އީސްޓާ ބޮމުގެ ހަމަލާގެ ތަހުގީގަށް ސިރިސޭނާ ހާޒިރުކުރަނީ

ފާއިތުވި އަަހަރުގެ އީސްޓާ އާދީއްތަ ދުވަހު (އެޕްރީލް މަހުގެ 21 ވަނަ ދުވަހު) ސްރީލަންކާގައި ދިން ވަރުގަދަ ބޮމުގެ ހަމަލާތައް ތަހުގީގުކުރާ ޕެނަލުން ކުރީގެ ރައީސު މައިތުރިޕާލާ ސިރިސޭނާ ތަހުގީގަށް ހާޒިރުވެވަޑައިގަތުމަށް ދަންނަވައިފިއެެވެ. އެ ޕެނަލުން ސިރިސޭނާއަށް ފޮނުވި އަމުރުގައި ވަނީ މި އޮގަސްޓު މަހުގެ 26 ވަނަ ދުވަހު އޭނާ ތަހުގީގަށް ހާޒިރުވެވަޑައިގެން ބަޔާންދެއްވުމަށް  އަންގާފައެވެ.

ނަސާރާއިންގެ އެންމެ މުހިއްމު އެއް އީދު ކަމުގައިވާ އީސްްޓާ ދުވަހު އެ ގައުމުގެ ނަސާރާއިން އީދު ފާހަގަކުރަމުން ދަނިކޮށް ދިން ހަމަލާތަކަކީ، ސްރީލަންކާގެ ދާޚިލީ ހަނގުރާމަ ނިމުނު ފަހުން ދީފައިވާ އެންމެ ބާރުގަދަ ހަމަލާއެވެ. އެ ދުވަހު ޖާނުން ފިދާވާން ނުކުތް 9 މީހަކު ވަނީ ތިން ފައްޅިއަކާއި ކޮޮލޮމްބޯގައި ހުންނަ ލަގްޒަރީ 3 ހޮޓަލެއްގައި ބޮން ގޮއްވާލައިގެން 258 މީހުން މަރައިލާފައެވެ.

މި ހަމަލާއާ ބެހޭ ޖާސޫސީ މައުލޫމާތު ކުރިން ލިބިވަޑައިގެން ތިއްބެވުމާއެކު އޭރު ވެރިކަމުގައި ތިއްބެވި ރައީސު ސިރިސޭނާއާއި، ބޮޑުވަޒީރު ރަނިިލް ވިކްމަރަމަސިންހައަށް އެ ހަމަލާތައް ހުއްޓުވަން ދުރާލާ ފިޔަވަޅު އެޅުއްވިފައި ނުވާތީ ދެބޭފުޅުންނަށްވެސް ވަނީ ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައެވެ.

މިހާރުގެ ރައީސު ގޮތާބޭ ރާޖަޕަކްސާ ހޮވިވަޑައިގަތުމަށް ކެމްޕޭންކުރެއްވި އިރު، ވެރިކަން ލިބިވަޑައިގެންފިނަމަ، އިސްޓާ ބޮމުގެ ހަމަލާގެ މިނިވަން ތަހުގީގެއް ކުރައްވާނެކަމަށް ވައުދުވެވަޑައިގެންފައެެވެ. ނަމަވެސް، އޭނާ ވަނީ ކުރީގެ ރައީސު ސިރިސޭނާ އައްޔަންކުރެއްވި ތަހުގީގު ޕެނަލް ބަދަލުނުކުރައްވަން ނިންމަވައިފައެވެ.

މި ޕެނަލްގެ ޕްލިސް ޔުނިޓުން ކުރީގެ ރައީސު ސިރިސޭނާ މި މިމަހުގެ 26 ވަނަ ދުވަހު ޕެނަލްގެ ކުރިމައްޗަށް ހާޒިވެވަޑައިގެން ބަޔާންދެއްވުމަށް ދަންނަވާފައި ވާއިރު، އެ ޔުނިޓުން ވަނީ ކުރީގެ ބޮޑުވަޒީރު ރަނިލް ޕެނަލްގެ ކުރިމައްޗަށް މާދަމާ (18 އޮގަސްޓު) ގައި ހާޒިރުވެވަޑައިގަތުމަށް ދަންނަވާފައެވެ.

މި ދެބޭފުޅުންގެ އިތުރަށް ކުރީގެ ދެ މިނިސްޓަރުން ކަމުގައިވާ ސަގަލާ ރަތުނަޔަކޭ އަދި ރުވާން ވިޖޭވަރްދަނާާ އަށްވެސް ހާޒިރުވުމުގެ އަމުރު ވަނީ ފޮނުވާފައެވެ. މި ދެ ބޭފުޅުންނަކީ 2015 އާއި ނޮވެންބަރު 2019 އާ ދެމެދު ޕޮލިސް އަދި ދިފާއީ ކަންކަން ބެލެެހެއްޓެވި ދެ މިނިސްޓަރުންެނެވެ.

އީސްޓާ ބޮމުގެ ހަމަލާއަކީ ވިކްރަމަސިންހަގެ ސަރުކާރު ވެއްްޓުމުގެ މައިގަނޑު އެއް ސަބަބެވެ. މިފަހަރުގެ އާއްމު އިންތިޚާބުގައި އޭނާ ވަނީ ބަލިވެވަޑަގެންފައެވެ. މިއީ 1977 ގެ ފަހުން އޭނާއަށް ގާނޫނުހަދާ މަޖިލީހުގެ ގޮނޑި ގެއްލުނު ފުރަތަމަ ފަހަރެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.