ޗައިނާގެ މުސްލިމުން ގިނަ ޕްރޮވިންސު ޒިންޖިއަންގެ އަަވަށެއްގައި ހުރި މިސްކިތެއް ތަޅާފައި އެތަނު އާއްމު ފާާޚާނާ ބަރިއެއް އަަޅައިފިއެވެ.
އަތުޝް އަވަށުގައި ހުރި ޓޮކުލް މިސްކި ތަޅާލައި އެތަނުގައި ފާޚާނާ ބަރިއެއް އަޅާފައި ވަނީ އެ ސަރަހައްދުގައި އުޅޭ ވީގޫރް މުސްލިމުންގެ ޝުޢޫރުތަކާކުޅެ އެބައިމީހުން ހިތްދަތިކުރުމުގެ މަގްސަދުގަކަަމަށް އެ ސަަަރަހައްދުގެ ގިނަ މުސްލިމުން ދެކެއެވެ.
ރޭޑިޔޯ ފްރީ އޭޝިޔާ (އާރްއެފްއޭ) ގެ ވީގޫރް ސާވިސްއިން ޚަބަރުދޭ ގޮތުގައި ޗައިނާ ސަރުކާރުން 2016 ވަނަ އަަހަރު ފެށި "މިސްކިތްތައް ރަނގަޅުކުރުމުގެ" ޕްރޮގްރާމުގެ ދަށުން އެ އަވަށުގެ ތިން މިސްިކިތެއް މިހާތަނަށް ތަޅާލާފައި ވެއެވެ.
މި ޕްރޮގްރާމަކީވެސް ޒިންޖިއާންގެ މުސްލިމުންނާ ދެކޮޅަށް ރައީސު ޒީ ޖިންގޕިން ކުރިއަށް ގެންދަވާ ހަރުކަށި ސިޔާސަތު ދަށުން ހިންގާ ޕްރޮގްރާމެކެވެ. މި ސިޔާސަތުގެ ދަށުން 2017 އަހަރު އެޕްރީލް މަހުން ފެށިގެން ވީގޫރް މުސްލިމުންގެ 1.8 މިލިއަން މީހުން ވަނީ "އިސްލާހުކުރާ ކޭމްޕްތަކަަށް" ގެންގޮސްފައެވެ. އެކޭމްޕްތަކުން ފޭދިގެން އަންނަ ޚަަބަރުތަކުން އެނގޭ ގޮތުގައި އެތަންތަނުގައި މުސްލިމުންނަށް ދީން ދޫކުރަން މަޖުބޫރުކުރުމާއި، ދީނީ ވާޖިބުތައް އަދާކުރާނަމަ، އަދަބު ދިނުން ފަދަ އިންސާނީ ހައްގުތަކާ ޚިލާފު އެތައް ކަމެއް ހިނގައެވެ.
އާރްއެފްއޭއަށް މައުލޫމާތު ދެމުން އަތުޝް އަވަށުގެ މުސްލިމުންގެ އިސް މީހަކު ކިޔައިދިން ގޮތުގައި ޓޮކުލް މިސްކިތް ތަޅާލުުމުގެ މަސައްކަތް ޗައިނާ ސަރުކާރުން ފަށާފައި ވަނީ 2018 ވަަނަ އަހަރުއެވެ. އެ ބިން ސާފުކުރުމަށް ފަހު އެތަނުގައި އެޅި ފާޚާނާ ބަރި މިހާރު ހުރީ ނިމި ހުޅަވަން ތައްޔާރުވެފައެވެ.
އެ އަވަށުގެ އެހެން މީހަކު މައުލޫމާތު ދިން ގޮތުގައި އެ ރަށުގެ އެެެހެން މިސްކިތެއް ވެސް 2019 އަހަރުގެ ތެރޭގައި ތަޅާލާފައި ވެއެވެ. އަޒްނާ މިސްކިތް ތަޅާލައި އެ މިސްކިތް ހުރި ތަނުގައި ބިނާކޮށްފައި ވަނީ ރަލާއި ސިގިރޭޓް ވިއްކާ ފިހާރައެކެވެ.
ވީގޫރް މުސްލިމުންގެ ހައްގުތަކަށްޓަކައި މަސައްކަތްކުރާ ވީގޫރް ހިއުމަން ރައިޓްސް ޕްރޮޖެކްޓް (ޔޫއެޗްއާރްޕީ) އިން ބުނި ގޮތުގައި ޗައިނާ ސަރުކާރުން 2016 ވަނަ އަހަރުން ފެށިގެން ޒިންޖިއާން ޕްރޮވިންސުގެ 10 ހާހަށްވުރެ ގިނަ މިސްކިތް ތަޅާލާފައި ވެއެވެ.