ބެންގަލޫރުގެ ހަމަނުޖެހުމުގައި 3 މީހުން މަރުވެއްޖެ

ހަމަނުޖެހުން ފެށުނީ ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ފޭސްބުކުގައި ޖެހި ލިއުމެއްގެ ސަބަބުން

ބެންގަލޫރުގައި ހިނގި ހަމަނުޖެހުމުގައި ފުލުހުންގެ އުޅަނދެއް އަންދާލާފައި

އިންޑިޔާގެ ކަރްނާޓަކާ ސްޓޭޓުގެ ވެރިރަށް ބެންގަލޫރުގައި ހަމަނުޖެހުން ހިންގި މީހުންގެ ގަޔަށް ފުލުހުން ބަޑިޖެހުމުގެ ސަބަބުން ތިން މީހުން މަރުވެއްޖެއެވެ. މި ހަމަނުޖެހުން ފެށުނީ ކީރިތި ރަސޫލަށް ފުރައްސާރަކޮށް ލިޔެފައިވާ ލިއުމެއް ފޭސްބުކުގައި ޖެހުމުގެ ސަބަބުން

މި ލިއުން ޖަހާފައިވަނީ ކަރްނާޓަކާ ސްޓޭޓުގެ ގާނޫނުހަދާ މަޖިލީހުގައި ކޮންގްރެސް ޕާޓި ތަމްސީލުކުރައްވާ މެންބަރެއް ކަމުގައިވާ އަކަންޑާ ސިރިނިވާސް މޫރްތީއަށް ބޮޑުބޭބެ ކިޔާ މީހެކެވެ. މިކަމާ ރުޅިއައިސްގެން ނުކުތް މުސްލިމުންގެ ބަޔަކު ވަނީ ސިރިނިވާސް މޫރްތީގެ ގޭގައި ރޯކޮށްލާފައެވެ.

އެ ގޭދޮށަށް އެއްވި މީހުން މައިތިރިކުރަން ފުލުހުން ނުކުތުމުން އެމީހުން ވަނީ ފުލުހުންގެ ގަޔަށް ގާއުކައި ހަމަލާދީފައެވެ. ފުލުހުން ރައްދުގައި މުޒާހަރާކުރި މީހުންގެ ތެރެއަށް ބަޑިޖެހުމުގެ ސަބަބުން ތިން މީހަކު ވަނީ މަރުވެފައެވެ. އަދި ފުލުހުންގެ 60 މީހަކަށް އެކި ވަރުގެ އަނިޔާ ލިބިފައިވާއިރު، ފުލުހުންގެ އުޅަނދުތަކަށްވެސް ގެއްލުން ލިބިފައި ވެއެވެ.

މުޒަހަރާކުރި މީހުން ތެރެއިން 165 މީހަކު ހައްޔަރުކޮށްފައި ވާއިރު، ފޭސްބުކުގައި ރަސޫލާ އަށް ފުރައްސާރަކުރި މީހާވެސް ވަނީ ހައްޔަރުކޮށްފައެވެ. އޭނާ ފުލުހުންނަށް ބަޔާން ދިން ގޮތުގައި އެއީ އޭނާ ކުރި ކަމެއް ނޫނެވެ. ބަޔަކު އޭނާގެ ފޭސްބުކު އެކައުންޓު ހެކްކޮށްގެން ބަޔަކު ކުރި ކަމެކެވެ.

މުޒާހަރާކުރި މީހުން ވަނީ ޑީޖޭ ހައްލީ އަވަށުގެ މަގުތަކަށް ނުކުމެ ޕޮލިސް ސްޓޭޝަނަކަށް ހަމަލާދީ، ފުލުހުންގެ ބައެއް އުޅަނދުތަކުގައި ރޯކޮށްލާފައެވެ. އަދި ޕޮލިސް ސްޓޭޝަނަށް ވަންނަން މަސައްކަތްކޮށްފައެވެ.

ސިރިނިވާސް މޫރްތީ ވަނީ ހަމަޖެހުމާއި، ސުލްހައަށް ގޮވައިލައްވާފައެވެ.

"ގާނޫނާ ޚިލާފަށް މީހަކު ކުރި ކަމެއްގެ ސަބަބުން އަހަރުމެން ތަޅައިނުފޮޅުމަށް އަހަރެންގެ މުސްލިމް ރަހުމަތްތެރިންނަށް އަހަރެން ގޮވާލަން. އަހަރެންގެ މުސްލިމް އަޚުންގެ ކަބައިން ސުލްހަވެރިކަމާ އެކު ތިބުމަށް އަހަރެން އެދެން." މޫރްތީއާ ހަވާލާދީ އިންޑިޔާގެ ނޫހަކުން ބުނެފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.