އީރާނާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި ސަލާމަތީ މަޖިލީހުގައި އެމެރިކާއަށް ލަދުވެތި ނާކާމިޔާބީއެއް

އދ. ގެ ސަލާމަތީ މަޖިލީހުން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ މުއްދަތު އިތުރުކުރުމަށް އެމެރިކާއިން ހުށަހެޅި ގަރާރާ ދެކޮޅަށް އެމަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުން ވޯޓުދީފިއެވެ.

އީރާނަށް ހަތިޔާރުވިއްކުން ވަކި މުއްދަތެއް ނެތް ގޮތަށް މަނާކުރުމަށް އެމެރިކާއިން ހުށަހެޅި ގަރާރާ އެއްކޮޅަށް އެމެރިކާގެ އިތުރުން ވޯޓު ދިނީ ޑޮމިނިކަން ރިޕަބްލިކުން އެކަންޏެވެ. 11 ގައުމަކުން (ފްރާންސާއި އިނގިރޭސި ވިލާތުންވެސް) ވޯޓުގައި ބައިވެރިނުވިއިރު، ޗައިނާއާއި ރަޝިޔާއިން ވަނީ ގަރާރާ ދެކޮޅަށް ވޯޓުދީފައެވެ. ޗައިނާއާއި ރަޝިޔާއިން ވީޓޯ ނުކުރި ނަމަވެސް އެ ގަރާރު ފާސް ނުވީހެވެ. ސަލާމަތީ މަޖިލީހުން ގަރާރެއް ފާސްވާނީ މަދުވެގެން ނުވަ ވޯޓު ލިބިގެންނެވެ.

އީރާނަށް ހަތިޔާރުވިއްކުން މަނާކުރުމަށް ސަލާމަތީ މަޖިލީހުން 2015 ވަނަ އަހަރު ފާސްކުރި ގަރާރު  2231 ގެ މުއްދަތު އަންނަ އޮކްޓޯބަރު މަހުގެ 18 ވަނަ ދުވަހު ހަމަވާނެއެވެ.

އެމެރިކާއަށް ލިބުނު ނާކާމިޔާބީއަށް ފަހު ސެކްރެޓަރީ އޮފް ސްޓޭޓް (ޚާރިޖީ ވަޒީރު) ވަނީ ސަލާމަތީ މަޖިލީހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

"ބައިނަލްއަގުވާމީ ސަލާމަތީ ސުލްހައިގެ ދިފާއުގައި ގޮތް ނިންމުމަށް ހަރާކަތްތެރިވުމަށް ސަލާމަތީ މަޖިލިސް ފޭލްވުމަކީ ބަލައިގަނެވޭނޭ ކަމެއް ނޫން." ޕޮމްޕެއޯ ވިދާޅުވިއެވެ.

"އަނެއްކާވެސް ފެނިގެން މިދިޔައީ އެކަނި ގޮތް ނިންމައިގެން، އެ ގޮތަށް ތާއީދުކުރުމަށް އަނެކުންނަށް މައްޗަށް ގަދަބާރުން މަޖުބޫރުކުރަން އުޅުމުން އެކަން ފޭލްވާނެކަން." ވޯޓަށް ފަހު އދ.ގައި ހުންނަވާ ޗައިނާގެ މަންދޫބު ޒާންގް ޖުން ނެރުއްވި ބަޔާނެއްގައި ވެއެވެ.

ސަލާމަތީ މަޖިލީހުގެ ވޯޓުގެ ކުރިން އީރާނުން ވަނީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ މުއްދަތު އިތުރު ނުކުރުމަށް ގޮވައިލައްވައި އިންޒާރުދެއްވާފައެވެ.

"ސަލާމަތީ މަޖިލީހުން އަނެއްކާވެސް ދަތިކުރުމުގެ ފިޔަވަޅު އަޅައިފިނަމަ، އީރާނުން އެކަމާ ކުރިމަތި ލާނީ ވަރުގަދަ އަޒުމާއެކު. އަހަރުމެންގެ ކުރިމަތީގައި ހުރި ޚިޔާރުތަކުގެ ހައްދެއް ނެތް." އދ. ގައި ހުންނަވާ އީރާނުގެ މަންދޫބު މަޖީދު ތަޚްތުރަވާންޖީ ވިދާޅުވިއެވެ.   

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.