މި އަހަރުގެ ނޮވެންބަރު މަހުގެ ތިންވަަަނަ ދުވަހު އެމެރިކާގައި ބާއެްވާ ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ރައީސު ޑޮނާލްޑް ޓްރަމްޕްއާ ވާދަކުރައްވާ ކެންޑިޑޭޓް ޖޯ ބައިޑަންގެ ރަނިންމޭޓަކަށް ކަމަލާ ހެރިސް އައްޔަންކޮށްފިއެެެވެ. ހެރިސްެއަކީ އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ މަތީ ގެ، ސެނެޓްގައި ކެލިފޯނިޔާ ތަމްސީލުކުރައްވާ ސެނެޓަރެވެ.
ކަމަަލާ ހެރިސް ވެގެން ދާނީ އެމެރިކާގެ މައި ޕާޓީއެއްގެ ފަރާތުން ނާއިބު ރައީސުކަމަށް ވާދަކުރައްވާ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. ބައިޑަންގެ ރަނިންމޭޓަކަށް އޭނާ ނެންގެވީ ރިޔާސީ އިންތިޚާބުގައި ރައީސު ޓްރަމްޕް ބަލިކުރުމަށް ކަޅު ނަސްލުގެ މީހުންގެ ވޯޓު މުހިއްމުވާތީއެވެ.
ހެރިސްއަކީ ދެ ނަސްލަކާ ގުޅިފައިވާ ބޭފުޅަކަށް ވުމަކީ ސިޔާސީ ގޮތުން އޭނާއަށް ލިބިފައިވާ ފައިދާއެއް ކަމަށް ވެދާނެއެވެ. އޭނާގެ މަންމައަކީ އިންޑިޔާއަށް އުފަން މީހަކަށް ވާއިރު، ބައްޕައަކީ ޖެެމެއިކާއިން އެމެރިކާއަށް ހިޖުރަކުރި ކަޅު ނަސްލުގެ މީހެކެވެ.
ބައިޑަންގެ ރަނިންމޭޓަކަށް ހޮއްވެވި ހެރިސްއަކީ ޑިމޮރެޓިކް ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ބައިޑަންއާ ވާދަކުރެއްވި ބޭފުޅެކެވެ. އެެހެންކަމުން، ކެމްޕެއިންގެ ހަލަބޮލިކަމާއި، ވާދަވެރިކަން ބޮޑުވަރު ހެރިސްއަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ. ސެނެޓަރުކަމުގެ ފުރަތަމަ ދައުރު ފުރިހަމަކުރައްވަމުން ގެންދަވާ އުމުރުފުޅުން 55 އަހަރުގެ ކަމަލާ ހެރިސް އަކީ ޕްރައިމަރީ ކެމްޕޭނުގައި އެއް އިރެއްގައި އެންމެ ކުރީގައި ވާދަކުރެއްވި ބޭފުޅެކެވެ.
ކުރީގެ ރައީސު ބަރަކް އޮބާމާގެ ނާއިބު ރައީސުގެ ގޮތުުގައި 8 އަހަރު ހޭދަކުރެއްވި ޖޯ ބައިޑަން ވަނީ ރަނިންމޭޓަކު ހޯއްދެވުމުގައި ގިނަ ބޭފުޅުންތަކެއް ޝޯޓްލިސްޓުކުރައްވައި އެބޭފުޅުންގެ ތެރޭން އެންމެ އެކަށީގެންވާ ބޭފުޅަކާ މެދު ގޮތެއް ނިންމެވުމަށް ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައެވެ. އޭނާ ޝޯޓްލިސްޓުކުރެއްވި ބޭފުޅުންގެ ތެރޭގައި މެސެޗުސެޓްސްގެ ސެނެޓަަރު އެލިޒަބެތު ވޮރެންސް، ރައީސު އޮބާމާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުކަން ކުރެއްވި ސޫޒަން ރައިސް ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.
"އަހަރުމެންގެ ޕާޓީގެ ފަރާތުން ނާއިބު ރައީސު ކަމަށް އައްޔަންކުރެވުމަކީ އަހަރެންނަށް ލިބުނު ޝަރަފެއް. އަދި އޭނާ (ޖޯ ބައިޑަން) އަހަރުމެންގެ ކޮމާންޑަރ އިން ޗީފް ކަމަށް ކުރަންޖެހޭ ކޮންމެ މަސައްކަތެއް އަހަރެން ކުރާނަން." ރަނިންމޭޓަކަށް ވެވަޑައިގަތުމަށް ފަހު ކަމަލާ ހެރިސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވެއެވެ.
ގާނޫނީ ވަކީިލެއް ކަމުގައިވާ ހެރިސް ވަނީ ޕްރޮސެކިއުޓަރުކަމާ، ކެލިފޯނިޔާގެ ސްޓޭޓް އެޓާނީ ޖެނެރަލްކަންވެސް ކުރައްވާފައެވެ. އޭނާ ސެެނެޓަށް ހޮވިވަޑައިގަތީ 2016 ވަނަ އަހަރުއެވެ.