ޔޫއޭއީއާއި އިސްރާއީލު ފުރިހަމަ ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރަން އެއްބަސްވެއްޖެ

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި އިސްރާއީލު ފުރިހަމަ ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރަން އެއްބަސްވެއްޖެއެެވެ. މި އެއްބަސްވުމާ ހަމައަށް އައުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރައްވާފައި ވަނީ އެމެރިކާގެ ރައީސު ޑޮނާލްޑް ޓްރަމްޕްއެވެ.

މިކަން ހާމަކޮށްފައި ވަނީ އެމެރިކާގެ ރައީސު ޑޮނާލްޑް ޓްރަމްޕްއާއި، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި ޔޫއޭއީގެ ވަލީއަހުދު ޝޭޚްޒާއިދުގެ ގުޅިފައިވާ ބަޔާނެއްގައެވެ.

މި އެއްބަސްވުމާއެކު ޔޫއޭއީ ވެެގެންދާނީ އިސްރާއީލާއެކު ފުރިހަމަ ޑިޕްލޮމެޓިކް ގުޅުން ގާއިމުުކުރާ ތިންވަނަ އަރަބި ގައުމަށެވެ. މީގެ ކުރިން އިސްރާއީލާއެކު ފުރިހަމަ ޑިޕްލޮމެޓިމް ގުޅުން ގާއިމުކޮށްފައިވާ އަރަބި ދެ ގައުމަކީ މިސްރު އަދި ޖޯޑަން (އުރްދުން) އެވެ.

އިސްރާއީލާއެކު ޔޫއޭއީން ރަސްމީކޮށް ގުޅުން ގާއިމުކުރާ ވާހަކަ ހާމަ މިކުރެވުނީ ދެ ގައުމުގެ ދެމެދުގައި ގާތް ގުޅުމެއް އޮންނަ ކަމުގެ ވާހަކަ ދެކެވޭތާ ދުވަސްތަކެއް ފަހުންނެވެ. މި އެއްބަސްވުމުގެ ދަށުން ދެ ގައުުމުގައި އެމްބަސީ ހުޅުވައި، ދެ ގައުމުގެ ދެމެދުގައި ސީދާ ވައިގެ ދަތުރުފަތުރު ފަށައި، ސަލާމަތީ ކަންކަމުގައި ގުޅުން ގާއިމުކުރެވޭނެއެވެ.

މިއަދު ރައީސު ޓްރަމްްޕް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވާ ގޮތުން މިއަދަކީ ބޮޑު ކުރިއެރުމެއް ލިބުނު ދުވަހެކެވެ. އެމެރިކާގެ އެންމެ ގާތް އެކުވެރިންގެ ތެރޭގައި ހިމެނޭ ޔޫއޭއީއާއި އިސްރާއީލާ ދެެމެދު ސުލްހައިގެ އެއްބަސްވުއް ގާއިމުކުރެވުނު ދުވަހެވެ.

އިސްރާއީލާއެކު ޔޫއޭއީން ފުރިހަމަ ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރުމުން ފަލަސްޠީނާއި އަރަބި ދުނިޔޭގައި އުފެދޭނޭ ނުރުހުން އޮއްބާލުމަށް މިިއެއްބަސްވުމާއެކު އިސްރާއީލުން ދުލެއް ދީފައި ވެއެވެ. އެއީ ޔޫއޭއީން އިސްރާއީލާ ގުޅުން ބަދަހިކުރުމުގެ ބަދަލެއްގެ ގޮތުން ހުޅަނގު އައްސޭރީގެ ބިންތައް އިސްރާއީލުގެ ބައެެއްގެ ގޮތުގައި ހަދަން ކުރަމުން އައި މަސައްކަތް ހުުއްޓާލުމެވެ.

އެހެންނަމަވެސް، މި އެއްބަސްވުމަށް ފަލަސްޠީނު މީހުން ފަރާތުން ލިބެމުން ދަނީ ރުޅިވެރި ރައްދެކެވެ.

ޣައްޒާގައި ވެރިކަން ކުރާ އިސްލާމިކް ރެސިސްޓެންސް މޫވްމަންޓް (ޙަމާސް) އިން ބުނެފައި ވަނީ ޔޫއޭއީން އިސްރާއީލާ ގުޅުން ގާއިމުކުރުމަކީ ފަލަސްޠީނު ރައްޔިތުންގެ ގުރްބާނީގެ "ބުރަކަށްޓަށް ޚިޔާނާތުގެ ވަޅި ހަރާލުމެވެ."

ފަލަސްޠީނުގެ ރައީސު މަޙްމޫދު ޢައްބާސް ވަނީ މި އެއްބަސްވުމާމެދު މަޝްވަރާކުރުމަށް އޭނާގެ މުސްތަޝާރުންގެ ބައްދަލުވުމަކަށް ގޮވައިލައްވާފައެވެ.

ފަލަސްޠީނުގެ މަޝްހޫރު ސިޔާސީ ބޭފުޅެއް ކަމުގައިވާ ޙަނާން ޢަޝްރާވީ ކުރެއްވި ޓުވީޓެއްގައި އޭނާ ވަނީ މިއެއްބަސްވުމާ މެދު ނުރުހުން ފާޅުކުރައްވާފައެވެ. "އަަހަރުމެންނަށް ހެޔޮކަމެެއް ކޮށްދޭނެ ކަމެއް ނެތް. އަހަރުމެންނަކީ އެއްވެސް ބައެއްގެ ވައްތީނި ފަތެއް ނޫން." ޔޫއޭއީގެ ވަލީއަހުދާ މުޚާޠަބުކުރައްވައި ޢަޝްރާވީ ވިދާޅުވެފައި ވެއެވެ.

ޔޫއޭއީގެ އެންމެ އެކުވެރި ގައުމުުތަކުގެ ތެރެއިން ސައޫދީ އަރަބިއްޔާއިން އަދި މި އެއްބަސްވުމާ މެދު ރަސްމީކޮށް އެއްޗެއް ބުނެފައި ނުވާއިރު، މިސްރުގެ ރައީސު ޢަބްދުލްފައްތާޙު ސީސީ ވަނީ ޔޫއޭއީ މަރްހަބާ ވިދާޅުވެ މިއެެއްބަސްވުމަށް ތައުރީފުކުރައްވާފައެެވެ.

މި އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކުރުމުގެ ރަސްމިއްޔާތު މާ ލަސްތަކެެއް ނުވެ ވައިޓްހައުސްގައި ބާއްވާނެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.