ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަދުކުރުމަށްޓަކައި ވަކިން ސިނގިރެޓް ވިއްކުން މަނާ ކުރަން ދުންފަތް ކޮންޓްރޯލް ކުރުމާއިބެހޭ ބޯޑުން ނިންމައި ގަވައިދެއް އެކުލަވާލުމަށް ފަހު ރައީސް އޮފީހަށް ފޮނުވައިފިއެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާއިބެހޭ ބޯޑުގެ މެމްބަރަކު ވިދާޅުވީ ގަވައިދު ރައީސް އޮފީހަށް ފޮނުވީ ފަންނީ ބޭފުޅުންގެ ލަފަޔާވެސް އެކުގައި ގަވައިދެއް ހަދައި ބަންޑާރަ ނައިބުގެ ލަފާގެވެސް މަތިން ކަމަށެވެ. އޭނާ ވިދާޅުވީ އާ ގަވައިދަށް އަމަލު ކުރަން ފެށުމާއެކު ސައި ހޮޓާ ތަކާއި ފިހާރަ ތަކުންވެސް ސިނގިރެޓް ވިއްކަން މަޖުބޫރުވާނީ މަދުވެގެން ފޮއްޓެއްގެ ރޭޓުން ކަމަށާއި ވަކިން އެންމެ ސިނގިރެޓެއްވެސް ވިއްކުން މަނާ ވާނެކަމަށެވެ.
އޭނާ ވިދާޅުވީ ވަކިން ސިނގިރެޓް ވިއްކުން މަނާ ވުމުގެ އިތުރުން އާ ގަވައިދަށް އަމަލު ކުރަން ފެށުމުން ދުންފަތް ބަންދު ކޮށްފައި ހުންނަ ފޮށީގެ ބޭރުގައި އިންޒާރުގެ މެސެޖުތައް މިހާރަށްވުރެ އިތުރު ވެގެންދާނެ ކަމަށެވެ. އަދި ދުންފަތުގެ އެހެން ބާވަތްތައްވެސް ތިރީސް ގްރާމަށްވުރެ މަދުން ނުވިއްކާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އެއީ ދުނިޔޭގެ ބަޔެއް ގައުމު ތަކުގައިވެސް ދުންފަތުގެ އިސްތިއުމާލު ކުރުން ކޮންޓްރޯލްކޮށް ކުރުމަށްޓަކައި އަމަލު ކުރަމުން އަންނަ ގަވައިދު ތަކެއް ކަމަށާއި ދުންފަތުގެ ގެއްލުމާއި އެއިން ހަށިގަނޑަށް ކުރާ ނޭދެވޭ އަސަރު ވީހާ ވެސް ބޮޑަށް އެނގޭ ގޮތަކަށް މަންޒަރާ އެކު ވިއްކަން ވޯލްޑް ހެލްތު އޯގަނައިޒޭޝަނ އާއި ރާއްޖެ ބައިވެރިވެފައިވާ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ މުއާހަދާތަކުން ވެސް ބާރުއަޅާ ކަންކަން ކަމަށެވެ.