ރައީސް ސޯލިޙަށް މިހާތަނަށް ލިބުނީ ތިން ވަޒީރެއްގެ ޝަކުވާ، ރައީސް ކަންކުރެއްވި ގޮތް!

ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށް ފަހު ރައީސް އިބްރާހިމް މުޙަންމަދު ސޯލިޙު އަތުރާލެއްވި ވަޒީރުންގެ މަޖިލީހަކީ ގިނަ ޕާޓީ ތަކެއްގެ ތަމްސީލުވުން އޮތް ވަޒީރުންގެ މަޖިލީހެކެވެ. އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް އެކުލަވާލި ކޯލިޝަނުގައި ހިމެނުނު އެމްޑީޕީ، ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީގެ އިތުރުން އެމްއާރުއެމްގެ ބޭފުޅުންގެ މައްޗަށް އޮތް ވަޒީރުންގެ މަޖިލީހެކެވެ.

ވެރިޔަކު އޭނާގެ ވަޒީރަކާ ބެހޭގޮތުން ބޮޑު ޝަކުވާއެއް ފެންމަތި ވެއްޖެނަމަ އެކަމެއްގައި އަމަލު ކުރެވޭނެ ދެގޮތެއް އެބައޮތެވެ. އެއްގޮތަކީ ނިކަން ފަސޭހަ ގޮތެކެވެ. އެއީ އަޅާވެސް ނުލައި ހުންނެވުމެވެ. ނުވާކަމެއް ކަމަށް ހައްދަވައިގެން ހުންނެވުމެވެ. ރައްޔިތުން ގޮވާ އެއްޗެއް ގޮވަން ވަރިހަމަ ކޮށްލައިގެން ހުންނެވުމެވެ. އަނެއް ގޮތަކީ ވަޒީރުގެ ޝަކުވާ ލިބިވަޑައިގަތުމާއެކު އެކަން ސީރިއަސްކޮށް ނަންގަވައި އެކަމަށް ވަކި ތަރުތީބަކުން ފިޔަވަޅު އެޅުއްވުމެވެ. ވަޒީރު ގެޔަށް ފޮނުވާލަން ޖެހުނަސް އެކަން ކުރެއްވުމެވެ. އެންމެ ފަހު ފިޔަވަޅަކަށް ވަޒީރު މަގާމުން ދުރުކުރެއްވުމެވެ. އެކި ރައީސުން އަމަލު ކުރައްވާފައިވާތީ ފެންނަނީ އެކި ގޮތަށެވެ. ފުރަތަމަ ގޮތްވެސް އެއީ ބަޔެއް ރައީސުން އިޚްތިޔާރު ކުރައްވާފައިވާތީ ފެނުނު ގޮތެކެވެ.

ރައީސް ސޯލިޙާ ހަމައަށް އެންމެ ފުރަތަމަވެސް ޝަކުވާ އައީ އަމިއްލަފުޅު ޕާޓީގެ ވަޒީރަކާ ބެހޭ ގޮތުންނެވެ. ޒުވާނުންނާއި ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަހްލޫފްގެ ޝަކުވާއެކެވެ. ރައީސް ސޯލިޙް ވެރިކަމަށް ގެނައުމަށްޓަކައި ޒުވާނުން ލޭ ކައްކުވާލި ވަޒީރެކެވެ. މަހްލޫފްގެ މައްޗަށް ތުހުމަތު ކުރެވުނީ ކުރީގެ  ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރުސީގެ ތެރެއިން ހިނގައިދިޔަ ކޮރަޕްޝަނުގެ ފައިސާ މަހްލޫފަށް ލިބިވަޑައިގަތް ކަމަށެވެ. މިކަން ފެންމަތި ވުމާއެކު ރައީސް ސޯލިޙް ލަހެއް ފަހެއް ނުކުރައްވައި މަހްލޫފަށް އެންގެވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ މައްސަލަ ބަލައި ވަކިގޮތެއް ނިންމަންދެން މިނިސްޓްރީއަށް ވަޑައިނުގެން ގޭގައި މަޑު ކޮށްލެއްވުމަށެވެ. މަހްލޫފް އަލުން އަނބުރައި ވަޒީރުންގެ ތެރެއަށް ގެންނެވީ އޭސީސީން އެ މައްސަލަ ބަލައި، މަހްލޫފްގެ މައްސަލައެއް އެކަމުގައި ނެތް ކަމަށް ނިންމުމުންނެވެ.

ވަޒީރުންގެ ތެރެއިން ދެން ރައީސް ސޯލިޙަށް ޝަކުވާ އައީވެސް ރައީސް ކަމުގެ ކެމްޕޭނުގެ ދުވަސްވަރު ލަންޑަނުގައި ހުންނެވިއެއް ކަމަކު މީހާގެ ސައިޒާ އެއްވަރަށް ކެމްޕޭން ކުރެއްވި ޓޫރިޒަމް މިނިސްޓަރު އަލީ ވަޙީދުގެ ޝަކުވާއެވެ. އަލީ ވަޙީދަކީ ކޯލިޝަން ޕާޓްނަރެއް ކަމަށްވާ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ވަޒީރެކެވެ. އަލީ ވަޙީދާބެހޭ ޝަކުވާތަކެއް ފެންމަތި ވަމުން އައިސް، ޓޫރިޒަމް މިނިސްޓްރީގައި އުޅޭ އަންހެން މުއައްޒަފުން ތަކަކަށް މިނިސްޓަރު ޖިންސީ ފުރައްސާރަ ކުރެއްވި ކަމުގެ ޝަކުވާއާއިގެން އެ މިނިސްޓްރީގެ މުއައްޒަފުން ސީދާ ރައީސް އަރިހަށް ދިޔައެވެ. މިފަހަރު ރައީސް ނިންމެވީ މަހްލޫފާމެދު އަމަލު ކުރެއްވި ގޮތަށްވުރެވެސް ހަރުކަށި ކޮށެވެ. މިނިސްޓަރު އަލީ ވަޙީދަށް ދެއްވީ ދެގޮތެވެ. އެއްގޮތަކީ އަމިއްލަފުޅަށް ވަޒީރު ކަމުން އިސްތިއުފާ ދެއްވުމެވެ. ދެން އޮތް ގޮތަކީ އިސްތިއުފާ ނުދެއްވައިފިނަމަ ވަކި ކުރައްވާނެ ކަމުގެ މެސެޖެވެ.

އަލީ ވަޙީދު ނިންމެވީ އިސްތިއުފާ ނުދެއްވާށެވެ. އެހެންވެ ބަޔެއް މީހުން ގަބޫލުކުރީ މިނިސްޓަރު އަމިއްލަފުޅަށް އިސްތިއުފާ ނުދެއްވުމުން ވަޒީރު ކަމުން ވަކިކުރައްވަން ރައީސަށް ކެރިވަޑައިނުގެން ފަހަތަށް ޖެހިވަޑައިގަންނަވާނެ ކަމަށެވެ. ވީ އެހެނެއްނޫނެވެ. ރައީސް ހެއްދެވި ގޮތަކީ ޓޫރިޒަމް މިނިސްޓަރު ކަމުން އަލީ ވަކި ކުރެއްވީއެވެ.

ދެން ރައީސް ސޯލިޙާ ހަމައަށް މިފަހަރު މިއައީ ހެލްތް މިނިސްޓަރ އަބްދުﷲ އަމީން އާއި އެ މިނިސްޓްރީގެ ބަޔެއް އެހެން ސީނިއަރ މުއައްޒަފުންނާއި ގުޅޭ ބޮޑު ޚިޔާނާތުގެ މައްސަލައެކެވެ. ކޮވިޑް19 އާއި ގުޅުން ހުރި ޚިޔާނާތުގެ މައްސަލަ މިފަހަރު ފެންމަތިވީ އޮޑިޓަރ ޖެނެރަލްގެ ރިޕޯޓަކުންނެވެ.  މިކަމުގައި ހަމައެކަނި ޝަކުވާ އުޅެނީ މިނިސްޓަރ އަމީންއަށް އެކަންޏެއްނޫނެވެ. ރައީސް ސޯލިޙު އައްޔަން ކުރައްވާފައިވާ ނައިބު މިނިސްޓަރަކަށްވެސް ތުހުމަތުގެ އިނގިލި ހުރީ ދިއްކުރެވިފައެވެ. އެއީ ބިޑް ކޮމިޓީގެ އިސްވެރިޔާއެވެ.

މައްސަލަ ފެންމަތިވުމާއެކު ރައީސްގެ ފަރާތްޕުޅުން ތަރުޖަމާން ހޫދު ވިދާޅުވީ މައްސަލަ ބަލައި، ވަކި މީހަކަށް ބެލުމެއް ނެތި މިފަހަރުވެސް އަޅަންޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ. މިފަހަރުވެސް ފިޔަވަޅު އަޅަންފެށިލެއް އަވަހަށެވެ. ރައީސް ސޯލިޙުގެ ފިޔަވަޅު އެޅުން މިފަހަރު ތަރުތީބު ވެގެން އައި ގޮތަށް ބަލާއިރު ރައީސް އައްޔަން ކުރެއްވި ނައިބު ވަޒީރު ކަމަނާ ސަސްޕެންޑް ކުރައްވައިފިއެވެ. މައްސަލަ ބަލަން ފަށައިފިއެވެ.

މިފަހަރު ސިއްޙަތާބެހޭ ވަޒީރަށް ރައީސް އެއްޗެއް އެންގެވުމުގެ ކުރިން ފެނުނީ ވަޒީރު އަމިއްލަފުޅަށް މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިވެވަޑައިގަތް ތަނެވެ. ރައީސަށް ވަޒީރު ފޮނުއްވި ސިޓީގައި ވަނީ މައްސަލަ ވަކިގޮތަކަށް ނިމެންދެން ނުވަތަ ރައީސް ވަކިގޮތެއް ވަޒީރާމެދު ނިންމަވަންދެން މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިވެވަޑައިގެން ގޭގައި މަޑުކޮށްލައްވާ ކަމަށެވެ.

މީގެކުރިން ދެ ވަޒީރުންނާމެދު ރައީސް އަމަލު ކުރެއްވި ގޮތުން ސިއްހަތާބެހޭ ވަޒީރުވެސް މަގާމުން ދުރުކުރަން ޖެހިއްޖެނަމަ ރައީސް ފަހަތަށް ޖެހިވަޑައިގެންފާނެ ކަމަކަށް ނުބެލެވެއެވެ. އަމީނާމެދު ކަންކުރައްވާނެ ގޮތެއް ސާފު ވެގެންދާނީ މައްސަލަ ނިމުމުންނެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.