ލެބެނާންގެ ބޮޑުވަޒީރު ޙައްސާން ދިޔާބު އިސްތިއުފާދެއްވައިފި

ލެބެނާން (ލުބްނާން) ގެ ބޮޑުވަޒީރު ޙައްސާން ދިޔާބު އިސްތިއުފާދެއްވައިފިއެވެ. މި އޮގަސްޓު މަހުގެ 4 ވަނަ ދުވަހު ބޭރޫތުގައިި ގޮވި އާދަޔާޚިލާފަށް ބާރުގަދަ ގޮވުމުގެ ސަބަބުން ރުޅިއައިސްފައިވާ ރައްޔިތުން އޭނާގެ އިސްތިއުފާއަށް ގޮވައި އިހުތިޖާޖުކުރަމުން ދަނިކޮށް ގައުމާ މުޚާޠަބުކުރައްވައި އިސްތިއުފާދެއްވި ބޮޑުވަޒީރު ދިޔާބު މިރޭގެ ވަގުތެއްގައި ރައީސު މިޝޭލް ޢައުނާ ބައްދަލުކުރައްވައި އޭނާގެ އިސްތިއުފާ ރަސްމީކޮށް ހުށަހަޅުއްވާނެއެވެ.

"ދައުލަތަށްވުރެ ކޮރަޕްޝަންގެ ވިއުގަ ބޮޑު." އިސްތިއުފާއަށް ފަހު ދެއްކެވި ވާހަކަފުޅުގައި ދިޔާބު ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި މި ކާރިސާ ކުރިމަތިވީ "ސިޔާސީ ނިޒާމު ފަސާދަވެފައި" އޮތުުމުންނެވެ. އަދި ލެބެނާނުގެ ދާންވީ މިސުރާބު ކޮންޓުރޯލުކުރާ، ފިތުނައުފައްދައިގެން ދެމިއޮންނަން ބޭނުންވާ ވަކިބައެއްގެ ނުރައްކާ ބޮޑުކަމަށް ވެެސް ދިޔާބު ވިދާޅުވިއެވެ.

ލެބެނާނުގެ ގާނޫނުއަސާސީ ބުނާގޮތުން ބޮޑުވަޒީރު ރައީސަށް އިސްތިއުފާ ހުށަހެޅުއްވުމުން، ރައީސު އެހެން މީހަކު ބޮޑުވަޒީރުކަމަށް އައްޔަންކުރައްވާނެއެވެ.

ޙައްސާން ދިޔާބު ގައުމާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އޭނާ ވަނީ އެވިދާޅުވާ "ވަކިބަޔަކަށް" ބަހުގެ ވަރުގަދަ ހަމަލާތަކެއް ދެއްވާފައެވެ. އެއިން އެއްވެސް މީހެއްގެ ނަން ވިދާާޅުނުވެ ދިޔާބު ވަނީ މާލީ އަދި އިގްތިސާދީ ގޮތުން ގައުމު އަނދަވަޅަަކަށް ވެއްޓުމާއި، އޭނާ ސަރުކާރު ފޭލްކޮށްލުމަށް މަސައްކަތްކުރުގެ ތުހުމަތު އެ ވިދާޅުވި ވަކި ބައެއްގެ ބޮލުގައި އަޅުއްވާފައެވެ.

"އަހަރުމެން ވަނީ ހިތްވަރާ ޝަރަފާއެކު މަސައްކަތް ކުރިއަށް ގެންގޮސްފައި. އެހެންނަމަވެސް މިއަދު އަހަރުމެން މިއަދު އެއް ފިޔަވަޅު ފަަހަތަށް މިއަޅަނީ ރައްޔިތުންނާއެކު ތިބެންވެގެން." ދިޔާބު ވިދާޅުވިއެވެ.

ދިޔާބު އިސްތިއުފާދެއްވާފައި މިވަނީ އޭނާގެ ސަރުކާރުންގެ ވަޒީރުންތަކެއް އިސްތިއުފާދެއްވައި، ދެން ތިއްބެވި ބޭފުޅުންވެސް އިސްތިއުފާދެއްވާނެކަން ހާމަކުރައްވާފައި ވަނިިިިކޮށެވެ.

އިގްތިސާދީ ދަތިތަކެއްގެ ތެރޭގައި ލެބެނާނު އޮއްވައި މިއަހަރު ޖަނަވަރީ މަހުގެ ތެރޭގައި ސަރުކާރު ހިންގަވަން ހަވާލުވެވަޑައިގަތް ޙައްސާން ދިޔާބަށް ރަނގަޅަށް ހަމަޖެހިވަޑައިނުގެންނެވެނީސް ކުރިމަތީވީ ކޮވިޑް- 19 ގެ ބަލިމަޑުކަމެވެ. އެކަމުގެ ސަބަބުން އިގުތިސާދު އިތުރަށް ހީނަރުވެ ގައުމު ބަނގުރޫޓުވާ ހާލުގައި އޮއްވައި، 4 އޮގަސްޓުގައި ގޮވި ވަރުގަަދަ ގޮވުމާއެކު ލެބެނާނުގެ އިގުތިސާދު 'ބުރައިގެން' ދިޔައިރު، ޙައްސާން ދިޔާބުގެ ސަރުކާރުވެސް މިވަނީ ބުރައިގެން ގޮސްފައެވެ.

ފްރާންސުުން އިސްްނަގައިގެން ލެބެނާނަށް އެހީވާން ބޭއްވި ބައްދަލުވުމުުގައި ލެބެނާނަށް 300 މިލިއަން އެމެރިކާ ޑޮލަރު ދޭން ގައުމުތަކުން ވައުުދުވި ނަމަވެސް، މިއީ ގޮވުމުގެ ސަބަބުން ލިބިފައިވާ 5 ބިލިއަން ޑޮަލަރުގެ ގެއްލުން ފޫބައްދަން އެކަަށީގެންވާ އަދަދެއް ނޫނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.