމެއް އަދި މިވަގުތު ގައުމުގައި ވެރިކަން ހިންގަނީ ސިފައިންކަމެއް އަދި ސާފެއް ނުވެއެވެ.
ހަތިޔާރުއެޅި ސިފައިން މިނިވަންކަމާއެކު ވެރިރަށް ބަމާކޯގައި ހަރަކާތްތެރި ވާގޮތުން ގައުމު މިވަގުތު ކޮންްޓުރޯލުކުރަނީ އެމީހުންހެން ވެސް ހީވެއެވެ
ރައީސާއި، ބޮޑުވަޒީރު ހައްޔަރުކުރުމަށް ފަހު ސިފައިން ސަރުކާރު އޮފީސްތަކަށް ވަދެ މީހުން ހައްޔަރުކުރަން ފެށުމުން ގިނަ ބަޔަކު ވަނީ އޮފީސްތައް ދޫކޮށް ގޮސްފައެވެ. ފިނޭންސް މިނިސްޓަރު އަބްދުއްލާޔެ ދާފޭ ވެސް ހައްޔަރުކޮށްފައިވާ ކަމުގެ ޚަބަރުވެސް ލިބެއެވެ.
"އޮފިޝަލުން ހައްޔަރުކުރަމުން ދަނީ. ވާނުވާއެއް ނޭނގޭ." މާލީގެ އިންޓާނަލް ސެކިއުރިޓީގެ އޮފިސަރަކު ވިދާޅުވިއެވެ.
ގައުމުގައި ނެތެމުންދާ އަމާންކަމާއި، އާއްމު ވަމުންދާ ކޮރަޕްޝަނުގެ ސަބަބުން، ފާއިތުވި ޖޫން މަހުއްސުރެ އެތައް ހާސް ބަޔަކު ދިޔައީ މަގުތަކަށް ނުކުމެ ރައީސު ކީޓާގެ އިސްތިއުފާއަށް ގޮަވައި މުޒާހަރާކުރަމުންނެވެ.