ބެލާރޫސްގެ ރައީސު އެލެގްޒެންޑާ ލުކަޝެންކޯ އިސްތިއުފާދެއްވަން ދެކޮޅުހެއްދެވާއެކު އޭނާގެ އިސްތިއުފާއަށްަ ގޮވާލައި ކުރަމުން ގެންދާ އިހުތިޖާޖުތައް އިތުރަށް ވަރުގަދަވެ، އެތައްހާސް ބަޔަކު މަގުމައްޗަށް ނުކުމެއްޖެއެވެ. އިދިކޮޅު ފަރާތްތަކުން އިހުތިޖާޖުކުރަމުން ދަނީ މި އޮގަސްޓު މަހުގެ އެގައުމުގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ރައީސު ލުކަޝެންކޯ ހަވަނަ ދައުރަކަށް ހޮވިވަޑައިގަތީ އިންތިޚާބުގައި މަކަރުހައްދަވައިގެން ކަމަށް ބުނެއެވެ.
ވެރިރަށް މިންސްކްގެ މިނިވަންކަމުގެ މައިދާނުގައި އޮތް އޭަނާއަށް ތާއީދުކުރާ މީހުންގެ އެއްވުމެއްގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ އަލުން އިންތިޚާބު ބާއްވަން އެއްބަސްވެއްޖެ ނަމަ، "ދައުލަތެއްގެ ގޮތުގައި ބެލާރޫސް މަރުވީ" ކަމުގައެވެ.
ހޮނިހިރު ދުވަހު (15 އޮގަސްޓު) ހަވީރު ރަޝިޔާގެ ރައީސު ޕުޓިންއާ ފޯނުން ގުޅުއްވައި ވާހަކަފުޅުދެއްކެވުމަށް ފަހު ލުކަޝެންކޯ ވިދާޅުވެފައި ވަނީ ސަލާމަތީ ކަންކަން ވަރުގަަދަ ކުރުމަށް ބެލާރޫސްއިން އެހީތެރިިކަމަށް އެދިއްޖެނަމަ ރަޝިޔާއިން އެހީވާން ތައްޔާރަށް އޮތް ކަމުގައެވެ.
ރޮއިޓާސްއިން ލަފާކޮށްފައިވާ ގޮތުގައި މިއަދުގެ އިހުތިޖާޖުތަކުގައި 2 ލައްކައެއްހާ މީހުން ބައިވެރިވެފައި ވެއެވެ. ފާއިތުވި އާދީއްތަ ދުވަހު އޮތް އިންތިޚާބަށް ފަހު ކުރަމުންދާ އިހުތިޖާޖުތަކުގައި މިހާތަނަށް 2 މީހުން މަރުވެ، އެތައް ހާސް ބަޔަކު ހައްޔަރުކޮށްފައި ވެއެވެ.
އިހުތިޖާޖުކުރާ މީހުން ވަނީ ރަތާއި ހުދުގެ ދިދަ ހިފައިގެން "ލުކަޝެންކޯ ފައިބާ" "އަހަރުމެން މާފެން ނުކުރާނަން އަދި ހަނދާންވެސް ނުނެތޭނެ" ކިޔައި އަޑުއުފުލާފައެވެ.
އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ ވެރިކަމުގައި 26 އަހަރު ހޭދަކުރައްވާފައިވާ ލުކަޝެންކޯ ވޯޓު އޮޅުވާލެއްވީ ރައްޔިތުންގެ ތާއީދު އޭނާއަށް އޮތްކަން ދެއްކެވުމަށް ކަމަށެވެ. ލުކަޝެންކޯ އެ ތުހުމަތު ދޮގުުކުރައްވައެވެ. އޭނާ ވިދާޅުވި ގޮތުގައި ރަސްމީ ނަތީޖާއަށް އޭނާއަށް ވަނީ %80 މީހުންގެ ތާއީދު ލިބިވަަޑައިގެންފައެވެ.
ހުކުރު ދުވަހު އޮތް ބައްދަލުވުމަކަށް ފަހު ޔޫރަޕިއަން ޔުނިއަން (އީޔޫ) ގެ ގައުމުތަކުގެ ޚާރިޖީ ވަޒީރުން ވަނީ ބެލާރޫސްގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ބަލައިނުގަންނަން ނިންމަވާފައެވެ. އަދި އެބޭފުޅުން ވަނީ ބެލާރޫސްއާ ދެކޮޅަށް އަޅާނެ ފިޔަވަޅުތައް ނިންމުމުގެ މަސައްކަތް ފަށައިފައެވެ.
ކުރީގެ ސޯވިއެޓް ޔުނިއަންގެ ބައެއްގެ ގޮތުގައި އޮތުމަށް ފަހު އޮގަސްޓް 1991 ގައި މިނިވަންކަން ލިބުނު ބެލާރޫސްގައި އަލަށް އެކުލަވާލެވުން ގާނޫނު އަސާސީގެ ދަށުން 1994 އަހަރު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމަށް ފަހު، ރައީސު ލުކަޝެންކޯ ގެންދަވަނީ ކޮންމެ ރިޔާސީ އިންތިޚާބެއް ކާމިޔާބުކުރައްވަމުންނެވެ.
9.4 މިލިއަން މީހުންގެ އާބާދީއެެއް އޮންނަ ބެލާރޫސް އަކީ ސޯވިއެޓް ޔުނިއަން ރޫޅިގެން ގޮސް އުފެދުނު ގައުމުތަކުގެ ތެރެއިން އެންމެ ފަގީރު އެެއް ގައުމެވެ.