ލެބެނާން (ލުބްނާން) ގެ ކުރީގެ ބޮޑުވަޒީރު ރަފީޤް ޙަރީރީ އަވާހަރަކޮށްލުމުގެ ކުށް ޙިޒްބުﷲގެ މެންބަރެއްގެ މައްޗަށް ސާބިތުވާކަަމަށް އދ. ގެ ސްޕެޝަލް ޓްރައިބިއުނަލް ފޯ ލެބެނާން (އެސްޓީއެލް) އިން ހުކުމްކޮށްފިއެވެ.
މިއަދު އޮތް ހުކުމް އިއްވުމުގެ މަޖިލީހުގައި އިއްވި ހުކުމުގައި އެ ޓްރައިބިއުނަލްއިން ބުނެފައިވަނީ ކުރިން ރާވައިގެން އަދި ގަސްްތުގައި 14 ފެބުރުވަރީ 2005 ގައި ލެބެނާނުގެ އޭރުގެ ބޮޑުވަޒީރު ރަފީޤު ޙަރީރީ އަވަހާރަކޮށްލުމުގެ ކުށް ޙިޒްބުﷲގެ މެންބަރު ސަލީމު ޢައްޔާޝުގެ މައްޗަށް ސާބިތުވާ ކަމުގައެވެ. ދެން މިމައްސަލައިގައި ދައުވާ އުފުލުނު އަސަދު ޞަބްރާއާއި ޙުސައިން ޢުނައިސީ ޙަރީރީ ހަވާރަކޮށްލުމުގައި ބައިވެރިވެފައި ވާކަން ސާބިތުވާވަރަށް ހެކި ނެތްކަމަށާ، ޙުސައިން މަރްޢީ އެކަން ރާވައި ތަންފީޒުކުރިކަން ސާބިތުނުވާކަަމަށް ވެސް ވަނީ ޙުކުމްކޮށްފައެވެ.
ޙަރީރީ އަވަހާރަކޮށްލިތާ 15 އަހަރު ފަހުން މިއަދު ޓްރައިބިއުނަލުން ޙުކުމް އިއްވި ހަތަރު މީހުންގެ ޝަރީއަތް ހިންގާފައި ވަނީ ޣައިރު ހާޒިރުގައެވެ. ހަތަރު މީހުންވެސް ވަނީ ކޯޓަށް ހާޒިރުުވުމަށް އަދި އެމީހުން ތިބި ތަނެއް ބުނުމަށް ދެކޮޅުހަދާފައެވެ.
ބޮން ގޮއްވާލުމުގައި މުހިއްމު ދައުރެއް އަދާކުރި ކަމަށް ބެލޭވޭ މޯބައިލް ފޯނު ބޭނުންކޮށްފައިވަނީ ޢައްޔާޝްއެވެ.
2600 ސަފުހާގެ ހުކުމުގެ ޚުލާޞާ އިއްވަވަމުން ޓްރައިބިއުނަލްގެ މެންބަރު ފަނޑިޔާރު މިޗެލިން ބްރޭޑީ ވިދާޅުވި ގޮތުގައި އެ ޙަމަލާ ދިނުމަށް ޢައްޔާޝު ފޯނު ބޭނުންކޮށްފައިވާ ކަން "ޝައްކެއް ނެތް މިންވަރަށް ފަނޑިޔާރުންނަށް ޔަގީން" ވާ ކަމުގައެެވެ.
ޓްރައިބިއުނަލްގެ ރައީސު ފަނޑިޔާރު ޑޭވިޑް ރޭ ވިދާޅުވިގޮތުގައި ޙުކުމާއި ހަމައަށް ވާސިލުވުމަށް ބޭނުންކުރި ހެކި މައިގަނޑުގޮތެއްގައި ނަގާފައި ވަނީ މޯބައިލް ނެޓްވާކުންނެވެ. ރަފީޤު ޙަރީރީ އަވާހަރަކޮށްލުމުގެ އެތައް މަހެއް ކުރިއްސުރި މޯބައިލް ފޯނު ބޭނުންކޮށްގެން ރަފީޤު ހަރީރީއަށް ފާރަލަމުން ގޮސްފައި ވާއިރު، ޙަރީރީ އަވާހަރަވުމާއެކު ފޯނު ވަނީ ހިމޭންވެފައެވެ.
ކޯޓުން ބުނެފައި ވަނީ މި މި ޙުކުމްގެ އުގޫބާތް ލަސްވެގެން އަންނަ ސެޕްޓެންބަރު މަހުގެ 21 ވަނަ ދުވަހު ކަނޑައަޅާނެ ކަމުގައެވެ.
މިއަދުގެ ހުކުމާ ގުޅިގެން ކުރީގެ ބޮޑުވަޒީރު އަދި ރަފީޤު ޙަރީރީގެ ދަރިކަލުން ސަަޢުދު ޙަރީރީ ވިދާޅުވީ މިއަދު ޙުކުމާ ގުޅިގެން ޙިޒްބުﷲއިން ގުރުބާނީތަކެއް ވާން ޖެހޭނެކަމަށެވެ. އެ ކަމުގައި ބައިވެރިވި އެންމެންނަކީވެސް ޙިޒްބުﷲގެ މެންބަރުންނަށް ވާތީއެވެ. ސަޢުދީ ޙަރީރީ އިތުރަށް ވިދާޅުވި ގޮތުގައި އޭނާގެ ބައްޕާފުޅު އަވަހާރަކޮށްލާފައި ވަނީ އޭނާ ސީރިޔާ ސަރުކާރުގެ ސިޔާސަތާ ދެކޮޅު ހައްދަވައި، ލެބެނާނުން އެ ގައުމުގެ ސިފައިން ބޭރުކުރަން ނިންމެވީމައެވެ.