ދުނިޔޭގެ 818 މިލިއަން ދަރިވަރުންނަށް މަދަރުސާގައި އަތްދޮވުމުގެ ވަސީލަތްތައް ތަނަވަސްވެފައި ނުވޭ: އދ.

މުދައްރިސަކު ދިރިވަރަކަށް އަތް ދޮންނާނެ ގޮތް ދަސްކޮށްދެނީ

ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މަދަރުސާތަކުގައި ކިޔަވާ 818 މިލިއަން ދަރިވަރުންނަށް އަތްދޮވުުމުގެ އަސާސީ ވަސީލަތްތައް ތަނަވަސްވެފައި ނުވާތީ، މިއީ ކޮރޯނާ ވައިރަސް ފެތުރުމުގެ ނުރައްކާތެރިކަން އިތުރުކުރާ ކަމެއް ކަމުގައި އދ.ން ބުނެފިއެެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އާއި އދ. ގެ ކުޑަކުދިންގެ ފަންޑު (ޔުނިސެފް)  ގުޅިގެން ތައްޔާރުކުރި ރިޕޯޓެއްގައި ވާގޮތުން ދުނިޔޭގެ ކޮންމެ ފަސް މަދަރުސާއަކުން ދެ މަދަރުސާއެއްގައި އަތްދޮންނާނެ ސައިބޯންޏާއި ފެން ނުހުރެއެވެ.

އެންމެ ފަގީރު ގައުމުތަކުގެ ކޮންމެ ދިހަ މަދަރުސާއަކުން ހަތް މަދަރުސާއެއްގައި މި ވަސީލަތްތައް ނެތެވެ. ދެބައިކުޅަ އެއްބައި މަދަރުސާގައި ފާޚާނާކުރުމުގެ އަސާސީ ވަސީލަތްތަކާއި ފެން ނެތެވެ.

މި ވަސީލަތްތައް ތަނަވަސްވެފައިނުވާ 818 މިލިއަން ދަރިވަރުންގެ ތިންބައިކުޅަ އެއް ބަޔަށްވުރެ ގިނަ ދަރިވަރުންނަކީ އެފްރިކާގެ މެދުތެރޭގެ އަދި ދެކުނުގެ ގައުުމުތަކުގެ ދަރިވަރުންނެެވެ.

މި ރިޕޯޓު ނެރެފައި މިވަނީ ކޮވިޑް- 19 ގެ ބަލިމަޑުކަމުގެ ތެރޭގައި ބައެއް ގައުމުތަކުގެ މަދަރުސާތައް ހުޅުވަން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.

"ފެނާއި، ފާޚާނާކުރުމާއި، ސާފުތާހިރުުވުގެ އަސާސީ ވަސީލަތްތައް ލިބެން ހުރުމަކީ އެދެވޭ ގޮތެއްގައި ބަލިމަޑުކަން ކޮންޓުރޯލުކުރުމަށް މުހިއްމު ކަމެއް." ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޯމް ގެބްރަޔޭސަސް ނެރުއްވި ބަޔާނެއްގައި ވެއެވެ.

"ކޮވިޑް- 19 އާލަމީ ވަބާގެ ދުވަސްވަރު ރައްކާތެރި ގޮތެއްގައި މަދަރުސާތައް ހުޅުވައި ހިންގުމަށް ސަރުކާރުތަކުން ރާވަމުން ދާއިރު މިކަމަށް ބޮޑު ސަމާލުކަމެއް ދޭންޖެހޭ." ގެބްރަޔޭސަސް ވިދާޅުވެފައި ވެއެވެ.

ކޮވިޑް- 19 ގެ ސަބަބުން ދުނިޔޭގެ މަދަރުސާތަކުގައި ކިޔަވައިދިނުން މެދުކެނޑިގެން ދިޔަ ދިއުމަކީ ދުނިޔޭގެ ތާރީޚުގައި މިފަދަ އެންމެ ބޮޑު މެދުކެނޑުމެވެ. އދ.ން އަންދާޒާކުރާ ގޮތުގައި 190 ގައުމެއްގެ 1.6 ބިލިއަން ދަރިވަރުންނަށް ވަނީ މިކަމުގެ އަސަރުކޮށްފައެވެ.

ސަރުކާރުތަކުން ލޮކްޑައުން ފަދަ ފިޔަވަޅުތައް އަޅާއިރު، އޭގެ އިޖްމާއީ އިގްތިސާދީ އަސަަރަށްވެސް ވިސްނައި، ތިލަަފަތް ހަމަ އުސޫލަކުން ފިޔަވަޅު ނައަޅައިފިނަމަ، އޭގެ ސަބަބުން ދަރިވަރުންނަށް ނޭދެވޭ އަސަރުކޮށް ދިގު މުއްދަތަކަށް ތައުލީމުން މަހުރޫމު ވެގެން ހިނގައިދާނެކަން ވެސް ޑަބްލިޔުއެޗްއޯއާއި ޔުނިސެފުން ފާހަގަކޮށްފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.