ކޮވިޑް-19 އާ ގުޅޭ ހެލްތް މިނިސްޓްރީގެ އޯޑިޓް ރިޕޯޓުން ފާހަގަވެފައިވާ މާކަރާއި ހީލަތުގެ މައްސަލަތައް ތަޙްޤީޤު ކުރަމުންދާތީ ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން އަމިއްލަ ފުޅަށް މަސައްކަތުން އެކަހެރިވެ ވަޑައިގެންފިއެވެ.
މިމައްސަލައިގައި ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ރައީސުލް ޖުމްހޫރިއްޔާއަށް އެޑްރެސްކޮށް ލިއުއްވައިފައިވާ ސިޓީއެއް ވަނި އާއްމު ވެފައެވެ. އެ ސިޓީގައި ވަނީ ކޮވިޑް 19 އާ ގުޅޭ، ހެލްތް މިނިސްޓްރީގެ ޚަރަދުތަކުގެ ކޮމްޕަލައެންސް އޯޑިޓް ރިޕޯޓްގައި ފާހަގަ ކޮށްފަވާ ކަންތައްތަކާ ގުޅިގެން، މައްސަލަ ތަޙްޤިޤުކޮށް ގޮތެއް ނިމެންދެން ނުވަތަ ރައީސް ޞާލިޙް ވަކި ގޮތެއް އަންގަވަންދެން މަސައްކަތުން އެކަހެރިވަން ގަސްތު ކުރައްވާ ކަމަށެވެ. މިސިޓީއާ ބެހޭގޮތުން ރަސްމީ އެއްވެސް ފަރާތަކުން އަދި އެއްވެސް އެއްޗެއް ހާމަކުރައްވައިފައެއް ނުވެއެވެ.
ހެލްތް މިނިސްޓަރ ސަސްޕެނޑް ކުރުމާ ބެހޭ ގޮތުން ރައީސް އެއްވެސް ނިންމުމެއް ނިންމަވައިފައިވާކަން އަންގަވައިފައި ނުވާކަން އާފަތިސް ނޫހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ސަރުކާރުގެ ތަރުޖަމާނު އިބްރާޙިމް ހޫދު ވަނީ ވިދާޅުވެފައެވެ. ނަމަވެސް ބައެއް މީޑިއާ ތަކަށް ތަރުޖަމާނު މަޢުލޫމާތު ދެއްވި ގޮތުގައި ވެންޓިލޭޓަރުތައް ގެންނަން ކުންފުނިތަކާއި ހަވާލުކުރި އެއްބަސްވުންތަކުގައި ސޮއިކުރި ވެރިންނާއި ހެލްތް މިނިސްޓްރީގެ ބިޑް ކޮމެޓީގެ މެންބަރުންނާއި ފައިނޭންޝަލް އެގްޒެކްޓިވްސްގެ މެންބަރުން ވަނީ ތަޙްޤީޤު ނިމެންދެން ސަސްޕެންޑްކޮށްފައެވެ.
ކޮވިޑާ ގުޅޭ ހެލްތް މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީގެ އޯޑިޓް ރިޕޯރޓުން ފާހަގަވި މައްސަލަތައް ތަޙްޤީޤުކުރަން ރައީސް ޞާލިޙް ވަނީ ފުލުހުންނާއި އޭސީސީ އަށް ވެސް އަންގަވައިފައެވެ.